ރާއްޖޭގެ 75 ރަށެއްގައި ޕޮލިސް ސްޓޭޝަން ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އިއްޔެ ހަވާލުކޮށްފިއެވެ.
ހޯމްލޭންޑް މިނިސްޓްރީން އިއްޔެ ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސައްވަރުކުރައްވާފައިވާ ގޮތަށް އަދި އެ މަނިކުފާނުގެ ހާއްސަ އިރުޝާދުގެ ދަށުން 75 ރަށެއްގައި ފުލުހުންގެ އިންފްރާސްޓްރަކްޗާތައް ބިނާކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ފުލުހުންގެ ހިދުމަތަށް 91 އަހަރުވީ އިރު، މާލެ ހިމެނޭހެން މުޅި ރާއްޖޭގައި ހުރީ 17 އަމިއްލަ ޕޮލިސް ސްޓޭޝަން ކަމަށެވެ. ފުލުހުންގެ ހިދުމަތް ގާއިމުނުކުރެވި 70 ރަށެއް މި ދައުރު ފެށުނުއިރު އެބައޮތް ކަމަށް މިނިސްޓްރީން ބުންޏެވެ.
ނަމަވެސް އިއްޔެ ސޮއިކުރި އެއްބަސްވުންތަކާއެކު އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ބަދަލުކުރާ ރަށްތައް ފިޔަވައި ފުލުހުންގެ ހިދުމަތް ގާއިމުވެފައިނުވާ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް މިއަހަރުގެ ނިޔަލަށް ގާއިމުވެގެންދާނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުންޏެވެ.
އެ މަޝްރޫއު ނިމިގެންދާ އިރު، މީހުން ދިރިއުޅޭ ރަށްތަކުގެ ގާތްގަނޑަކަށް ދެބައިކުޅާ އެއްބައި ރަށުގައި ފުލުހުންގެ އަމިއްލަ ޒަމާނީ މަރުކަޒުތައް ގާއިމުކުރެވިގެންދާނެ ކަމަށާއި އެއާއެކު ފުލުހުންގެ ބަޖެޓުގެ ރިކަރެންޓް ހަރަދު ކުޑަކޮށް، ހިދުމަތްދިނުމަށް ކުރެވޭ ހޭދަ އިތުރުކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
- އާރުޑީސީ - 20 ޕޮލިސް ސްޓޭޝަން
- އެމްޓީސީސީ - 15 ޕޮލިސް ސްޓޭޝަން
- ފެނަކަ ކޯޕަރޭޝަން - 40 ޕޮލިސް ސްޓޭޝަން
ރައީސް މުއިއްޒު ރ. ވާދުއަށް މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ޕޮލިސް ސްޓޭޝަން ނުވަތަ ޕޮލިސް ޕޯސްޓްތައް ގާއިމުކުރާނެ ކަމަށެވެ.
ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި އެކަން ކުރުމަށް މިހާރު މަޝްރޫއެއް ފެށިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެ ރަށެއްގެ އާބާދީ އާއި އިގުތިސޯދާއި ރަށުގެ ބޭނުންތަކަށް އެންމެ އެކަށޭނަ ޕޮލިސް ޕޯސްޓެއް ނުވަތަ ޕޮލިސް ސްޓޭޝަނެއް ގާއިމުކުރާނެ ކަމަށާއި އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރު ކުރެވެމުންދާ ކަމަށެވެ.
"އަމާޒަކީ މި ފެށިގެންދާ އަހަރު ނިމެންވާ އިރު، 2025 ވަނަ އަހަރުގެ ނިޔަލަށް ދާއިރުގައި މުޅި ރާއްޖޭގައި ވެސް ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގައި އެންމެ އެކަށީގެންވާ ފެންވަރުގެ ޕޮލިސް ހިދުމަތް ދެވޭނެ އަމިއްލަ ތަނެއް، ތަނެއް ކުއްޔަށް ހިފައިގެންނެއް ނޫން، އަމިއްލަ އިމާރާތެއް އެކަމަށް އެންމެ އެކަށީގެންވާ ފެންވަރެއްގައި ގާއިމުކުރުން. އެކަމަށް ބޮޑު މަޝްރޫއެއް ފެށިފައި އޮތީ،" ރައީސް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު