ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ދ. އަތޮޅު ފައިނަލުގެ ފުރަތަމަ ޖާގަ، މާއެނބޫދޫން ކަށަވަރުކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ފޯރިއާއެކު ކުރިއަށްދާ އިރު، ރޭ ދ. އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން ކުޑަހުވަދޫން މުބާރާތް ފަށަން ކުޅުނު މެޗުގައި މާއެނބޫދޫ ކައިރިން ބަލިވީ 5-3 ގެ ނަތީޖާއަކުންނެވެ.

މިދިޔަ ދެ އަހަރުވެސް ދ. އަތޮޅުގެ ފައިނަލުގައި ކުޑަހުވަދޫ ކައިރިން މާއެނބޫދޫ ބަލިވެފައިވާ އިރު، މިފަހަރު މާއެނބޫދޫ ގްރޫޕް އެއްވަނަ ޔަގީންކުރީ ކުޑަހުވަދޫ ބަލިކޮށްގެންނެވެ. ދ. އަތޮޅުން ކުޑަހުވަދޫއާއި މާއެނބޫދޫގެ އިތުރުން ބަނޑިދޫ ވާދަކުރާ އިރު، މާއެނބޫދޫން ކުޅުނު ދެމެޗުން މޮޅުވެ، ހަ ޕޮއިންޓް ވަނީ ހޯދައިފައެވެ.

ދެން އެ އަތޮޅުން ފައިނަލަށް ދާ ޓީމު އެނގޭނީ ކުޑަހުވަދޫއާއި ބަނޑިދޫ ވާދަކުރާ މެޗުންނެވެ. އެމެޗު އެއްވަރުކޮށްލިޔަސް ކުޑަހުވަދޫ ފައިނަލަށް ދާނެއެވެ.

ރޭގެ މެޗުގައި ކުޑަހުވަދޫގެ މާޔިޒް ވަހީދު ގޯލެއް ޖަހައި ލީޑު ނަގައިފައި ވަނިކޮށް މާއެނބޫދޫން މޮޅަށް ކުޅެ، މެޗު އަނބުރާލި އިރު، އެޓީމުގެ އާމިލް އަލީ ހެޓްރިކް ހެދިއެވެ. އަދި އަހުމަދު އީމާނާއި އަހުމަދު ޝައިހާންވެސް ގޯލު ޖެހި އިރު، ކުޑަހުވަދޫގެ އިތުރު ގޯލުތައް ޖެހީ ޖުމައިލް ޖަމީލާއި މުހައްމަދު އަޔާޒެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ.

މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

16:00

ގްރައުންޑް 1: ހއ. މާރަންދޫ - ހއ. ފިއްލަދޫ

ގްރައުންޑް 2: ހއ. ބާރަށް - ހއ. ކެލާ

17:00

ގްރައުންޑް 1: ހއ. ވަށަފަރު - ހއ. އިހަވަންދޫ

ގްރައުންޑް 2: ހއ. ދިއްދޫ - ހއ. އުތީމު

20:00

ގްރައުންޑް 1: ހދ. ހަނިމާދޫ - ހދ. ފިނޭ

ގްރައުންޑް 2: ހދ. މަކުނުދޫ - ހދ. ނޭކުރެންދޫ

21:00

ގްރައުންޑް 1: ހދ. ކުމުންދޫ - ހދ. ނައިވާދޫ

ގްރައުންޑް 2: ހދ. ވައިކަރަދޫ - ހދ. ނޮޅިވަރަން

22:00

ގްރައުންޑް 1: މ. ވޭވަށް - މ. ދިއްގަރު

ގްރައުންޑް 2: މ. މުލަށް - މ. މަޑުއްވަރި

23:00

ގްރައުންޑް 1: މ. ނާލާފުށި - މ. ކޮޅުފުށި