ދައުލަތުން ދިފާއީ ވަކީލުންގެ ހިދުމަތް ދިނުމަށް ހާއްސަ އޮފީހެއް ގާއިމުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ ކުރިއަރާފައިވާ މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި "ޕަބްލިކް ޑިފެންޑާސް އޮފީސް" ނަމުގައި ދައުލަތުގެ ދިފާއީ ވަކީލުންގެ އޮފީހެއް ގާއިމްކޮށްފައި ހުންނަ ކަމަށެވެ. އެއީ ޖިނާއީ މައްސަލަތަކުގައި އަމިއްލައަށް ވަކީލުން ނެގުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ދިފާއީ ވަކީލުން ހަމަޖައްސައިދިނުމުގެ ގޮތުން ހުންނަ އޮފީހެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ނިޒާމު ބައްޓަންކުރަން ޖެހޭނީ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ކޮންމެ މީހަކަށް ވަކީލެއްގެ އެހީތެރިކަން ލިބޭ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
"ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމުކޮށް ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ދޭނެ، އެކަމަށް ތަހުސީސް ވެގެން ތިބޭނެ ވަކީލުންތަކެއް އުފެއްދިއްޖެނަމަ ޖިނާއީ އަދުލުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ. އެހެންކަމުން އަޅުގަނޑު ގަސްދުކުރަނީ މިއަހަރުގެ ތެރޭގައި ޕަބްލިކް ޑިފެންޑާސް އޮފީސް ގާއިމުކުރުމާބެހޭ ހާއްސަ ބިލެއް މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅައި މި ނިޒާމް ގާއިމުކޮށްދޭން" ރައީސް ވިދާޅުވިއެވެ.
"މި އޮފީހުން މި ނިޒާމު ބައްޓަންކުރަން ޖެހޭނީ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ކޮންމެ މީހަކަށް ވަކީލެއްގެ އެހީތެރިކަން ލިބޭ ގޮތަށް" ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައު ތަކުގައި ޖިނާއީ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް ހައްލުކުރަނީ ނަސޭހަތުގެ އެއްބަސްވުމާއި އިއުތިރާފުގެ އެއްބަސްވުމުގެ އެހީގައި ކަމަށެވެ. އެކަން އެގޮތަށް ކުރުމުގެ ސަބަބުން ކޯޓުތަކުގެ ބުރަ ލުއިވެ، މައްސަލަތައް ފުނިޖެހުން ކުޑަވެގެންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވިސްނުންފުޅު ވެސް ހުރީ ރާއްޖޭގައި އެފަދަ ނިޒާމެއް ގާއިމުކުރަން ކަމަށް ވިދާޅުވިއެވެ.
އެގޮތުން ޖިނާއީ މައްސަލަތަކުގައި ކުށަށް އިއުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ އަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އެ މީހުންނަށް އިތުރު ފުރުސަތު ދީ، މުޖުތަމައަށް ރުޖޫއަވޭނެއް ގޮތެއް މަގުފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކުރާނީ ކުދިކުދި މައްސަލަތަކުގައި ހިމެނޭ މީހުންނަށް ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މިގޮތުން ތަހުގީގުގައި ކުށަށް އިއުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ އަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އަދި އެ މީހުންނަށް އިތުރު ފުރުސަތު ދީ، މުޖުތަމައަށް ރުޖޫއަވެ، މުޖުތަމައުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ މީހުންގެ މައްޗަށް ކުށުގެ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަލަ ނިންމޭ މިންވަރު އިތުރުކުރުން ވަރަށް މުހިންމުކަމުގައި ދެކެން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނަސޭހަތުގެ އެއްބަސްވުމަކީ ގާނޫނުގައި ވަކި މިންވަރަކަށްވުރެ ލުއި އަދަބެއް ކަނޑައެޅިފައިވާ ކުށް ކުރާ މީހުންނާއި، އަލަށް ކުދި ކުށް ކުރާ މީހުން ކުށަށް އިއުތިރާފުވާ ނަމަ ކުށުގެ ވެށިން ދުރުހެލިކޮށް މުޖުތަމައަށް އެނބުރި ރުޖޫއަވުމަށް ދެވޭ މުހިއްމު ފުރުސަތެއް ކަމަށެވެ.
ނަސޭހަތުގެ އެއްބަސްވުމުގެ ދަށުން އެމީހަކު ކުރާ ކުށަކާ ގުޅިގެން އެމީހެއްގެ މައްޗަށް ދައުވާކުރުމުގެ ބަދަލުގައި ޕްރޮސިކިއުޓާ ޖެނެރަލް ކަނޑައަޅާ ވަކި މުއްދަތަކަށް އިތުރު ކުށެއް ނުކޮށް ދެމިހުރެއްޖެ ނަމަ، އޭނާ ކުރި ކުށާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އެއްބަސްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ކޮށްފިނަމަ، އެ ކުށަކާ ގުޅިގެން ނަސޭހަތުގެ އެއްބަސްވުން ވެވުނު ކުށާއި، ދެވަނައަށް ކުރި ކުށާއެކު، އެ ދެ ކުށަށް ދެ ދައުވާ ކޯޓަށް ހުށަހެޅިގެން ދާނެ. މީގެ ބޭނުމަކީ އަލަށް ކުދި ކުށްކުރާ މީހުންނަށް އަލުން މުޖުތަމައަށް ރުޖޫއަވުމުގެ ފުރުސަތު ދިނުން" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު