މާލެ މަގުތަކުން ގަސްތައް ކަނޑާ މައްސަލައިގައި މާލޭ ސިޓީ ކައުންސިލުގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ ކަމަށް ކުރީގެ ރައީސް، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވިލިމާލޭގެ މަގުތަކުގައި ހުރި ގަސްތަކެއް ކައުންސިލުން ކަނޑާ ވީޑިއޯއެއް އާންމުންގެ މީހަކު ވަނީ މި ފަހުން ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

އެ ވީޑިއޯއާއެކު ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ މަގުތަކުގައި ހެދިފައި ހުންނަ ގަސްތައް ހިތުހުރި ގޮތަކަށް ކައުންސިލުން ކަނޑަމުންދަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

"މިކަމުގައި އެ ކައުންސިލުގެ މައްޗަށް ޖިނާއީ ދައުވާ އުފުލާން ޖެހޭ ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ވިލިމާލޭގެ މަގުތަކުން ގަސްތައް ކަނޑާފައިވަނީ އެ ތަނުގެ ބަސް ރޫޓަށް ދާދިފަހުން ބަދަލު ގެނައުމުން ގަހުގައި ބަސް ޖެހި، އެ އުޅަނދުތައް ހަލާކުވާތީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެދިގެން ކަމަށެވެ.

އާޒިމް ވިދާޅުވީ އަންނަ ހަފުތާގައި ވިލިމާލޭގައި އާ ގަސްތަކެއް ޖަހާނެ ކަމަށެވެ.

އަމީނީ މަގުގައި ތާރު އަޅައިގެން އެ މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން އެ މަގުގައި ހުރި ގަސްތައް ކެނޑި މައްސަލައެއް ނަޝީދު ވަނީ މީގެ ކުރިން ސިވިލް ކޯޓަށް 2022 ވަނަ އަހަރުގެ އޮކްޓޯބަރު އެއްވަނަ ދުވަހު ހުށަހަޅުއްވައިފައެވެ. މައްސަލަ ހުށަހެޅުއްވީ އޭރުގެ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީ އާއި، އަމީނީ މަގު ހެދުމުގެ މަސައްކަތްކުރި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ދެކޮޅަށެވެ.

އެ މައްސަލައިގައި ނަޝީދުގެ ފަރާތުން ވިދާޅުވެފައިވަނީ ތިމާވެށި ހިމާޔަތްކުރުމާއި ރަނގަޅު ތިމާވެށީގެ ވެއްޓެއް އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަކީ ދިވެހި ސަރުކާރުގެ މުއައްސަސާތަކުގެ މައްޗަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އަމީނީ މަގުގެ މަސައްކަތްކުރުމަށް ގަސްތައް ނުނަގައި ނުވާނެ ކަމަށް ދައުވާ ލިބޭ ފަރާތުން ބުންޏަސް، ގަސްތައް ނުނަގައި މަސައްކަތް ކުރިއަށްގެންދެވޭތޯ ދައުވާ ލިބޭ ފަރާތްތަކުން ބަލާފައިނުވާ ކަމަށް ނަޝީދުގެ ފަރާތުން ވަނީ ފާހަގަކުރައްވައިފައެވެ.

އަދި ވިދާޅުވެފައިވަނީ އެ ގަސްތައް ކެނޑުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުނަށާއި ތިމާވެއްޓަށް ލިބޭނެ ގެއްލުންތައް ވެސް ދައުވާ ލިބޭ ފަރާތްތަކުން ބަލާފައި ނުވާ ކަމަށެވެ. އަމީނީ މަގުގައި ހުރި ބިޔަބޮޑުތި ގަސްތައް ނެގުމުގެ ސަބަބުން އެ މަގުގައި އިތުރަށް ފެންބޮޑުވާނެ ކަމަށާއި އަދި އެކަމުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ސިއްހަތަށް ގެއްލުންވާނެ ކަމަށް އީއައިއޭ ރިޕޯޓުގައި ބަޔާންކޮށްފައިވާކަން ވެސް ފާހަގަކުރައްވާފައިވެއެވެ.

މަގުގެ މަސައްކަތަށް ނަގަމުންދާ ގަސްތަކުގެ ބަދަލުގައި އާ ގަސްތައްް އިންދި ނަމަވެސް، އެ ގަސްތައް ހެދިބޮޑުވުމަށް ގިނަ އަހަރުތަކެއްވާނެ ކަމަށްވުމުން މިހާރު ހުރި ގަސްތަކުގެ ސަބަބުން ތިމާވެއްޓަށާއި މީހުންނަށް ވަމުންދާ ފައިދާ އަވަސް މުސްތަގުބަލެއްގައި ނުވާނެ ކަމަށް އީއައޭގައި ބަޔާންކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

އެހެންކަމުން އަމީނީ މަގުން ގަސް ނެގުމުގެ މަސައްކަތް ކުރަމުންދަނީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނު، ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާ ބެހޭ ގަވާއިދު" އާއި ގާނޫނު އަސާސީގެ 23 ވަނަ މާއްދާ، ދިރިއުޅޭނެ ސާފު އަދި ސިއްހަތު ރަނގަޅު މާހައުލެއް ރައްޔިތުންނަށް ހޯދާނެ މަގު ތަނަވަސްކުރުމަކީ ދައުލަތުގެ ޒިންމާއެއްކަން ބަޔާންކޮށްފައިވާ މާއްދާ އަދި ރައްޔިތުން ކްލައިމެޓް އެމެޖެންސީ ޑިކްލަރޭޝަން ގާނޫނާއި ޕެރިސް އެގްރީމެންޓާ ހިލާފަށް ކުރިއަށްގެންދާ މަޝްރޫއަކަށްވުމުން އެކަން ހުއްޓުވައިދިނުމަށް އެދޭ ކަމަށް ނަޝީދުގެ ދައުވާގައި ވިދާޅުވެފައިވެއެވެ.

މިއާއެކު މި ދައުވާގެ މައުލޫއަށް ގޮތެއް ކަނޑައެޅުމުގެ ކުރިން، އަމީނީ މަގުގައި ހައްދާފައިވާ ގަސްތައް އުފުރުން ހުއްޓުވައި، ދައުވާގެ މުއާމަލާތް ކެނޑޭނެ އެއްވެސްކަމެއް ނުކުރުމަށް ނޭޝަނަލް ޕްލޭނިން މިނިސްޓްރީ އާއި އާރުޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ރައީސް ނަޝީދު ހުށަހެޅުއްވިއެވެ.

ސިވިލް ކޯޓުން އެ މައްސަލައިގައި 2022 ވަނަ އަހަރުގެ އޮކްޓޯބަރު ނުވަވަނަ ދުވަހު ހުކުމްކޮށްފައިވަނީ ނަޝީދު އެދިވަޑައިގެންނެވި ގޮތަށް އަމުރު ނެރެދެވެން ނެތް ކަމަށެވެ. އެ އަމުރު ނެރެދެވެން ނެތް ކަމަށްބުނެ ކޯޓުން ކުރި ހުކުމުގައި ތިން ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

އޭގެ ތެރޭގައި އަމުރަށް އެދޭ ފަރާތަށް ގާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ގާއިމުވެފައިނުވާ ކަމާއި، ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުލޫއީ ދައުވާ ލަސްވެގެން ހިނގައްޖެ ނަމަ އިއާދަ ނުކުރެވޭނެ ފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާން ޖެހޭކަން އެނގެން ނެތް ކަމާއި ވަގުތީ އަމުރަށް އެދޭ ފަރާތަކީ މި އަމުރަށް އެދުމުގެ ސިފަ ނުވަތަ ހައިސިއްޔަތު ގާނޫނީ ގޮތުން ލިބިގެންވާ ފަރާތެއް ކަމަށް ބެލެވެން ނެތުން ހިމެނެއެވެ.

ފަހުން 2023 ވަނަ އަހަރުގެ މާޗު 26 ގައި ނަޝީދު ވަނީ އެ މައްސަލަ އަނބުރާ ގެންދަވައިފައެވެ.