ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ޒޯން ހަތެއްގެ ޗެމްޕިއަންކަން ގދ. ވާދޫން ހޯދައިފިއެވެ.

ޒޯން ބުރުގެ ފަހު ފައިނަލްތައް ރޭ ރެހެންދި ދަނޑުގައި ކުޅެފައިވާ އިރު، ވާދޫން ފައިނަލުގައި ދަޑިމަގު ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗު ފޯރިގަދަކޮށް ނިމިގެން ގޮސްފައިވާ އިރު، މިއީ ވާދޫން ޒޯން ތަށި ހޯދި ތިންވަނަ ފަހަރެވެ.

އެޓީމަށް މިދިޔަ އަހަރު ޒޯން ތަށި ނުލިބި އޮތް ނަމަވެސް، އޭގެ ކުރީން 2022 އަދި 2023 ވަނަ އަހަރު ވާދޫން އޮތީ ޒޯން ތަށި ކާމިޔާބު ކޮށްފައެވެ.

ރޭގެ މެޗުގައި ވާދޫއަށް ހަމައެކަނި ގޯލު ޖަހައިދިނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހީމް ޝައުފް މުހައްމަދެވެ. އެއީ ހިލޭ ޖެހުމަކުން ތަނަވަސްކުރި ފުރުސަތެއްގައި ޖެހި ގޯލެކެވެ.

އެގޯލަށްފަހު މެޗު ފޯރިގަދަކޮށް ކުރިއަށް ދިޔަ އިރު، އެންމެފަހުވަގުތުކޮޅުގައި ދަޑިމަގުން ނުރައްކާވެސް ކުރިއެވެ. ޕަވާ ޕްލޭގައި އަލީ ޝަމާލް އަބްދުﷲ (ޝަންމު) ކުޅެން ނެރެ، ދަޑިމަގުން ނުރައްކާ ކޮށްފައިވާ އިރު، ޝަންމުވެސް ކުރިއަށް ޖެހި ކުރި މަސައްކަތުން މުހައްމަދު ސާދު ނިޒާރު ފޮނުވާލި ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވިއެވެ.

އަނެއްކޮޅުން ޕަވާ ޕްލޭއަށް ޝަންމު ކުރިއަށް ޖެހި އުޅެނިކޮށް، ނަޝާހް އަހުމަދު (ނައްޓު)އަށް ލިބުނު ބޯޅައެއްގައި އޭނާ ހުސް ގޯލަކަށް ބޯޅަ ފޮނުވާލި ނަމަވެސް، އަމާޒު ނުވެ ދިޔައީ ބޭރަށެވެ.

ޒޯން ހަތެއްގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވާދޫގެ އަޔާޒް އަހުމަދު (އަޔާ) އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔައީ އައްޑޫ ހިތަދޫ އަލީ ޝަނޫނެވެ.

ގަދަ 16 ގެ މެޗުތައް ހޮނިހިރު ދުވަހުގެ ރޭ އޮންނަ އިރު، ވާދޫން ނުކުންނަނީ ހއ. ދިއްދުއާ ދެކޮޅަށެވެ. ދަނޑިމަގުން ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަން ބ. އޭދަފުއްޓާ ދެކޮޅަށެވެ.

ގޯލްޑެން ފުޓްސަލްގެ މި ފަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ.