ރާއްޖެއަށް 72 ކިލޯގެ ޑުރަގް އެތެރެކުރި މައްސަލައިގައި ދައުވާކޮށްފައިވާ ތިން މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން ޑިސެމްބަރު 2020 ގައި ހިންގި އޮޕަރޭޝަންގައި ޖުމުލަ 10 މީހަކު ހައްޔަރުކުރިއެވެ.
- ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަގިއްޔު
- ރ. އިނގުރައިދޫ / އެލެސްކާ، މުހައްމަދު ވިޝާމް
- ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަހުމަދު ނަސީރު
- ކ. މާލެ / މއ. ކަނޑޫގެ، އަލީ އަހުމަދު
- ކ. މާލެ / ހ. ގާޑަންބިޔުޓީ، މުހައްމަދު އަކްރަމް
- ރ. އިނގުރައިދޫ / އެލެސްކާ، އަބްދުﷲ ވިޝާމް
- ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުހައްމަދު ޝަރީފް
- ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުހައްމަދު ފުރުގާން
- ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުހައްމަދު ވަޖީހު
- ރ. ރަސްގެތީމު / ފީރޯޒްގެ، އަހުމަދު ޝިނާން
އެ 10 މީހުންގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އަދި މި މައްސަލައިގައި ހިމެނޭ އަހުމަދު ނަސީރާއި މުހައްމަދު އަކްރަމް އަދި މުހައްމަދު ޝަރީފުގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓަށް ހުށަހެޅީ ފެބްރުއަރީ 2022ގައެވެ. ނަމަވެސް ނޮވެމްބަރު 2022ގައި އިރުފާން ތަގިއްޔުއާއި މުހައްމަދު އަކްރަމްގެ އިތުރުން އަހުމަދު ނަސީރު ފިޔަވައި ދެން ތިބި މީހުންނަށްކުރާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ދައުވާ ދައުލަތުން އަނބުރާ ގެންދިޔައެވެ.
އިރުފާނަކީ މި މައްސަލައިގައި އެންމެ އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުުކުރާ މީހާއެވެ. ދައުލަތުން ވިދާޅުވެފައިވާ ގޮތުގައި ޑުރަގް އުުފުލާފައިވާ ކާރަކީ އަކްރަމްގެ ހިޔާޒަތުގެ ދަށުގައިވާ ކާރެކެވެ. އަދި ޑުރަގް ގެނައި ލޯންޗަކީ ނަސީރު ދުއްވި ލޯންޗެެވެ. ނަމަވެސް އެ މީހުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން މި މައްސަލަ ބެލުމަށްފަހު މިއަދު ވަނީ އެ ތިން މީހުންގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ.
މި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހުސާން، އެ ހުކުމަށް ވާސިލުވި ރައުޔުގައި ވިދާޅުވީ ދުރާލައި ރާވައިގެން ނުވަތަ އިންތިޒާމު ވެގެން ސިއްރުން ހިންގާ ޖިނާއީ ކުށްތަކުގައި ވީޑިއޯ އެންޑް އިމޭޖު އެނަލިިސިސް ރިޕޯޓަކީ އެންމެ މުހިންމު އެއް ހެކި ކަމަށާއި ނަމަވެސް މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ވީޑިއޯ އަދި ފޮޓޯއިން ފެންނަ މީހާ ދެނެގަތުމުގައި ފުލުހުން ގޯސް ހަދާފައިވާ ކަމަށެވެ.
ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅައިފައިވާ އެ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓުގައި އަކްރަމްގެ ފޮޓޯ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެ ފޮޓޯއިން ފެންނަނީ ރ. އިނގުރައިދޫ/ އެލެކްސް، އަހުމަދު ވިޝާމްގެ ފޮޓޯއެއް ކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންވެ މުޅި އެ ރިޕޯޓުގެ ސައްހަ ކަމާމެދު ވަނީ ސުވާލު އުފެދި އިތުބާރު ގެއްލިފައި ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ ދައުވާކޮށްފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމުގެ ގޮތުން ހެއްކެއްގެ ގޮތުގައި ފޯން ކޯލް ޗާޓުތަކެއް ހުށަހެޅި ނަމަވެސް އެ ކޯލް ޗާޓު ތައްޔާރުކޮށްފައިވަނީ ކާކުކަން ދައުލަތުން ސާފުކޮށްދީފައިނުވާ ކަމަށެވެ. މީހެއްގެ ފޯން ކޯލްތައް ރިކޯޑުކުރަން އަދި ޓޭޕްކުރަން ކޯޓު އަމުރެއް ބޭނުންވާކަން ފާހަގަކުރައްވައި ގާޒީ ވިދާޅުވީ ފޯން ކޯލް ޗާޓުގައި ބަޔާންކުރާ ނަންބަރުތަކުގެ ވެރިފަރާތުގެ މައުލޫމާތާއި ކޯލްތަކުގެ ތަފުސީލާއި ސެލް ލޮކޭޝަންގެ މައުލޫމާތު ހޯދަން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ މައްޗަށް ކޯޓަކުން އަމުރުކުރި ކަމެއް ދައުލަތައް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
ފުލުހުން ތައްޔާރުކޮށްފައިވާ މޯބައިލް ފޮރެންސިކް ރިޕޯޓްތަކެއް ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި ނަމަވެސް ހާދިސާއާ ގުޅޭ ވާގިއާއެއް ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ އެއްވެސް މައުލޫމާތެއް މޯބައިލް ފޮރެންސިކް ރިޕޯޓުން ލިބިފައިނުވާ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
އަދި ދައުވާކުރާ މީހުންނާ ދެކޮޅަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި އިންޓެލިޖެންސް ރިޕޯޓަކީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ތައްޔާރު ކޮށްފައިވާ ސައްހަ ރިޕޯޓެއްކަން އެނގޭނެ އިތުރު އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
ގާޒީ އިތުރަށް ވިދާޅުވީ އަކްރަމްއާއި އިރުފާންގެ ގެ ބަލައިފާސްކޮށް ހެކީގެ ގޮތުގައި ބައެއް ތަކެތި ގެންދިޔަ ނަމަވެސް އެ ތަކެއްޗާއި މި މައްސަލައިގައި ހިމެނޭ 72 ކިލޯގެ މަސްތުވާތަކެއްޗާ ގުޅޭ ކުށުގެ މާއްދީއާއި މައުނަވީ ރުކުން ސާބިތު ކުރުމަށް ގުޅުވައިލެވޭ ގޮތެއް ދައުލަތުގެ ފަރާތުން ސާފުކޮށްދީފައިނުވާ ކަމަށެވެ.
އަދި ޑުރަގް އެތެރެކުރި ކަމަށް ދައުވާގައި ބަޔާންކުރާ "މަސްޖަރީ 2" ދޯނިން ތުރާތާ ބްރޭންޑުގެ ފޯނެއް ފެނުނުކަން ދައުލަތުން ފާހަގަކުރި އިރު ތުރާޔާ ބްރޭންޑުގެ ސެޓްލައިޓް ފޯނެއްގެ ހުސް ފޮށިގަނޑެއް އިރުފާންގެ ގެއިން ފެނުމަކީ އެ ދޯނިން ޑުރަގް ރާއްޖެއަށް އެތެރެކުރިކަން ސާބިތުކުރެވޭނެ ހެއްކެއް ދައުލަތުން ހުށަނާޅާ ކަމަށް ގާޒީ ވިދާޅުވިއެވެ.
އެކަންކަން ފާހަގަކޮށް ގާޒީ ހުކުމްކުރެއްވީ ދައުލަތުން، އިރުފާން ތަގިއްޔު، މުހައްމަދު އަކްރަމް އަދި އަހުމަދު ނަސީރުގެ މައްޗަށް ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުކުރުމަށް އެކަށީގެންވާ ހެކި ހުށަހަޅައިފައިނުވާތީ އެ ދައުވާ އެ ތިން މީހުންގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު