ރާއްޖޭގެ ފުޓްސަލްގެ އެންމެ ޑިމާންޑް ބޮޑު، އެންމެ ޝަރަފުވެރި ތަށްޓަކީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށްޓެވެ. މިހާތަނަށް މަދު ރަށަކަށް ނޫނީ އެ ޝަރަފު ހޯދިފައެއް ނެތެވެ. އެ ޝަރަފަށްޓަކައި އަހަރުން އަހަރަށް ޓީމުތަކުން ބުރަކޮށް މަސައްކަތް ކުރަމުންދާ އިރު، ފަހު މަރުހަލާއަށް ދެވުމަކީވެސް ކާމިޔާބެކެވެ. ހާއްސަކޮށް ތާރީހުގައި ރަނުން އެ ޓީމެއްގެ ވާހަކަ ލިޔެލެވޭނެ ކާމިޔާބީއެއްވެސް މެއެވެ.

ވާދަވެރިކަން އިންތިހާއަށް ބޮޑު، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ސެމީ ފައިނަލަށްވެސް ޓީމުތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ. މުބާރާތުގެ ސެމީ ފައިނަލަށް މުޅިން އަލަށްވެސް ދެ ޓީމަކުން މިފަހަރު ނުކުމެއެވެ. އެއީ ހދ. ނައިވާދުއާއި ކ. ކާށިދުއެވެ. ނައިވާދޫން 2023 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަން ލ. ގަމާ ދެކޮޅަށް މިރޭ ސެމީގައި ނުކުންނަ އިރު، ކާށިދޫން އެ ޓީމުގެ ޖާދުވީ ދަތުރުގައި މިރޭ ނުކުންނާނީ 2023 ވަނަ އަހަރު ފައިނަލުގައި ކުޅުނު ގދ. ވާދުއާ ދެކޮޅަށެވެ.

ހަތަރު ޓީމުންވެސް ސެމީއާ ހަމައަށް ކުރި ދަތުރުގައި ތަފާތު މަންޒަރުތަކެއް ފެނުނެވެ. އެ ތަފާތު މަންޒަރުތަކުގެ ފަހަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ކޯޗުންނެވެ. ހާއްސަކޮށް ދެ ޓީމުގައިވެސް ތިބީ މުބާރާތަށް ފަރިތަ ކޯޗުންނެވެ. އަދި ތަފާތު ޓެކްޓިކަލް ވިސްނުމެއްގައި މަސައްކަތް ކުރާ ކޯޗުންނެވެ.

ނައިވާދޫގެ ކޯޗު، މުހައްމަދު އައްޒާމަކީ ފުޓްސަލްގައި އިތުރު ތައާރަފަކަށް ބޭނުންވާނެ ނަމެއް ނޫނެވެ. ފުޓްސަލް ކުޅުންތެރިއެއްގެ ގޮތުގައި ރާއްޖޭގެ ބޮޑެތި މުބާރާތްތައް ކާމިޔާބުކޮށް، މިދިޔަ އަހަރު މުބާރާތުގައި އުފަން ރަށް، ނ. ކެނދިކުޅުދުއާއާއެކު ތަފާތުވެސް ދެއްކިއެވެ. އެ އަތޮޅުގެ ޗެމްޕިއަންކަން ކެނދިކުޅުދޫން ހޯދުމުގެ އިތުރުން ގަދަ 16 ގައިވެސް ވާދަކުރިއެވެ. އެ ތަފާތުގައި އައްޒާމުގެ ސިކުނޑި މުހިންމެވެ.

އެ ކާމިޔާބީއަށްފަހު މިފަހަރު އައްޒާމް ނުކުތީ ހދ އަތޮޅުގެ އެންމެ ކާމިޔާބު ޓީމު، ނައިވާދޫ އާ ހަރުފަތަކަށް ގެންދަން ވިސްނައިގެންނެވެ. އެ މަސައްކަތް ކާމިޔާބުވެސް ކޮށްފިއެވެ. ނައިވާދޫން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލަށް ނުކުންނަނީ މުޅިން އަލަށެވެ. މިފަހަރުގެ ކުރިން ދެ ފަހަރެއްގެ މަތިން އެޓީމުން ކުއާޓާގައި ވާދަކުރި ނަމަވެސް، ގިރާ ނުކުރެވި އޮތް ހަރުފަތަކީ ސެމީ ފައިނަލަށް ދިއުމެވެ. އެކަން އައްޒާމްގެ މޭސްތެރިކަމުގެ ދަށުގައި ކުރީ ފުރިހަމައަށެވެ.

"ޓީމު ޕާފޮމަންސް ވަރަށް ރަނގަޅު މިހާތަނަށް އައިއިރު. ހީކުރި ވަރަށްވުރެވެސް އަސްލު ރަނގަޅު. ޓަފް ޒޯނަކަށްވީމަ، އެކަމަށް ވިސްނައިގެން ނުކުތީވެސް. އެއާއެކު ހަމަ މެޗަކަށްފަހު މެޗެއް ރަނގަޅުވަމުން މިދަނީ،" އައްޒާމް ޓީމުގެ ކުޅުމާ ދޭތެރޭ ކުރިން ބުންޏެވެ.

އައްޒާމަށް ގަދަ 16 އާ ހަމައިން ބޮޑު ޗެލެންޖެއްވެސް ކުރިމަތިވިއެވެ. އެއީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަބްދުﷲ ޝާފިއު (ޝާއްޕެ) އަށް އަނިޔާވުމެވެ. އެ އަނިޔާއާއެކު ޝާއްޕެއަށް މުބާރާތް ނިމުންވީ ޗެލެންޖަކަށް ނަމަވެސް، ގަދަ 16 އާއި ކުއާޓާ މެޗުން ނައިވާދޫ ތަފާތު ދައްކާ މޮޅުވިއެވެ.

އެހެންކަމުން މިރޭ ލ. ގަމާ ދެކޮޅަށް ނުކުންނަ އިރު، އައްޒާމަށް ޓީމަށް އިތުބާރު އޮންނާނެކަން ޔަގީނެވެ.

ގަމުގެ ފުޓްސަލް ތާރީހަކީ ބޮޑު ތާރީހެކެވެ. އެ ތާރީހުގައި އެންމެ އުފާވެރި އަހަރަކީ 2023 ކަން ޔަގީނެވެ. އެޓީމުން ވަނީ އެ އަހަރު ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދައި، ތާރީހު ލިޔެލައިފައެވެ. އެ ކާމިޔާބީގެ ފަހަތުގައި ހުރި ސިކުނޑިއަކީ ކޯޗު އިސްމާއީލް ޝަރީފް (އިއްސެ)އެވެ. އިއްސެގެ ޓެކްޓިކަލް ވިސްނުމަކީ ގަމަށް ލިބުނު ބޮޑު ފައިދާއެކެވެ.

ލ. ގަމަށް އުފަން ކޯޗަކަށްވުމާއެކު އިއްސެއަށް ހުރިހާ ކުޅުންތެރިންވެސް ގާތުން އެނގެއެވެ. އެ ތަޖުރިބާއަކީ އިއްސެއަށް ރަނގަޅު ދަނޑިވަޅުގައި ޓީމަށް ބަދަލު ގެންނަން އެނގޭ އެއް ސަބަބެވެ. ހާއްސަކޮށް އިއްސެއަށް ކުޅުންތެރިން ފުރިހަމައަށް އިތުބާރުކުރާ އެއް ސަބަބަކީވެސް އެއީއެވެ.

ގަމަށް މިއީ ޓަފް އަހަރެކެވެ. ގަމާއެކު 2023 ވަނަ އަހަރު މުބާރާތް ކާމިޔާބުކޮށް، އެފަހަރު "ކިންގް"ގެ މަގާމު ހޯދި ހުސައިން ޝަރީފް (އޮންލީ) އާ ނުލައި ނުކުންނަން ޖެހުން އެއީ މާޔޫސްކަމަކަށްވީ އިރު، އެޓީމަށް ވަނީ އަތޮޅާއި ޒޯން ތަށިވެސް ގެއްލިފައެވެ. އެހެންނަމަވެސް، ދެން ޖެހުނު ގަދަ 16 އާއި ކުއާޓާ ފައިނަލް މެޗުތަކުގައި ޕެނަލްޓީގައި ތަފާތު ދައްކައި ގަމުން އަނެއްކާވެސް ސެމީ ފައިނަލަށް ދިޔައެވެ.

"ޕްރެޝަރު ހެންޑަލް ކުރުމުގެ ސައިކޮލޮޖިކަލް އިޝޫއެއް ޓީމުގައި އެބައުޅޭ. ދެން އެ ކަންތައް ހައްލުކޮށްލައިގެން ގަޑި ހުއްޓައި މެޗުގައި އެކަން ހައްލުވާނެ ކަމަށް މި ބަލަނީ. ޓީމުގެ އެންމެ މުހިންމު އެއްޗަކީ އެކަކު އަނެކަކާ އޮންނަ ގުޅުން. އޮންނަ އިތުބާރު. އަދި އޭގެ އިތުރުން ގަމަކީ ވޯކް ރޭޓް ވަރަށް ވަރުގަދަ ޓީމެއް،" އިއްސެ ކުއާޓާއަށް ނުކުންނަމުން ބުންޏެވެ.

ކުއާޓާއިން ފެށިގެން ގަޑި ހުއްޓަން ފަށާފައިވުމާއެކު، ގަމަށް އެއީ ލިބުނު ހިތްވަރެއް ކަމަށް އިއްސެ ފާހަގަކުރިއެވެ. އެއީ ގަމުގެ މަސައްކަތު ރޭޓް މަތިވުމުންނެވެ. ބަދަލުތަކުގެ ބޭނުން ހިފައިގެން ކުއާޓާގައި އޭދަފުށި ކަޓުވާލި ގަމުން، މިރޭ ނުކުންނާނީ ޖެހިޖެހިގެން ތިންވަނަ ފައިނަލަށް ދާށެވެ.

އަލީ ހައިސަމް (ޗުމްޕު) އަކީ ކުޅުންތެރިއެއްގެ ގޮތުގައި ވިދާލި ތަރިއެކެވެ. ރާއްޖޭގެ ފުޓްސަލްގެ އިތުރުން ފުޓުބޯޅައިގައިވެސް ޗުމްޕުއަކީ ތަފާތު ކުޅުންތެރިއެކެވެ. އެ ތަޖުރިބާތަކާއެކު މިހާތަނަށް ފުޓްސަލްގައި އޭނާ ކުރި މަސައްކަތްތަކުގައިވެސް ދަނީ ތަފާތު ދައްކަމުންނެވެ.

ހއ. އުތީމާއެކު މިދިޔަ އަހަރުވެސް ތަފާތު ވިސްނުމެއް ގެންގުޅުނު ޗުމްޕުއަށް މިއީ ކެރިއަރުގައިވެސް އެންމެ ކާމިޔާބު އެއް މުބާރާތެވެ. އޭނާގެ ޓީމު، ކ. ކާށިދޫން އަތޮޅު ބުރުން ފެށިގެންވެސް އަންނަނީ ތަފާތު ރޫހެއް ދައްކަމުންނެވެ. އަތޮޅު ބުރުގައި ކ. ގާފަރުވެސް ކަޓުވާލި ކާށިދޫން ގަދަ 16 ގައި، މުބާރާތުގެ ތިންފަހަރުގެ ޗެމްޕިއަން ތ. ތިމަރަފުށި ކަޓުވާލިވެސް މެއެވެ. އަދި އެ ހައިރާންކުރުވަނިވި ނަތީޖާތަކަށް ބޮޅެއް އިތުރުކޮށްލީ ކުއާޓާ ފައިނަލުގައި ވިލިމާލެވެސް ކަޓުވާލައިގެންނެވެ.

ވިލިމާލެ ކަޓުވާލީވެސް ފަހަތުން އަރައި ތިން ގޯލު ޖަހައި، 3-2 އިންނެވެ. ޔަގީނުންވެސް ޗުމްޕުގެ ފިލޯސަފީ ސާފެވެ. އެއީ "މަސައްކަތު ރޭޓް،" އެވެ. އަދި އުންމީދު ކަނޑާނުލައި، އެންމެ ފަހު ކަށިގަނޑަށް ބުރަކޮށް މަސައްކަތް ކުރުވުމެވެ. އެކަން ޓީމުގެ ފަރާތުން ފެނެއެވެ.

"ހުރިހާވެސް އެއްޗަކީ ޓީމުގެ ކުޅުންތެރިން ދަނޑުމަތީގައި ކުރާ މަސައްކަތް. ހަގީގަތުގައި ޗެމްޕިއަނެއް ބަލިކުރެވޭނީ ވަރަށް މަސައްކަތް ކޮށްގެން. މި ހިސާބަށް އައިއިރު ތަށްޓެއް ނުލިބި އޮތަސް، ކުޅުންތެރިންގެ މޯޓިވޭޝަނެއް ނުވެއްޓޭ. ފައިނަލެއްގައި ބަލިވިޔަސް ކުޅުންތެރިން ވިސްނުން މި ހުންނަނީ ފަހަރަކު މެޗެއް ނަގައިގެން ކުރިއަށްދާން،" އަތޮޅާއި ޒޯން ތަށި ގެއްލިފައި އޮތް ކާށިދޫގެ ކޯޗު ޗުމްޕު ބުންޏެވެ.

ޓީމު ކުޅުންތެރިންގެ ނަޒަރުގައިވެސް ޗުމްޕުގެ ވިސްނުން ތަފާތެވެ. ވިލިމާލެ މެޗަށްފަހު، އެ މެޗުގައި މޮޅަށް ކުޅުނު އަޖުލާން އަބްދުލް ހަންނާން ބުނީ، އެއްވެސް އިރެއްގައި ބެންޗުން ޓީމަށް އުންމީދު ކަނޑާނުލާ ކަމަށެވެ.

"ނަތީޖާ އަނބުރާލަން ހަމަ ޓީމު އެއްކޮށް ކޯޗާއެކު މި ކިޔަނީ ހިއްލާލާށޭ. އަދި ބައްޔެއް ނުވޭ. އަދި ބައްޔެއް ނުވޭ. އެހެންވީމަ ޓީމުގެ އެއްޗަކީ ހަމަ މަސައްކަތް، މަސައްކަތް،" އަޖުލާން އެ މެޗަށްފަހު ބުންޏެވެ.

ކާށިދޫން ވާދުއާ ދެކޮޅަށް މިރޭ ނުކުންނާނީ ރަށުގެ ފުޓްސަލް ތާރީހު ބަދަލުކޮށްލުމަށެވެ.

ފުޓްސަލް ލެޖެންޑެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ފުޓްސަލް ކުޅުނު ޖީލުގައި "ކިންގް"އެކެވެ. ކޯޗިންނަށް ނުކުމެވެސް އަހުމަދު ވިޝާލް (އަންދު) ދަނީ އެ ތަޖުރިބާގެ ބޭނުން ކުރަމުންނެވެ. އަންދު މިފަހަރު ވާދޫ ޓީމާއެކު ކުރަމުންދާ މަސައްކަތުގައި އޭނާ ޓީމުގެ ވިސްނުން ބަދަލުކޮށްލައިފިއެވެ.

ވާދޫއަކީވެސް އެއްވެސް ހާލަތެއްގައި ދޫ ދޭނެ ޓީމެއް ނޫންކަން ޔަގީންކޮށްދީފިއެވެ. 2023 ވަނަ އަހަރު ފައިނަލުގައި ކުޅުމަށްފަހު މިދިޔަ އަހަރު ވާދުއަށް ދަށްކޮށް ދިޔަކަން ކުޅުންތެރިން ގަބޫލުކުރާ އިރު، އެ ވިސްނުން ބަދަލުކޮށްލީ "މެޗަކަށްފަހު މެޗަކަށް،" ވިސްނައިގެންނެވެ. ހާލަތު ބަދަލުކުރުމަށް އަންދުގެ ޓެކްޓިކަލް ވިސްނުން ދަނޑު ބޭރުން މުހިންމުކަން ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) ވެސް ފާހަގަކުރިއެވެ.

"އެންމެންނަށްވެސް ފެންނާނެ އަންދު ކޯޗު އެތަނުގައި މަޑުކޮށްލީމަ ޓީމަށް އައި ބަދަލު. އަންދު ކޯޗުގެ ތަފާތު ވަރަށް ބޮޑަށް ފެނިއްޖެ. ދެން އަޔާ އެހާ ބޭނުންވާ އެއްޗެއް ނޫން އަސްލު ޒޯން ތަށްޓަކީ. މިފަހަރު މި ޒޯން ތަށި ނަގައިދިނީ ސަޕޯޓަރުންނާއި އަންދު ކޯޗަށް. އަންދު ކޯޗު ވަރަށް ބޮޑަށް ބޭނުންވެފައި ހުރީ ޒޯން ތަށި،" އަޔާ ޒޯން ފައިނަލަށްފަހު ބުންޏެވެ.

ވާދޫން ކުއާޓާގައި މަތިވެރި ކަޓުވާލީ ޕެނަލްޓީގައި 8-6 އިންނެވެ. މެޗު ޕެނަލްޓީއަށް ދިޔައީ 4-4 އިން އެއްވަރުވެގެންނެވެ. މެޗު އެއްވަރުކުރި ގޯލު ވާދުއަށް ފަހު ސިކުންތުކޮޅުގައި ޖަހައިދިނީ ކެޕްޓަން އަޔާއެވެ. އެ ގޯލު ޖެހުމަށް މަދު ސިކުންތުކޮޅެއް އޮއްވައިވެސް، އަޔާއަށް ކުރިއަށް ޖެހި އެކަން ވާނެ ކަމަށް ބުނެދިނީ އަންދުއެވެ.

"ކޯޗު ކުޅުންތެރިންނަށް ހިތްވަރު ދީފަ ބުނީ ވާނެއޭ އަދިވެސް. އަދި އަޔާ ކުރިއަށް ޖައްސާފަ އަޔާ ކައިރީ ބުނީ ހިފަހައްޓައްޗޭ. އަދި އަޔާ ހިފައިފިއްޔާ ވާނެ ކަމަށް ބުނި،" އެ މެޗަށްފަހު އަޔާ ބުންޏެވެ.

ވާދޫގެ ތާރީހުގައި ދެވަނަ ފަހަރަށް ގޯލްޑަންގެ ފައިނަލަކަށް ދާން މިރޭ ކާށިދުއާ ދެކޮޅަށް ނުކުންނަ އިރު، އަންދުއަކީ އެޓީމަށް މުހިންމު "ކޮމްޕޯނަންޓް" އެކެވެ.