ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ޒޯން ހައެއްގެ ފެށުން ލ. އަތޮޅުގެ ދެ ޓީމު ކަމަށްވާ ގަމާއި އިސްދޫން ރަނގަޅުކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ ފޯރިގަދަ މެޗުތައް ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ އިރު، ތ އަދި ލ. އަތޮޅު ޓީމުތައް ވާދަކުރާ ޒޯން ހައެއްގެ ކުޅުން ފެށީ ރޭގައެވެ. އެ ޒޯނުގައި ލ. އަތޮޅުގެ އާ ޗެމްޕިއަން އިސްދޫއާއެކު އެ އަތޮޅުގެ ރަނަރަޕް ގަން ވާދަކުރާ އިރު، ދެން ވާދަކުރަނީ ތ. އަތޮޅުގެ ޗެމްޕިއަން ތިމަރަފުއްޓާއި ރަނަރަޕް ހިރިލަންދޫއެވެ.

އަތޮޅު ތަށި ގެއްލިފައި އޮތް ގަމުން ރޭ ތިމަރަފުށި ކައިރިން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ ވާދަވެރި، ވަރުގަދަ މެޗެކެވެ. ތިމަރަފުށިން މީގެ ކުރިން ތިން ފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބު ކޮށްފައިވާ އިރު، ގަމަކީވެސް މީގެ ކުރިން މުބާރާތް ކާމިޔާބު ކޮށްފައިވާ ވަރުގަދަ ޓީމެކެވެ.

މެޗުގައި ދެޓީމުގެ ފަރާތުންވެސް ތަފާތު ވާދަވެރިކަމެއް ފެނިގެން ގޮސްފައިވާ އިރު، ހަމައެކަނި ގޯލު ފެނުނީ ދެވަނަ ހާފުގައެވެ. އެ ގޯލަކީ އަހުމަދު އަޖުވަދު ޖަހައިދިން ގޯލެކެވެ. ތިމަރަފުށީގެ ފަހަތުން ހެދި ގޯހަކުން ފައިދާ ނަގައި، ހުސައިން ނާޝިދު (ނާއްޓޯ) ޖައްސާލި ބޯޅަ އަޖުވަދު ގޯލަށް ވައްދާލީ އެއްފަހަރުންނެވެ.

އޭގެފަހުން ތިމަރަފުށިން ނުރައްކާ ބޮޑުކުރި ނަމަވެސް މޮޅަށް ކުޅުނު ގަމުގެ ކީޕަރު މުހައްމަދު ލުފްޝާން (ޕަފް) ވަނީ ގަމަށް މުހިއްމު ތިން ޕޮއިންޓް ޔަގީންކޮށްދީފައެވެ.

އިސްދޫން ރޭ ހިރިލަންދޫ ބަލިކުރީ 5-3 ގެ ނަތީޖާއަކުންނެވެ. އިސްދޫގެ އަލީ ހުމޭޒު ދެ ގޯލު ޖެހި އިރު، ދެން އެޓީމުގެ ގޯލުތައް ޖެހީ ހުސައިން އަފްހާނާއި އަހުމަދު އަފްސަމް އަދި ލޫތު އަހުމަދު ފަތުހީއެވެ. ހިރިލަންދޫގެ ގޯލުތައް ޖެހީ އަހުމަދު މުފީދާއި މުހައްމަދު ނިޝާހް އަދި މުހައްމަދު ޝަމްހާނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ.

މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: ހއ. ދިއްދޫ - ހދ. ނޭކުރެންދޫ (ޒޯން 1)

ގްރައުންޑް 2: ހއ. ވަށަފަރު - ހދ. ނައިވާދޫ (ޒޯން 1)

21:00

ގްރައުންޑް 1: ޅ. ކުރެންދޫ - ބ. އޭދަފުށި (ޒޯން 3)

ގްރައުންޑް 2: ކ. މާފުށި - ކ. ކާށިދޫ (ޒޯން 3)

22:00

ގްރައުންޑް 1: ހުޅުމާލެ - ވިލިމާލެ (ޒޯން 8)

ގްރައުންޑް 2: މައްޗަންގޯޅި - މާފަންނު (ޒޯން 8)