ސިޔާސީ ޕާޓީތަކުގެ ތެރެއިން މެންބަރުން އެންމެ ގިނައިން ތިބި ޕާޓީއަކަށް ވެރިކަންކުރާ ޕީއެންސީ ވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 އާ ހަމައަށް ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދުގެ ތަފާސްހިސާބު އާންމުކޮށްފައެވެ. އީސީން ހާމަކުރި އެ ތަފާސްހިސާބުގައިވާ ގޮތުން ޕީއެންސީގައި މިވަގުތު 68،968 މެންބަރުން އެބަތިއްބެވެ.
ދެވަނައަށް އެންމެ ގިނައިން މެންބަރުން ތިބީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގައެވެ. އެމްޑީޕީގައި 43،755 މެންބަރުން ތިބި ކަމަށް އީސީން އާންމުކޮށްފައިވާ މައުލޫމާތުން ދައްކައެވެ. 13،826 މެންބަރުންނާއެކު ޖުމްހޫރީ ޕާޓީއަކީ ތިންވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއެވެ. ހަތަރު ވަނައިގައި ޕީޕީއެމް އޮތް އިރު، އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބީ 12،174 މީހުންނެވެ.
އެމްޑީއޭގެ މެންބަރުންގެ ގޮތުގައި 9،210 މީހުން ތިބި އިރު، އެ ޕާޓީ ވެފައިވަނީ ފަސްވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަށެވެ. އަދާލަތު ޕާޓީ ހަވަނައިގައި އޮތް އިރު، އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 9،049 އެވެ. އެމްއެންޕީގެ މެންބަރުންގެ ގޮތުގައި 6.050 މީހުން ތިބި އިރު، އެ ޕާޓީ ވެފައިވަނީ ހަތްވަނަ އެންމެ މެންބަރުން ގިނަ ޕާޓީއެވެ.
ދަ ޑިމޮކްރެޓްސް މި ލިސްޓުގެ އަށްވަނައިގައި އޮތީ 3،667 މެންބަރުންނާއެކުއެވެ. ނުވަވަނައިގައި އެމްޓީޑީ 2،359 މެންބަރުންނާއެކު އޮތްއިރު 10 ވަނައިގައި އޮތީ ޕީއެންއެފްއެވެ. ޕީއެންއެފްގައި ތިބީ 2،822 މެންބަރުންނެވެ.
ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަށް ޕީއެންސީވި އިރު، އެ ޕާޓީއަށް މެންބަރުން އިތުރުކުރަން ސައްހަ ނޫން ފޯމު ހުށަހެޅި ކަމަށް ތުހުމަތުވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މެންބަރުން އިތުރު ކުރުމުގެ ހަރަކާތުގެ ތެރެއިން ސައްހަ ނޫން ފޯމު ހުށަހެޅުނު ކަމަށް ޕީއެންސީން ވެސް ވަނީ އެއްބަސްވެފައެވެ.
ސައްހަ ނޫން ފޯމުތަކުގެ މައްސަލަ ފުލުހުންނާއި އީސީން ދަނީ ބަލަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު