ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކްލަބު އީގަލްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތަށި އުފުލާލައިފިއެވެ.
ޔޫތު ފުޓުބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ އީގަލްސް ކައިރިން މިރޭ މާޒިޔާ މޮޅުވީ 6-1 ގެ ނަތީޖާއަކުންނެވެ.
ގައުމީ ދަނޑުގައި ކުޅުނު ފައިނަލު ވަރުގަދަ ކޮށް ފެށީ އީގަލްސްއިންނެވެ. އެޓީމުން ވަނީ ކުރީކޮޅުގައި މެޗުގެ ލީޑު ނަގައިފައެވެ. އައްޝަމް އިބްރާހީމް މުހައްމަދު ޖެހި ގޯލާއެކު އީގަލްސްއިން ލީޑު ނަގައިގެން، ހާފު ނިމެންދެން އެ ލީޑު ދަމަހައްޓާފައިވެސް ވެއެވެ.
މާޒިޔާއިން އެޓީމުގެ ފޯމު ރަނގަޅުކުރީ ދެވަނަ ހާފަށް ނުކުމެވެ. ދެވަނަ ހާފަށް ނުކުމެ މާޒިޔާއިން ތަފާތު ރޫހެއްގައި ފެނިގެން ގޮސްފައިވާ އިރު، ހާފުގެ ކުރީކޮޅުގައި އައިދާން އަހުމަދު މޫސާ ޖެހި ގޯލުން އެއްވަރުކުރިއެވެ. އަދި އޭގެ ފަހުން އަނޫފް އަބްދުﷲގެ ދެ ގޯލާއެކު މާޒިޔާއިން މެޗުގެ އޮއިވަރު ބަދަލުކޮށްލައި، ކޮންޓްރޯލް ހޯދިއެވެ.
ފަހުކޮޅަށް ދިޔައިރުވެސް މާޒިޔާއިން ލީޑު ދަމަހައްޓަން އިތުރު މަސައްކަތްތަކެއް ކޮށް، އިތުރު ތިން ގޯލެއް ޖެހިއެވެ. އޭގެ ތެރެއިން އެއް ގޯލު މެޗުގައި މޮޅަށް ކުޅުނު ނައްސާހް އިބްރާހީމް ނާސިރު ޖެހި އިރު، އަނެއް ދެ ގޯލު ފަހު މިނެޓު ކޮޅުގައި ޖެހީ މުހައްމަދު އިލާން އިމްރާނެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް