ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ހައެއްގައި ރޭ ތ. ތިމަރަފުއްޓާއި ލ. އިސްދޫ ވާދަކުރި މެޗު އެއްވަރުވުމާއެކު، އެ ޒޯން ފައިނަލުގެ ދެވަނަ ޖާގަ ތިމަރަފުށްޓަށް ލިބިއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ ފަހު މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ޒޯން ހައެއްގެ ފަހު ދެމެޗަށް ނުކުތްއިރުވެސް ލ. ގަމަށް އޮތީ އެ ޒޯނުގެ ފައިނަލާއެކު ގަދަ 16 ޔަގީންވެފައެވެ. އެއީ ދެމެޗުން ހަ ޕޮއިންޓާ އެކުގައެވެ.

ރޭ ގަމުން ތ. ހިރިލަންދޫ ކައިރިން 3-0 އިން ބަލިވި ނަމަވެސް، އެޓީމު ނިންމާލީ އެއްވަނައިގައެވެ. ދެވަނައިގައި ތިމަރަފުށި ނިންމާލީ ރޭ އިސްދޫ ކައިރިން 4-4 އިން އެއްވަރުވެގެންނެވެ. ރޭގެ މެޗަށް ނުކުތް އިރު، އިސްދޫއަށްވެސް ފައިނަލްގެ ފުރުސަތު އޮތެވެ. އެއީ ތިމަރަފުށި ބަލިކޮށްގެން ހޯދެން އޮތް ފުރުސަތެކެވެ.

ރޭގެ ނަތީޖާއާއެކު ދެވަނައިގައި ތިމަރަފުށި ގަދަ 16 ޔަގީންކުރީ ތިން މެޗުން ހަތަރު ޕޮއިންޓާއެކު، ފައިދާ ހަތަރު ގޯލުންނެވެ. އިސްދޫއަށްވެސް ތިން މެޗުން ހަތަރު ޕޮއިންޓް ލިބުނެވެ. މަދުވީ ފައިދާ ތިން ގޯލެވެ.

ތިމަރަފުށީގެ ގޯލުތައް ޖެހީ އާދަމް ނާސިހު (އާދަންނާ) އާއި މުހައްމަދު ތޯހިރުގެ އިތުރުން އިސްމާއީލް މުނީޒެވެ. އާދަންނާ މެޗުގައި ދެ ގޯލު ޖެހިއެވެ.

ރޭ ގަމުން ހިރިލަންދޫ ކައިރިން ބަލިވި މެޗުގައި އަހުމަދު މުފީދު ދެގޯލު ޖެހި އިރު، އަނެއް ގޯލަކީ ގަމުގެ މުހައްމަދު ރަޒާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ.

މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: އއ. މަތިވެރި - އދ. މަހިބަދޫ (ޒޯން 4)

ގްރައުންޑް 2: އދ. މަންދޫ - އއ. ތޮއްޑޫ (ޒޯން 4)

21:00

ގްރައުންޑް 1: ހދ. ނޭކުރެންދޫ - ހދ. ނައިވާދޫ (ޒޯން 1)

ގްރައުންޑް 2: ހއ. ދިއްދޫ - ހއ. ވަށަފަރު (ޒޯން 1)

22:00

ގްރައުންޑް 1: ށ. ކަނޑިތީމު - ށ. މިލަންދޫ (ޒޯން 2)

ގްރައުންޑް 2: ރ. އިނގުރައިދޫ - ރ. ދުވާފަރު (ޒޯން 2)