ސްޕެއިން ގައުމީ ޓީމާއެކު ކުޅެން އޮތް ދެ މެޗަށް ތައްޔާރުވާން ރޯދަ ދޫކޮށް ނުލާނެ ކަމަށާއި އެ ދެ މެޗަށް ވެސް ނުކުންނާނީ އާއްމުކޮށް މި ރަމަޟާން މަހު މެޗުތަކަށް ނުކުތް ގޮތަށް ރޯދައަށް ހުރެފައި ކަމަށް ޒުވާން ތަރި ލެމީން ޔަމާލް ބުނެފިއެވެ.
ސްޕެއިނުން ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގައި ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ލެގުގައި ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނާނެއެވެ. އެގޮތުން ފުރަތަމަ ލެގުގެ މެޗު 20 ވަނަ ދުވަހުގެ ރޭ މެންދަމު ކުޅޭނީ ނެދަލޭންޑްސްގައެވެ. ސްޕެއިންގައި ކުޅޭ މެޗު އޮންނާނީ 23 ވަނަ ދުވަހުގެ ރޭ މެންދަމުއެވެ.
އެ މެޗުތައް ކުޅުމަށް ޔަމާލް ސްކޮޑުގައި ހިމަނާފައިވާ އިރު، މިވަގުތު ޔޫރަޕްގައި އެންމެ ފޯމު ރަނގަޅުކޮށް ހުރި އެއް ކުޅުންތެރިޔަކީ ވެސް އޭނާއެވެ. މުސްލިމް އާއިލާއަކަށް އުފަން ޔަމާލް ބާސެލޯނާ މެޗުތައް ވެސް މި ދުވަސްކޮޅު ކުޅެމުން ދަނީ ރޯދައަށް ހުރެފައެވެ.
"އަހަރެން އާއްމުކޮށް ފަތިހު 4:00 ގައި ހޭލަން. ހޭލައިގެން ހާރަށް އެއްޗެއް ކާލައިގެން ފެން ބޮއި ހަދައިގެން ކޮންމެ ދުވަހެއްގެ ބާކީ ބައިގައި ހަމަ އުޅެނީ އެހެން ދުވަސްތަކުގެ ރޫޓީންގައި. މަދުވާނީ ހަމައެކަނި ހެނދުނުގެ ސަޔާއި މެންދުރު ކެޔުން. އަހަރެން ރޯދައަށް ހުރެވެސް ބަރާބަރަށް ތަމްރީނުތައް ކުރަން،" ޔަމާލް ބުންޏެވެ.
ޔަމާލް ބުނީ ސްޕެއިންގެ މެޗުތަކަށް ވެސް ރޯދަ ދޫކޮށްލަން ނުވިސްނާ ކަމަށާއި އެގޮތަށް ރޯދަ ދޫކޮށްނުލަން ނިންމީ އިސްލާމް ދީނަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.
މިހާތަނަށް ސްޕެއިން ފުުޓުބޯޅަ ޓީމުގެ ތާރީހުގައި ވެސް ކުޅުންތެރިޔަކު ރޯދައަށް ހުރެފައި މެޗު ކުޅެފައެއް ނުވެއެވެ. މިހާރު ނެދަލޭންޑްސްގެ އިރު އޮއްސޭ ގަޑިއަށް ބަލާ އިރު، ސްޕެއިން ޓީމާއެކު ޔަމާލް މެޗަށް ނުކުންނަން ޖެހޭނީ ރޯދަ ވީއްލުމަށްފަހު ގާތްގަނޑަކަށް ދޮޅުގަޑިއިރު ފަހުންނެވެ.
ސްޕެއިން
ސްޕެއިން
ސްޕެއިން
ސްޕެއިން