ދެހާސް ފަނަރަ ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަޅިން ހަމަލާދީ މަރާލި ހ. ހަންޑްރެޑް ފްލާވާސްގޭ، ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ހައިކޯޓުގައި ފަށައި ވަކީލުން އައްޔަންކުރުމުގެ ފުރުސަތު ދީފިއެވެ.

ޖައިލަމުގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވަނީ ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ، އިސްމާއިލް އަނީގާއި ޏ. ފުވައްމުލަކު ޖަމްނާ، އަލީ އިރުފާންގެ އިތުރުން ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.

ޖައިލަމް މަރާލިތާ ހަތް އަހަރު ފަހުން، އެ މީހުންގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ 2022 ވަނަ އަހަރުގެ މާޗު މަހުގެ 10 ވަނަ ދުވަހުއެވެ. ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ނަސީމު ސައީދު، އިސްމާއިލް އަނީގް އަދި އަލީ އިރުފާންގެ މައްޗަށް ކުށް ސާބިތުނުވި މައްސަލައެވެ. ހުމައިދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކޮށްފައެއް ނުވެއެވެ.

ހައިކޯޓުގައި މިއަދު ކުރިއަށްދިޔަ އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ވިދާޅުވީ ތުހުމަތުކުރެވޭ މީހުން ފާހަގަކުރަން ފުލުހުން ރިޕޯޓެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. ދައުލަތުން ފުލުހުންގެ އެ ރިޕޯޓް ހެއްކެއްގެ ގޮތުގައި ދަށު ކޯޓަށް ހުށަހެޅި ކަމަށާއި ނަމަވެސް ދަށު ކޯޓުން އެ ރިޕޯޓަށް ރިއާޔަތް ނުކޮށް މައްސަލަ ނިންމައިފައިވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ. ދަށު ކޯޓުން އެ ރިޕޯޓަށް ރިއާޔަތް ނުކުރީ މި މައްސަލައިގައި ހުށަހެޅި ހެކިންގެ ހެކިބަހުގައި ވެސް ދައްކައިފައިވާ ވާހަކަތަކެއް އެ ރިޕޯޓުގައި ހުރުމުން ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ދައުލަތުން ވިދާޅުވީ މި މައްސަލައިގައި ހުށަހެޅި ސިއްރު ހެކިވެރިޔާ އެކެއް ހެކިބަހުގައި މި ހާދިސާ ވަރަށް ތަފުސީލުކޮށް ކިޔައިދީފައިވާ ކަމަށެވެ. އެގޮތުން ހާދިސާ ހިނގި ދުވަހާއި ހާދިސާ ހިނގި ތަނާއި ހާދިސާ ހިނގިތަން ފެނިފައިވަނީ 20 ފޫޓު ދުރުން ކަމަށް ސިއްރު ހެކިވެރިޔާ އެކެއް ހެކިބަހުގައި ބުނެފައިވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

އަދި ޖައިލަމަށް ހަމަލާ ދީފައިވަނީ ހުމައިދު އާއި އަނީގު ކަމަށް ވެސް އެ ހެކިވެރިޔާ ބުނެފައިވާނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ. ނަސީބު ހުރީ އަނީގު ދުއްވަންއިން ސައިކަލްގައި ކަމަށާއި ޖައިލަމަށް ފުރަތަމަ ހަމަލާދީފައިވަނީ އަތުންނާއި ފައިން ކަމަށް ހެކިވެރިޔާ ބުނެފައިވާނެ ކަމަށެވެ. އަތުންނާއި ފައިން ފުރަތަމަ ހަމަލާދީފައިވަނީ އަނީގު ކަމަށް ހެކިވެރިޔާ ބުނެފައިވާނެ ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.

ޖައިލަމްގެ ގައިގައި އަތުންނާއި ފައިން އަނީގު ތަޅަމުންދިޔަ އިރު، ނަސީބު ހުރީ ބަލަން ކަމަށާއި އޭގެފަހުން ހުމައިދު ވަނީ އެއް ފޫޓު ހުންނަ ވަރުގެ ފެހި ކުލައިގެ ވަޅިއެއް ޖައިލްގެ ގަޔަށް ޖަހައިފައި ކަމަށް ހެކިވެރިޔާ ހެކިބަސް ދީފައިވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ. މާރާމާރީ ހިންގި އިރު އިރުފާން ވެސް އެތަނުގެ ކައިރީގައި މަޑުކޮށްގެން ހުރި ކަމަށް ހެކިވެރިޔާ ހެކިބަސް ދީފައިވާ ކަމަށެވެ.

ސިއްރު ހެކިވެރިޔާ ފަހެއް ވެސް ވަނީ ދެ ސައިކަލެއްގައި ހަތަރު މީހަކު އައިސް އަތުންނާއި ފައިން ތަޅައި މާރާމާރީ ހިންގައި އައުގުރާނަ ގޮވައި އޭނާ މަރާލަންވީ ކަމަށް ގޮވާފައި ކަމަށް ބުނެފައި ކަމަށް ދައުލަތުން ވިދާޅުވިއެވެ. އަދި އެފަހުން އެ ސަރަހައްދުން ގިނަ އަދަދެއްގެ ލޭ ފެނުނު ކަމަށާއި ޖައިލަމްގެ ހަށިގަނޑުން ވެސް ގިނަ އަދަދެއްގެ ލޭ އެއިރު ފައިބަމުން ދިޔަ ކަމަށް ސިއްރު ހެކިވެރިޔާ ފަހެއް ހެކިބަސް ދީފައިވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ހުމައިދާ ދެކޮޅަށް ކުރި ދައުވާއާ ގުޅިގެން އެއްވެސް ފަރާތަކުން ހެކިބަސް ދިނުމަށް ހާޒިރުވެފައިނުވާތީ ދަށު ކޯޓުން ނިންމީ މައްސަލަ ސާބިތުނުވާ ކަމަށެވެ.

ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން ނަސީބު ބުނީ ޖައިލަމަށް ވަޅިން ހަމަލާދިން ހުމައިދަށް ދައުވާނުކޮށް ދެންތިބި މީހުންގެ މައްޗަށް ދައުވާކުރާތީ ހައިރާންވާ ކަމަށެވެ. މި މައްސަލައިގައި ދައުވާގައި ވެސް ބަޔާންކޮށްފައިވަނީ ހުމައިދު އަކީ ވަޅި ހެރި މީހާ ކަމަށާއި ސިއްރު ހެކިވެރިއާގެ ހެކިބަހުގައި ތުހުމަތުވާ ހުރިހާ މީހުންގެ ނަން ބުނި ކަމަށް ވިޔަސް ފަހުން ފޮނުވި ސިޓީގައި ވަނީ އެކަމަށް އިންކާރުކޮށްފައި ކަމަށް ނަސީބު ބުންޏެވެ.

މި މައްސަލައިގައި ހިމެނޭ ސިއްރު ހެކިވެރިޔާ ތިނެއް ވެސް ވަނީ އޭނާ ކާން ހުއްޓައި ވަރަށް ބާރަށް މީހަކު ހަޅޭލެވި އަޑުއިވިގެން ނުކުމެ ބެލިއިރު ބޯދިގު ބަޔަކު ސައިކަލެއްގައި ބުރުޒު މަގަށް ނުކުންނަ ދިޔަ މަންޒަރު ފެނުނު ކަމަށް ދައުލަތުން ވިދާޅުވިއެވެ. ސިއްރު ހެކިވެރިންނާއި އެނޫން ވެސް މި މައްސަލައިގައި ހުށަހަޅައިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ތުހުމަތުވާ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ދެކޭ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

އެހެންވެ ދައުލަތުން އެދުނީ ތިން މީހުންގެ މައްޗަށް ކޮށްފައިވާ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ ތިން މީހުންގެ މައްޗަށް އަދަބު ކަނޑައަޅައި ދިނުމަށެވެ.

ދައުލަތުގެ ވާހަކަތަކަށްފަހު މި މައްސަލައިގެ ހިމެނޭ އަނީގު ބުނީ އޭނާގެ މާލީ ހާލަތު ހުރިގޮތުން އަދި ވަކީލު އައްޔަންކުރެެވިފައި ނުވާ ކަމަށާއި ވަކީލަކު އައްޔަން ކުރުމަށް ދެ ހަފުތާ ބޭނުންވާ ކަމަށެވެ. ނަސީބު ބުނީ ވަކީލަކު އައްޔަންކުރުމަށް ހަފުތާއެއްހާ ދުވަސް ބޭނުންވާ ކަމަށެވެ.

ޝަރީއަތުން ވަނީ އެ ދެ މީހުންނަށް ވަކީލަކު އައްޔަން ކުރުމަށް ދެ ހަފުތާއެއްގެ މުހުލަތެއް ދީފައެވެ. ޝަރީއަތުން ބުނީ އެ މުއްދަތުގައި ވަކީލެއް ހަމަނުޖެހުނަސް މައްސަލައަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި ވަކީލުން އައްޔަންކުރުމަށް އިތުރު ފުރުސަތެއް ޝަރީއަތުން ނުދޭނެ ކަމަށެވެ.

އެއަށްފަހު ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތާ ސުވާލުތަކެއް ކޮށްފައެވެ. އެގޮތުން ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން މަޒީދު ވަނީ ހުމައިދުގެ މައްސަލައިގައި ކަން ހިނގައިފައިވާ ގޮތް ސާފުނުވާތީ އެކަން ސާފުކޮށް ދިނުމަށް ދައުލަތުގެ ކިބައިން އެދިވަޑައިގެންފައެވެ.

ދައުލަތުން ވިދާޅުވީ ހުމައިދުގެ މައްޗަށް ދައުވާކޮށްފައިވަނީ ދެން ހިމެނޭ ތިން މީހުންނަށްވުރެ މާލަހުން ކަމަށާއި އެއިރު ސިއްރު ހެކިވެރިޔާ އެކެއްގެ ހެކިބަސް ނަގައިފައިވާނެ ކަމަށެވެ. ހުމައިދުގެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ވަކި މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

މި ހާދިސާއަށްފަހު ހުމައިދު ވަނީ ރާއްޖެ ދޫކޮށް ގޮސްފައި ކަމަށާއި އޭނާ އެނބުރި ރާއްޖެއަށް އައިސްފައިވަނީ ވަރަށް ދުވަސްކޮށްފައި ކަމަށާއި އޭނާ ރާއްޖެ ގެނެސް ދައުވާކުރި އިރު ދެން ތިބި ތިން މީހުންނާ ދެކޮޅަށް ހެކިބަސް ނަގައިފައިވާ ކަމަށެވެ. ހުމައިދުގެ މައްޗަށް އެ ތިން މީހުންނާ އެކު ދައުވާ ނުކުރީ އޭނާގެ ބަޔާން ތަހުގީގަށް ނެގިފައިނުވާތީ ކަމަށާއި ބަޔާން ނެގުމާއެކު ދަށު ކޯޓަށް މައްސަލަ ހުށަހަޅައިފައިވާނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ނަމަވެސް ފަނޑިޔާރު މަޒީދު ވިދާޅުވީ ބަޔާން ނުނެގުމުގެ ސަބަބުން ދައުވާ ނުކުރެވޭނެ ކަމަށް އެއީ ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި އައިބެއް ކަމަށާއި ދައުލަތުން އެގޮތަށް އަމަލު ކުރި ސަބަބު ސާފުކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

ދައުލަތުން ވިދާޅުވީ ހުމައިދު ރާއްޖެ ގެނެވުމުން އޭނާގެ ބަޔާން ނެގުމަށްފަހު ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ހުމައިދު ހާޒިރުނުކޮށް ޝަރީއަތެއް ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މި މައްސަލައިގައި ހުމައިދުގެ މައްސަލައިގައި ހެކިން ވަކިން ހާޒިރުކުރަން ޖެހުނުތޯ ފަނޑިޔާރު ދީބާނާޒް ސުވާލުކުރެއްވުމުން ދައުލަތުން ވިދާޅުވީ ހުމައިދުގެ މައްޗަށް ދައުވާކޮށްފައިވަނީ ވަކިން ކަމަށްވުމުން ކުރިން ދައުވާ ކުރި ތިން މީހުންނާ ދެކޮޅަށް ހުށަހެޅި ހެކިވެރިން ހުމައިދުއާ ދެކޮޅަށް އަލުން ހުށަހަޅަން ޖެހުނު ކަމަށެވެ. ހުމައިދުގެ މައްސަލައިގައި އެއްވެސް ހެކިވެރިއަކު ހެކިބަސް ދިނުމަށް ހާޒިރުވެފައިނުވާ ކަމަށާއި އެހެންވެ، ދައުވާ ސާބިތުނުވާ ކަމަށް ދަށު ކޯޓުން ހުކުމްކުރީ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ނަމަވެސް މި މައްސަލައިގައި ތުހުމަތުވާ އަނީގް ބުނީ ހުމައިދުގެ ބައި ވެސް ކުރިއަށް ދިޔައީ ބާކީތިބި މީހުންނާ އެކުއެކީގައި ކަމަށެވެ. އަނީގު ބުނީ ދެ ގަޒިއްޔާއެއް ނަމަވެސް މައްސަލަ ކުރިއަށް ގެންދިޔައީ އެއް ޝަރީއަތެއް ކަމަށާއި މައްސަލަ ބެއްލެވީ ވެސް އެއް ގާޒީއެއް ކަމަށެވެ.

އެކަމާ ގުޅިގެން ދައުލަތުން ވިދާޅުވީ މި މައްސަލައިގައި ދަށު ކޯޓުގައި ދައުލަތް ތަމްސީލު ކުރެއްވި ވަކީލުންގެ ބަހުންނާއި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ހުމައިދުގެ ބައި ކުރިއަށް ގެންގޮސްފައިވަނީ ވަކިން ކަމަށެވެ.

ފަނޑިޔާރު މަޒީދު ދައުލަތާ އިތުރު ސުވާލުތަކެއް ކުރައްވަމުން ވަނީ ތަހުގީގަށް ތުހުމަތުވާ ފަރާތުގެ ބަޔާނެއް ނެތްނަމަ ދައުވާ ނުކުރެވޭނެތޯ ސުވާލު ކުރައްވައިފައެވެ. ދައުލަތުން ވިދާޅުވީ ފުލުހުން މި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވި އިރު ހުމައިދުގެ ބައި ހުށަހަޅައިފައިނުވާ ކަމަށެވެ.

ދައުލަތުން ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމު ބައްޓަންވެފައިވާ ގޮތުން ތަހުގީގު މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވަން ޖެހޭނީ ތަހުގީގު މަރުހަލާ ފުރިހަމަ ކުރުމަށްފަހު ކަމަށާއި ތަހުގީގު ފުރިހަމަނުވާ މައްސަލައެއްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި އެ މައްސަލައިގައި ތުހުމަތުވާ ފަރާތުން ބުނާ އެއްޗެއް ބަލަންޖެހޭ ކަމަށެވެ. އެގޮތުގެ މަތިން ބަލާއިރު މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ ބަހެއް ހޯދިފައިނުވާތީ މި މައްސަލަ ތަހުގީގުކުރި އިރު ރާއްޖޭގައި ނެތުމުން ކަމަށް ދައުލަތުން ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުން ވިދާޅުވީ ހުމައިދުއާ ސުވާލުނުކޮށް ވެސް ދައުވާ ކުރެވިދާނެ ކަމަށާއި ނަމަވެސް އެ މައްސަަލައިގެ ޝަރީއަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ޖިނާއީ ޝަރީއަތެއް ކުރިއަށް ގެންދެވޭނީ ތުހުމަތުކުރެވޭ މީހާ ހާޒިރުވެގެން ކަމަށާއި ތުހުމަތުކުރެވޭ ފަރާތުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދެވޭނީ ހަމައެކަނި ހުކުމް ކުރުން ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.