ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކުއާޓާ ފައިނަލުގައި އއ. މަތިވެރިއާއި ގދ. ވާދޫ ވާދަކުރަން ޖެހިއްޖެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގަދަ 16 ގެ ހުރިހާ މެޗެއް ރޭ ރެހެންދި ދަނޑުތަކުގައި ކުރިއަށް ގޮސްފައިވާ އިރު، މަތިވެރިން ގަދަ 16 ގައި ރޭ ނުކުތީ ދ. ކުޑަހުވަދޫއާ ދެކޮޅަށެވެ. އެމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، މެޗު 3-3 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި މަތިވެރިން މެޗު ކާމިޔާބުކުރީ 8-7 ގެ ނަތީޖާއަކުންނެވެ.
މަތިވެރިއަށް މެޗުގެ ފެށުން ދިޔައީ ގޯސްކޮށެވެ. ޖުމައިލް ޖަމީލް (ޖުމްބެ)ގެ ގޯލުން ކުޑަހުވަދޫން ކުރީކޮޅުގައި ލީޑު ނެގިއެވެ. އެ ގޯލާއެކު ލީޑުގައި ކުޅެމުން ދަނިކޮށް، ކޯނަރަކުން ތަނަވަސްކުރި ފުރުސަތުގައި މަތިވެރިއަށް އެއްވަރުކޮށްދިނީ އަހުމަދު ފިރާޝް (ކަހޫ)އެވެ.
މެޗު އެއްވަރުވެފައި އޮވެގެން ދެވަނަ ހާފަށް ނުކުމެ، ކުޑަހުވަދޫން ދެ ގޯލު ޖަހައި މެޗުގެ އޮއިވަރު ބަދަލުކޮށްލިއެވެ. އެއީ މުހައްމަދު އަރީޝް އާއި ކީޕަރު އަބްދުލް މާނިއު ޖެހި ގޯލުތަކުންނެވެ. މާނިއުގެ ގޯލަކީ ކުޅުމުގެ ތެރެއިން ލިބުނު ބޯޅައެއްގައި ސައްޕަކުން ގޯލު ތެރެއަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.
މަތިވެރިން މެޗުގެ ފަހުވަގުތު ތަފާތު ބަދަލެއް ގެނައެވެ. އެއީ ކީޕަރު ހުސައިން ސަބީލްގެ ބަދަލުގައި މުހައްމަދު އިމްރާން ޕަވާ ޕްލޭއަށް ކުޅެން ނެރުމާއެކު ކުޑަހުވަދޫއަށް ޕްރެޝަރުވިއެވެ. އިމްރާން ޕަވާ ޕްލޭގައި ކުރިއަށް ޖެހި މަތިވެރިއަށް ދެވަނަ ގޯލެއް ޖެހި އިރު، އެޓީމުގެ ތިންވަނަ ގޯލަކީ އޭރިއާ ތެރެއިން އޯވަހެޑަކުން މުހައްމަދު ސަފުރާޒް ޖެހި ގޯލެކެވެ.
އެ ގޯލާއެކު އެއްވަރުވެ ޖެހި ޕެނަލްޓީގައި މަތިވެރި ކީޕަރު އިމްރާން ދެ ޕެނަލްްޓީ މަތަކޮށް. ފަހު ޕެނަލްޓީ ކާމިޔާބުކޮށް މެޗު ޔަގީންކުރިއެވެ.
ވާދޫން 2023 ވަނަ އަހަރަށްފަހު އަނެއްކާވެސް ކުއާޓާ ޔަގީންކުރީ ޕެނަލްޓީގައި ހއ. ދިއްދޫ ބަލިކޮށްގެންނެވެ. ދިއްދުއާއި ވާދޫ ކުރިމަތިލި މެޗު، ފުރިހަމަ ވަގުތު ހަމަވި އިރު، އެއްވަރުވެފައި އޮތީ 1-1 އިންނެވެ. އެއީ ވާދޫގެ އަބްދުﷲ އާހިލްއާއި ދިއްދޫގެ ހައިސަމް ރަޝީދު (ހައި) ޖެހި ގޯލުތަކުންނެވެ.
ޕެނަލްޓީގައި ވާދޫގެ ކީޕަރު ޒައިދާން މުހައްމަދު ދެ ޕެނަލްޓީ މަތަކުރި އިރު، އެޓީމުގެ މުހައްމަދު އިޔާދު އަލީ، ޔަޒްދާން އިބްރާހީމް އަދި އަބްދުﷲ އާހިލް އަލީ އާއި މުހައްމަދު ނާއިލް ޕެނަލްޓީ ވެއްޖެއެވެ. ދިއްދުއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހައި އާއި އަހްޒަމް ރަޝީދު އަދި އަލީ އައިހަމް ރަޝީދެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ އަންގާރަ ދުވަހުގެ ރޭގައެވެ. އެރޭ ވާދުއާއި މަތިވެރި ވާދަކުރާ މެޗު އޮންނާނީ 9:40 ގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިއަހަރުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް"އިން ދަނީ މުބާރާތުގެ ހާއްސަ ކަވަރޭޖެއް ކުރިއަށް ގެންދަމުންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް