ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ސެމީ ފައިނަލް ފަހު ޖާގަތައް ކ. ކާށިދުއާއި ގދ. ވާދޫން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކުއާޓާ ފައިނަލް މެޗުތައް ރޭ ހުޅުމާލެ ރެހެންދި ދަނޑުތަކުގައި ކުރިއަށް ގޮސްފައިވާ އިރު، ކާށިދޫން އެ ރަށުގެ ތާރީހުގައި މުޅިން އަލަށް ސެމީ ފައިނަލަށް ދިޔައީ އަލަށް ކުޅުނު ކުއާޓާ ފައިނަލުގައި ވަރުގަދަ ވިލިމާލެ ކައިރިން 3-2 އިން މޮޅުވެގެންނެވެ.
މިދިޔަ އަހަރު ސެމީ ފައިނަލްގައި ކުޅުނު ވިލިމާލެ ކައިރިން ކާށިދޫ މޮޅުވީ ފަހަތުން އަރައި ތިން ގޯލު ޖަހައިގެންނެވެ. ކާށިދޫން ގަދަ 16 ގައި ތ. ތިމަރަފުށިވެސް ކަޓުވާލާފައިވާ އިރު، އޭގެ ކުރިން އަތޮޅު ސެމީ ފައިނަލުގައި އެޓީމުން ވަނީ ކ. ގާފަރުވެސް ކަޓުވާލައިފައެވެ. އެހެންކަމުން އެޓީމު ވެގެން ގޮސްފައި ވަނީ މިއަހަރު މުބާޜާތުގައި އެންމެ ތަފާތު ނަތީޖާތަކެއް ނެރުނު ޓީމަށެވެ.
މެޗުގެ ފުރަތަމަ ހާފުގައި ކާށިދޫގެ ފަސް ފައުލް ހަމަވެ، 14 ވަނަ މިނެޓުގައި ވިލިމާލެއަށް ދުރު ޕެނަލްޓީ ލިބިފައިވެއެވެ. އެޓީމުގެ ދުރު ޕެނަލްޓީގައި އަބްދުﷲ ޝައްފާން (ޝާކާ) ގޯލު ހުޅުވާލި އިރު، އޭގެ ދެ މިނެޓްފަހުން އިސްމާއީލް ވިފާގް (އިއްސެ) ޖެހި ގޯލުން ވިލިމާލެ ދެވަނަ ގޯލެއް ޖެހިއެވެ.
އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އަށް ގަދަ 16 މެޗުގައި ލިބުނު އަނިޔާގެ ސަބަބުން އޭނާއާ ނުލައި ވިލިމާލެއިން ނުކުތް އިރު، ހާފު ނިމުމުގެ ކުރިން ކާށިދޫން ގޯލެއް ޖަހައި ހިތްވަރު ހޯދިއެވެ. އެ ހޯލު ޖެހީ އިސްމާއީލް ރަޔާނެވެ. އެއީ ދުރު ޕެނަލްޓީއެއް ލިބިގެން އެޓީމުގެ އުފެއްދި ހަމަލާތަކެއްގައި ލިބުުނު ފުރުސަތެކެވެ.
ދެވަނަ ހާފަށް ނުކުމެ ކާށިދޫން ނަތީޖާ އަނބުރާލަން ޖެހި ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ އަޖުލާން އަބްދުލް ހައްނާނެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި އޭނާ ނަތީޖާ އެއްވަރުކޮށް، މެޗު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް، ދެވަނަ ގޯލެއް ޖަހައި މެޗު އަނބުރާލިއެވެ.
ކާށިދޫން މުޅިން އަލަށް ކުޅޭ ސެމީ މެޗުގައި ނުކުންނާނީ 2023 ވަނަ އަހަރު މުބާރާތުގެ ފައިނަލް ކުޅުނު ގދ. ވާދުއާ ދެކޮޅަށެވެ. ވާދޫން ރޭ ޕެނަލްޓީގައި އއ. މަތިވެރި ބަލިކުރީ 8-6 އިންނެވެ. މެޗު ޕެނަލްޓީއަށް ދިޔައީ 4-4 އިން އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ގޯލު އަބްދުﷲ އާހިލް އަލީ ވާދުއަށް ޖަހައިދިން އިރު، ވާދޫން ހާފު ނިންމާލީ ލީޑުގައި އޮވެގެންނެވެ. ވާދޫން ކުރީގައި އޮވެ ހާފު ނިންމާލި ނަމަވެސް، މަތިވެރިން ދެވަނަ ހާފު ފެށީ ވަރުގަދަކޮށެވެ.
ހާފުގެ ކުރީކޮޅުގައި މުހައްމަދު ޝަފުރާޒު ޖެހި ގޯލުން މަތިވެރި ނަތީޖާ އެއްވަރުކުރި އިުރ، ކީޕަރު މުހައްމަދު އިމްރާން ޕަވާ ޕްލޭއަށް ކުރިއަށް ނުކުމެ ޖެހި ގޯލުން މަތިވެރި ލީޑުވެސް ނެގިއެވެ.
އޭގެފަހުންވެސް އަނެއްކާ ގޯލު ޖެހީ މަތިވެރިއެވެ. އަލީ އަލްސަން އެ ގޯލު ޖެހި އިރު، ވާދުއަށް މެޗު އެއްވަރުކޮށްދޭން އެންމެ މުހިއްމު ރޯލެއް އަދާކުރީ މުހައްމަދު ނާއިލްއެވެ. އޭނާގެ ދެ ގޯލާއެކު މެޗު އެއްވަރުކުރި އިރު، މަތިވެރިން ދެން ލީޑު ނެގީ ޝަފްރާޒްގެ ގޯލަކުންނެވެ. އެ ލީޑާއެކު އޮއްވާ، މެޗު ނިމެން 10 ވަރަކަށް ސިކުންތު އޮއްވާ، އަޔާޒް އަހުމަދު (އަޔާ) ވާދޫ ޕެނަލްޓީއަށް ގެންގޮސްދިނެވެ.
ވާދޫގެ މުހައްމަދު ޝައިހާން ޖަލީލާއި މުހައްމަދު އިޔާދު އަލީގެ އިތުރުން ޔަޒްދާން އިބްރާހީމް އަދި އާހިލް ޕެނަލްޓީ ކާމިޔާބުކުރި އިރު، މަތިވެރިއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަލްސަންއާއި އަހުމަދު ފިރާޝް އެކަންޏެވެ.
ވާދުއާއި ކާށިދޫ ވާދަކުރާ ސެމީ ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ 10:00 ގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް