އިންޑިއާއާ ދެކޮޅަށް މިރޭ ކުޅޭ އެކުވެރިކަމުގެ މެޗުގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ކުޅޭނީ ރައްޔިތުންނަށްޓަކައި ކަމަށް ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގައި ރާއްޖެއިން ފުރަތަމަ ކުޅޭ މެޗު 25 ވަނަ ދުވަހު ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ގައުމީ ޓީމުން މިރޭ އެކުވެރިކަމުގެ މެޗުގައި ނުކުންނާނީ ވަރުގަދަ އިންޑިއާއާ ދެކޮޅަށެވެ.

މިރޭގެ މެޗު ރާއްޖެ ގަޑިން އިރުއޮއްސި 6:30 ގައި އޮންނާނީ އިންޑިއާގެ ޝިލޯންގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައެވެ. އެ މެޗަކީ އިންޑިއާއިން ވެސް ކޮލިފައިންނަށް ތައްޔާރުވާން ކުޅޭ މެޗެވެ. އިންޑިއާއިން ކޮލިފިކޭޝަންގައި އެންމެ ފުރަތަމަ ކުޅޭ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށްވެސް ނުކުންނާނީ އެ ދަނޑުގައެވެ.

މެޗުގާ ގުޅިގެން އިންޑިއާގައި ހުރެ ވާހަކަ ދައްކަމުން ކޯޗު ސުޒޭން ބުނީ އިންޑިއާ އާއި ރާއްޖެއަކީ މި ސަރަހައްދުގެ ގަދަ ދެބާރު ކަމަށާއި މެޗު ވެގެންދާނީ ވާދަވެރި މެޗަކަށް ކަމަށެވެ.

"ފުރަތަމަ ކަމަކަށްވެސް އިންޑިއާއިން ދެމުންދާ ހިދުމަތަށް ޝުކުރިއްޔާ. އަހަރެމެން 25 ވަނަ ދުވަހު ފިލިޕީންސާ ދެކޮޅަށް ނުކުންނަ އިރު، މި މެޗަކީ އެމެޗަށް ތައްޔާރުވާން ކުޅޭ މެޗެއް. އެހެންވިޔަސް، އިންޑިއާ އާއި ރާއްޖެއަކީ ސަރަހައްދީ ދެ ބާރު. އެހެންވީމަ މެޗު ވަރުގަދަވާނެ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން ފަހަކަށް އައިސް ގިނަ މެޗުތަކެއް ކުޅެފައި ނުވާ ނަމަވެސް، އެ ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށެވެ. އަދި ސުޒޭނަށް ކުޅުންތެރިން އިތުބާރު ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

"އަހަރެމެން ޓީމުން ބައިނަލްއަގުވާމީ ގިނަ މެޗުތަކެއް ނުކުޅެ އޮތް ނަމަވެސް، މި ކުޅުންތެރިންނާއެކު މަސައްކަތް ކުރާތާ ވަރަށް ދުވަސްވެއްޖެ. މި ކުޅުންތެރިންގެ ބަލިފައި، އަދި ގަދަފައި ވެސް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ. ކުޅުންތެރިންނަށް އަހަންނާ ދޭތެރޭ އިތުބާރު އޮންނާނެ. އަދި ހާއްސަކޮށް ރާއްޖެއަކީ ކޮންމެ ރަށެއްގައިވެސް ދަނޑެއް އޮންނަ ފުޓުބޯޅަ ގައުމެއް. އެހެންވީމަ މި ކުޅުންތެރިން ކުޅޭނީ ސީދާ ރައްޔިތުންނަށްޓަކައި،" ސުޒޭން ޕްރި މެޗު ޕްރެސްގައި ބުންޏެވެ.

ރާއްޖެ އާއި އިންޑިއާއިން މިހާތަނަށް ކުޅުނު 21 މެޗުގެ ތެރެއިން 15 މެޗު އިންޑިއާއިން ކާމިޔާބުކޮށްފައިވާ އިރު، އޭގެ ތެރެއިން ރާއްޖެއަށް މޮޅުވެވުނީ ހަތަރު މެޗަކުންނެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ދެ ގައުމުން އެންމެ ފަހުން ކުޅުނު މެޗަކީ 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގައި ކުޅުނު މެޗެވެ. އެ މެޗުން އިންޑިއާ މޮޅުވީ 3-1 އިންނެވެ. އިންޑިއާގެ ސުނިލް ޗެތުރީގެ ދެ ގޯލުގެ އިތުރުން ދެން ފެނުނީ މަންވީރު ސިންހުގެ ގޯލެކެވެ.