ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ޒޯން ހައެއްގެ ދެވަނަ މެޗުތައް ލ. ގަމާއި ތ. ތިމަރަފުށިން ކާމިޔާބު ކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ ފޯރިގަދަ މެޗުތައް ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ އިރު، ތ އަދި ލ. އަތޮޅު ޓީމުތައް ވާދަކުރާ ޒޯން ހައެއްގެ ކުޅުން ފެށީ ރޭގައެވެ. އެ ޒޯނުގައި ލ. އަތޮޅުގެ އާ ޗެމްޕިއަން އިސްދޫއާއެކު އެ އަތޮޅުގެ ރަނަރަޕް ގަން ވާދަކުރާ އިރު، ދެން ވާދަކުރަނީ ތ. އަތޮޅުގެ ޗެމްޕިއަން ތިމަރަފުއްޓާއި ރަނަރަޕް ހިރިލަންދޫ އެވެ.
ގަމުން ޒޯން ފެށީ ތިމަރަފުށި ކައިރިން މޮޅެއް ހޯދައިގެންނެވެ. އެޓީމަށް މިފަހަރު އަތޮޅު ޗެމްޕިއަންކަން ގެއްލިފައިވާ އިރު، އެޓީމު އަތޮޅު ފައިނަލުގައި ބަލިވީ އިސްދޫ ކައިރިންނެވެ. އަތޮޅު ފައިނަލުގައި އިސްދޫ ކައިރިން ބަލިވި ނަމަވެސް، ރޭ ގަމުން ވަނީ އިސްދޫ ކައިރިން 3-2 އިން މޮޅުވެ، ގަދަ 16 ޔަގީންކޮށްފައެވެ.
މެޗު ފަށައިގެން ފުރަތަމަ ދެ ގޯލު ޖަހައި ލީޑު ނެގީ ގަމުންނެވެ. އެ ގޯލުތައް ޖެހީ އަހުމަދު ހަލީމް (އަންމަޑޭ) އާއި އަބްދުﷲ ޖުނައިދު (ޖޭއްނޭ) އެވެ. އެ ދެގޯލާއެކު ގަމުން ލީޑުގައި ކުޅެނިކޮށް، އިސްދޫން ވަނީ ކުޅުން ރަނގަޅުކޮށް، މެޗު އެއްވަރުކޮށްފައެވެ. އަލީ މީސާހު އީސާ ޖެހި ގޯލުގެ އިތުރުން އިސްދޫގެ އަނެއް ގޯލަކީ ޖޭއްނޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެޗުން މޮޅުވާން ދެޓީމުންވެސް ބުރަކޮށް މަސައްކަތް ކޮށްފައިވާ އިރު، އިސްދޫގެ ފައުލް ހަމަވެ، ދެވަނަ ހާފުގައި ގަމަށް ދުރު ޕެނަލްޓީއެއްވެސް ލިބުނެވެ. އަންމަޑޭ ފޮނުވާލި ދުރު ޕެނަލްޓީ އިސްދޫގެ ކީޕަރު ވިސާމް އަބްދުﷲ މަތަކުރިއެވެ.
މެޗުން ގަން މޮޅުވީ ފަހު ސިކުންތުގައި އަންމަޑޭ ދުރުން ފޮނުވާލި ބޯޅައެއް ކަނަށް އަމާޒުކޮށްލައިގެންނެވެ.
އެ ޒޯނުގައި ފުރަތަމަ ކުޅުނު މެޗުން ބަލިވެފައި އޮތް ހިރިލަންދޫއާއި ތިމަރަފުށި ރޭ ވާދަކުރި މެޗު، ތިމަރަފުށިން ކާމިޔާބުކުރީ 6-1 ގެ ނަތީޖާއަކުންނެވެ.
ތިމަރަފުށީގެ އިބްރާހީމް އަސްވަދު (ގަބޭ)ގެ އިތުރުން މުހައްމަދު ތޯހިރު، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހި އިރު، ދެން އެޓީމުގެ ގޯލުތައް ޖެހީ އަހުމަދު އަފްލާޒާއި އިސްމާއީލް މުނީޒެވެ.
ހިރިލަންދޫގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ނިޝާހެވެ.
ޒޯން ހައެއްގައި މިހާތަނަށް ކުޅުނު ދެމެޗުން މޮޅުވެ، ގަމުން ހަ ޕޮއިންޓް ހޯދާފައިވާ އިރު، އިސްދުއާއި ތިމަރަފުއްޓަށް ދެމެޗުން ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ހިރިލަންދޫއަށް ދެމެޗުން ޕޮއިންޓެއް ނުލިބި ކަޓާފައިވާ އިރު، އިސްދުއާއި ތިމަރަފުށި ވާދަކުރާ މެޗަކީ ދެން ފައިނަލަށް ދާ ޓީމު ޔަގީންވާ މެޗެވެ. ގަމުން ފަހު މެޗުގައި ނުކުންނާނީ ހިރިލަންދުއާ ދެކޮޅަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ.
މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: ށ. ދުވާފަރު - ށ. މިލަންދޫ (ޒޯން 2)
ގްރައުންޑް 2: ނ. މިލަދޫ - ރ. އިނގުރައިދޫ (ޒޯން 2)
21:00
ގްރައުންޑް 1: އއ. ތޮއްޑޫ - ވ. ކެޔޮދޫ (ޒޯން 4)
ގްރައުންޑް 2: އއ. މަހިބަދޫ - އއ. މަންދޫ (ޒޯން 4)
22:00
ގްރައުންޑް 1: ހދ. ނޭކުރެންދޫ - ހއ. ވަށަފަރު (ޒޯން 1)
ގްރައުންޑް 2: ހއ. ނައިވާދޫ - ހއ. ދިއްދޫ (ޒޯން 1)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް