ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ދ. އަތޮޅު ޗެމްޕިއަންކަން، އަނެއްކާވެސް ކުޑަހުވަދޫން ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ފައިނަލްތައް މިހާރު ކުރިއަށްދާ އިރު، މިރޭ ކުޅުނު ދ. އަތޮޅު ފައިނަލުގައި ކުޑަހުވަދޫން ވާދަވެރި މާއެނބޫދޫ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މާއެނބޫދުއާއި ކުޑަހުވަދުއަކީ ދ. އަތޮޅުގެ އެންމެ ވާދަވެރި ދެޓީމެވެ. ކުޑަހުވަދޫން މިދިޔަ ހަތަރު އަހަރުވެސް އަތޮޅު ތަށި ނެގީ މާއެނބޫދުއާ ވާދަކޮށްގެންނެވެ. މިފަހަރުގެ ފައިނަލަށް ނުކުތް އިރު، ލީގު ބުރުގައި މާއެނބޫދޫ އޮތީ ކުޑަހުވަދޫ ބަލިވެސް ކޮށްފައެވެ.

އެ ހާލަތުގައި އޮވެގެން ފައިނަލަށް ނުކުމެ ކުޑަހުވަދޫން އިތުރު އަތޮޅު ތަށްޓެއް ހޯދާފައިވާ އިރު، ފުރަތަމަ މެޗުގައި ލީޑު ނެގީވެސް އެޓީމުންނެވެ. އެއީ ހަތްވަނަ މިނެޓުގައި މުހައްމަދު އަރީޝް ޖެހި ގޯލުންނެވެ. އޭގެފަހުން ހާފު ނިމުމުގެ ކުރިން މާއެނބޫދޫން މެޗު އެއްވަރުކުރީ ލިބުނު ހިލޭ ޖެހުމެއްގައި އަހުމަދު ޝައިހާން ޖެހި ގޯލުންނެވެ.

ދެވަނަ ހާފަށް ނުކުމެ، މާއެނބޫދުއަށް ރަނގަޅަށް މެޗު ތެރެއަށް ނުވަދެވިގެން އުޅެނިކޮށް، ކުޑަހުވަދޫން ދެ ގޯލު ޖެހިއެވެ. އެ ގޯލުތައް ޖެހީ ހުސައިން އިފްހާމާއި މާޒިޒް ވަހީދެވެ.

މެޗުގެ ފަހު ވަގުތު ކޮޅުގައި ކުޑަހުވަދޫގެ ހުސައިން އައިހަމްއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރެފްރީ ރަތް ކާޑު ދެއްކި އިރު، މެޗަށްފަހު ހިނގި ކަމެއްގައި މާއެނބޫދޫގެ އަހުމަދު ލަޔާން ހަސަން ޒަރީރަށްވެސް ރެފްރީ ރަތް ކާޑު ދެއްކިއެވެ.

ދ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ކުޑަހުވަދޫގެ އަރީޝް ހޮވުނު އިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ މާއެނބޫދޫގެ އާމިލް އަލީއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މާދަމާ ރޭވެސް ފޯރިއާއެކު ކުރިއަށްދާނެ އެވެ.

މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.