ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ރޭ ކުޅުނު ރ. އަތޮޅުގެ ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށް، އެންމެފަހުގެ ޗެމްޕިއަން ދުވާފަރާއި އޭގެ ކުރީ އަހަރު ޗެމްޕިއަން އިނގުރައިދޫ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ ރ އަދި ގއ. އަތޮޅު ސެމީ މެޗުތައް ކުޅެފައެވެ. ރ. އަތޮޅު ސެމީތަކުން ރޭ މެޗުތައް ފަށާފައިވާ އިރު، އިނގުރައިދޫ ސެމީއަށް ދިޔައީ މަޑުއްވަރި ކައިރިން 3-0 އިން މޮޅުވެގެންނެވެ.

މެޗުގެ ކުރީކޮޅުން ފެށިގެން އިނގުރައިދޫން ފުލުފުލުގައި ނުރައްކާ ކުރަމުން ދިޔަ އިރު، އަލީ ހާފިޒް (ހާއްޕެ) އާއި މުހައްމަދު މަމްދޫހުގެ ހަމަލާތައްވެސް މަތަކުރީ މަޑުއްވަރީ ކީޕަރު ހުސައިން ހާޒިމް މުހައްމަދެވެ. އެ ޕްރެޝަރުގައި އިނގުރައިދޫން ކުޅެމުން ގޮސް، 11 ވަނަ މިނެޓުގައި މުހައްމަދު މަމްދޫހު ޖެހި ގޯލުން އެޓީމު ލީޑު ނެގިއެވެ.

އޭގެ މިނެޓެއް ފަހުން ހާއްޕެ، ގޯލުގެ ކަނަށް އަމާޒުކޮށްލި ގޯލާއެކު އިނގުރައިދޫ ދެވަނަ ގޯލެއް ޖެހި އިރު، ދެވަނަ ހާފު ފެށިގެން ދެ މިނެޓް ހިނގިތަނާ އަހުމަދު އައިހަމް (އައިހު) ވަނީ އިނގުރައިދުއަށް ލީޑު ފުޅާކޮށްދީފިއެވެ.

އެ އަތޮޅު ސެމީ އަނެއް މެޗުގައި އަލިފުށީގެ މައްޗަށް އެންމެފަހުގެ ޗެމްޕިއަން ދިވާފަރު ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. ދުވާފަރުގެ ގޯލުތައް މުހައްމަދު އިސާމާއި މުހައްމަދު ޖުމާން އަހުމަދުގެ އިތުރުން އަބްދުﷲ ލޫތު އިބްރާހީމް އަދި ހަސަން އަޒޫމް ޖެހި އިރު، އަލިފުށީގެ ގޯލު ޖެހީ މިހާތަނަށް މުބާރާތުގައި 10 ގޯލު ޖަހާފައިވާ އަހުމަދު ހުސާމް (ހުސަންޓޭ) އެވެ. އޭނާއަކީ މިވަގުތު އެ އަތޮޅު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.

ރ. އަތޮޅުގެ އެންމެ ވާދަވެރި ދެޓީމުގެ ގޮތުގައި ދުވާފަރާއި އިނގުރައިދޫ ފާހަގަކޮށްލެވޭ އިރު، މިފަހަރު ދެޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން މޮޅުވީ އިނގުރައިދުއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

16:00

ގްރައުންޑް 1: ގދ. މަޑަވެލި - ގދ. ގައްދޫ (ސެމީ ފައިނަލް)

ގްރައުންޑް 2: ގދ. ވާދޫ - ގދ. ތިނަދޫ (ސެމީ ފައިނަލް)

17:00

ގްރައުންޑް 1: އއ. މަތިވެރި - އއ. ތޮއްޑޫ (ފައިނަލް)

20:00

ގްރައުންޑް 1: ކ. ދިއްފުށި - ކ. ގާފަރު

ގްރައުންޑް 2: ކ. ހިންމަފުށި - ކ. މާފުށި

21:00

ގްރައުންޑް 1: ކ. ގުރައިދޫ - ކ. ތުލުސްދޫ

ގްރައުންޑް 2: ކ. ގުޅި - ކ. ކާށިދޫ

22:00

ގްރައުންޑް 1: އއ. ދަނގެތި - އއ. މަންދޫ (ސެމީ ފައިނަލް)

ގްރައުންޑް 2: އއ. މަހިބަދޫ - އއ. ކުނބުރުދޫ (ސެމީ ފައިނަލް)

23:00

ގްރައުންޑް 1: ސ. ފޭދޫ - ސ. މީދޫ (ސެމީ ފައިނަލް)

ގްރައުންޑް 2: ސ. ހިތަދޫ - ސ. މަރަދޫފޭދޫ (ސެމީ ފައިނަލް)