ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ ލިވަޕޫލުން ޕީއެސްޖީ ބަލިކުރި އިރު، ބަޔާން މިއުނިކާއި ބާސެލޯނާއިންވެސް ފުރަތަމަ ލެގު ކާމިޔާބުކޮށް އުންމީދު ބޮޑު ކޮށްފިއެވެ.

ލިވަޕޫލުން ރަށުން ބޭރުގައި 1-0 އިން ރޭ މޮޅުވި އިރު، އެމެޗުގައި ލިވަޕޫލްގެ ތަރިއަކީ ކީޕަރު އެލިސަން ބެކާއެވެ. ޕީއެސްޖީން 27 ހަމަލާއެއް މެޗުގައި އުފެއްދި އިރު، އޭގެ ތެރެއިން ނުވަ ހަމަލާއަކީ ގޯލާ އަމާޒުވެފައިވާ ހަމަލާތަކެވެ. އެލިސަން މެޗުގައި ނުވަ ސޭވެއް ކޮށްފައިވާ އިރު، އެލިސަންއަކީ ޗެމްޕިއަންސް ލީގު މެޗެއްގައި ލިވަޕޫލަށް އެންމެ ގިނަ ސޭވްކޮށްދިން ކީޕަރެވެ.

ލިވަޕޫލުން މުޅި މެޗުގައިވެސް ތަނަވަސްކުރީ އެންމެ ދެ ފުރުސަތެކެވެ. އޭގެ ތެރެއިން އެއް ފުރުސަތުގައި އެޓީމުން ގޯލު ޖެހިއެވެ. މެޗު ނިމެން ދަނިކޮށް ލިވަޕޫލްގެ ގޯލު ޖެހީ މުހައްމަދު ސަލާހްގެ ބަދަލުގައި މެޗަށް ނުކުތް ހާވީ އެލިއޮޓެވެ. އޭނާ އެ ގޯލު ޖެހީ ޑާވިން ނުނިއޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ޕީއެސްޖީން މެޗު ޑޮމިނޭޓްކޮށް ކުޅެފައިވާ އިރު، އުސްމާން ޑެމްބެލޭއާއި ކަވީޗާ ކަވަރަޓްސްޝޭލިއާގެ ތަފާތު ވަރަށް ބޮޑަށް ފެނިގެން ދިޔައެވެ.

ރޭ ބާސާއިން ރަށުން ބޭރުގައި ބެންފިކާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ ޕައު ކުބާސީއަށް ދެއްކި ރަތް ކާޑާއެކު ކުޅުންތެރިޔަކު މަދުން ކުޅެމުން ދިޔަ ބާސާއަށް ގޯލެއް ޖެހުނީ ދެވަނަ ހާފުގައެވެ.

ބެންފިކާގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައިގެން 61 ވަނަ މިނެޓުގައި ބާސާގެ ގޯލު ޖެހީ ބްރެޒިލްގެ ރަފީނިއާއެވެ. އެއީ ރަފީނިއާ މި ސީޒަނުގައި ޖެހި 25 ވަނަ ގޯލެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ބެންފިކާ އޭރިއާ ތެރެއިން ބާސާގެ ކީޕަރު ވޮޝެކް ޝެޒްނީ، އަންދްރޭއާ ބެލޮޓީއަށް ކުރި ފައުލަކަށް ރެފްރީ ފުރަތަމަ ޕެނަލްޓީއެއް ދިން ނަމަވެސް، ވީއޭއާރް ބެލި އިރު، އެ ބޯޅައަށް ފުރުސަތު ތަނަވަސްކުރިއިރު ބެލޮޓީ އޮތީ އޮފްސައިޑް މަގާމެއްގައެވެ.

ރޭ ބަޔާން މިއުނިކާއި ބަޔާން ލެވަކޫސަން ވާދަކުރި ގަދަ 16 ގެ މެޗު، ބަޔާން ދަނޑުގައި ކުޅުނު އިރު، އެމެޗު ބަޔާނުން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުގައި ހެރީ ކޭން ޖެހި ގޯލުން ބަޔާން މިއުނިކް ލީޑު ނެގި އިރު، ދެވަނަ ހާފުގައި ޖަމާލް މުސިއާލާ ލީޑު ފުޅާވެސް ކުރިއެވެ. އޭގެ އިރުކޮޅެއްފަހުން ލެވަކޫސަންގެ ނޯޑީ މުކިއޭލޭ އަށް ރަތްކާޑެއް ދެއްކި އިރު، ބަޔާން މިއުނިކްގެ ތިންވަނަ ގޯލެއްވެސް ޖެހީ ކޭންއެވެ.

ރޭ ގަދަ 16 ގައި އިންޓަ މިލާނުންވެސް ވަނީ ރަށުން ބޭރުގައި ފެޔަނޫޑް ކައިރިން 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.