ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާދިން ހައި ކޯޓުގެ އިސް ފަނޑިޔާރު ސ. ހިތަދޫ ބާޒީގޭ ހުސެއިން ޝަހީދު ނަން އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ފަނޑިޔާރު ހުސެއިން ޝަހީދު ސުޕްރީމް ކޯޓުގެ ފަޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ޖޭއެސްސީން ލަފާދެއްވާފައިވާ ކަމަށް ވިދާޅުވެ، ފަނޑިޔާރު ހުސެއިން ޝަހީދަށް މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު، މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މިއަދުގެ ޖަލްސާގެ ތަޅުމަށް އިއްވުމުން، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވިކަން މަޖިލިސް ރައީސް އިއުލާން ކުރެއްވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމަށް ފަނޑިޔާރަކު ހޯދަން ޖޭއެސްސީން ފުރަތަމަ ހުޅުވާލީ މިދިޔަ ހޯމަ ދުވަހުއެވެ. އެ އިއުލާންގެ މުއްދަތު ހަމަވި އިރު، އެ މަގާމަށް ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ.
އެހެންވެ މިދިޔަ ބުދަ ދުވަހުގެ ރޭ ފަނޑިޔާރަކު ހޯދަން ދެވަނަ ފަހަރަށް އިއުލާން ކުރިއެވެ. އެ އިއުލާނުގެ މުއްދަތު މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަށް ހަމަވި އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ފަނޑިޔާރު ޝަހީދުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.
ޝަހީދަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ އިން މާސްޓާސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ އަދި ބެޗްލާސް ޑިގްރީ އިން ޝަރިއާ އެންޑް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ. ޝަހީދު ފަނޑިޔާރުކަމުގެ ހުވާކުރެއްވީ 26 ނޮވެމްބަރު 2014 ގައެވެ. ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ 24 ޖުލައި 2018 ގައެވެ. އޭނާ ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ހަމަޖެއްސީ 26 އޮކްޓޯބަރު 2023 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު