ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފުލުހުން ހިންގި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުުށުގެ ތުހުމަތުގެ ތަހުގީގުގައި ޔާމީން ހަނު ހުންނެވީ ފުލުހުންގެ ފަރާތުން ކުރިމަތިވި "ހެރެސްތަކަށް" ކެތްނުކުރެވިގެން ކަމަށް ޔާމީންގެ ދިފާއީ ވަކީލު ހަމްޒާ ލަތީފު ވިދާޅުވެއްޖެއެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ޔާމީންގެ މައްޗަށް ރިޝްވަތު ދިނުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް އަދި ވ. ފުލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވާކަމަށް 25 ޑިސެންބަރު 2022 ދުވަހު ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.
ކުރިމިނަލް ކޯޓުގެ އެ ހުކުމް ޔާމީން އާއި ޔޫސުފް ނައީމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކުރިމިނަލް ކޯޓުގެ ނިންމުމާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ޓަކައި މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލުކުރުމަށް 18 އެޕްރީލް 2024 ދުވަހު އެ ކޯޓުން ނިންމާފައިވެއެވެ.
ނަމަވެސް ހައިކޯޓުގެ ނިންމުމުގައި، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާ އިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހެޅި ހެކިތައް އެއްފަރާތް ކުރުމަށް އަންގާފައިވެއެވެ. އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އަންގާފައިވަނީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅު ނޫން ކަމަށް ބަޔާންކޮށެވެ. ހައި ކޯޓުގެ އެ ނިންމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ޕަބްލިކް ޕްރޮސެކިއުޓާ ޝަފީއު އަހުމަދު ވިދާޅުވީ މި މައްސަލައިގެ ތަހުގީގު މަރުހަލާގައި މައްސަލަ ރައްދުވާ ފަރާތްތަކުން ވަނީ ހަނުހުރުމުގެ ހައްގު ބޭނުންކޮށްފައި ކަމަށާއި ނަމަވެސް ޝަރީއަތުގައި އެ ފަރާތްތަކުން ވިދާޅުވެފައިވަނީ އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ޝަފީއު ވިދާޅުވިއެވެ. އެ މުއާމަލާތަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމުގައިވާނަމަ އެކަން ތަހުގީގުގައި ފާހަގަ ނުކުރީ ކީއްވެތޯ ޝަފީއު ސުވާލު އުފެއްދެވިއެވެ.
ހަނު ހުރުމުގެ މާނައަކީ ތިމާއާ ދެކޮޅަށް އެއްވެސް ހެކިބަހެއް ނުދިނުން ކަމަށާއި ހަނުހުރުމުގެ ހައްގުގެ ބޭނުން ހިފިޔަސް ތިމާއާއި އެއްކޮޅަށް ހުރި ކަންތައްތަކުގެ ވާހަކަ ތަހުގީގަށް ކިޔައިދެވޭނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ޔާމީންގެ ވަކީލު ހަމްޒާ ވިދާޅުވީ މި މައްސަަލައިގެ ތަހުގީގަށް ފުލުހުން ވަނީ ޔާމީން ތަފާތު އެކިފަހަރު މަތިން ހާޒިރުކޮށް ސުވާލުކޮށްފައި ކަމަށެވެ. ސުވާލުކުރުމުގެ ތެރެއިން ތަހުގީގަށް ޔާމީން ދައްކަވާ ވާހަކަތަކައިގެ ތަންތަންކޮޅު ހިފައިދަމައި ފުލުހުން ހެރެސްކޮށްފައިވާ ކަމަށާއި އެ ހެރެސްމެންޓަށް ކެތްނުކުރެވިގެން ޔާމީން ނިންމެވީ ޝަރީއަތަށް ޖަވާބުދާރީވެވަޑައިގަތުމަށް ކަމަށް ހަމްޒާ ވިދާޅުވިއެވެ. ނަމަވެސް ދައުލަތުން ފުލުހުންގެ ފަރާތުން ޔާމީނަށް ކުރަމުންދިޔަ ހެރެސްމެންޓްތަކުގެ ވާހަކަ ފާހަގަކުރައްވައިފައިނުވާ ކަމަށް ހަމްޒާ ވިދާޅުވިއެވެ.
މި މައްސަލައިގައި ޔާމީން ދިފާއުގައި ހުށަހެޅި ހެކިވެރިންގެ ފަރާތުން ފުރަތަމަ ފަހަރަށް މިއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ދައުލަތަށް އިވިވަޑައިގަތް ކަމަށް ބުނެ ދައުލަތުން ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ހަމްޒާ ވިދާޅުވިއެވެ. ކުރިމިނަލް ކޯޓުގައި ކުރިއަށްދިޔަ މި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ދައުލަތަށް އެކަން ފާހަގަކުރެވިފައިވާނެ ކަމަށް ހަމްޒާ ވިދާޅުވިއެވެ. ކުރިމިނަލް ކޯޓުގެ އިބްތިދާއީ މަރުހަލާގައި އެ ހެކިތަކާ ގުޅިގެން އިތުރު ހެކިތައް ހުށަހަޅަން ބޭނުންވާ ނަމަ އެކަމަށް އެދެންވާނެ ކަމަށް ހަމްޒާ ވިދާޅުވިއެވެ.
ދައުލަތުން މި މައްސަލައިގައި މަސައްކަތް ކުރަމުންދަނީ ސޮއިނުކޮށް ހުރި ލިޔެކިޔުންތަކެއް ހުށަހެޅިފައިވާތީ ސޮއިކޮށްފައިވާ ލިޔެކިޔުންތައް އަލުން ހުށަހެޅުމަށް ކަމަށް ހަމްޒާ ވިދާޅުވިއެވެ. ދެން މަސައްކަތް ކުރަމުންދަނީ ކުރިމިނަލް ކޯޓުގައި ޔާމީންގެ ދިފާއުގައި ހެކިބަސް ދިން އަހުމަދު ނަރީޝް، ކަމެއް ކުރި ކަމަށް ބުނި ވަގުތު، އޭނާ ހުރީ ވަޒީފާގެ މަސައްކަތެއް ކުރަންކަން ސާބިތުކޮށްދިނުމަށް ހުށަހަޅާ ހެކިތަކެއް ކަމަށެވެ. އެހެންކަމުން މިއީ މުޅި މައްސަލައަށް ބަދަލެއް އައިސްދާނެ ހެކިތަކެއް ނޫން ކަމަށް ހަމްޒާ ވިދާޅުވިއެވެ.
ދައުލަތުން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ ދައުލަތުން އާ ހެކިތަކެއް ހުށަހަޅަނީ މައްސަލައިގެ ކަމެއް ސާފުކުރަން ނޫން ކަމަށާއި މައްސަލައިގެ ދިފާއުން ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނަފީކުރަން ކަމަށް ހަމްޒާ ވިދާޅުވިއެވެ.
މީގެ ކުރިން ޔާމީންގެ މައްޗަށް ވޮޑަމުއްލާ މައްސަލައިގައި ދައުލަތުން ކުރި މަނީލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގައި ދައުލަތުން ވަނީ މައްސަލައާ ގުޅުމެއް ނެތް ޗެކެއް ހުށަހަޅައިފައި ކަމަށާއި ނަމަވެސް އެފަހަރު ސުޕްރީމް ކޯޓުން، އެކަން ރަނގަޅު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ދަށު ކޯޓަށް ތަހުވީލު ކޮށްފައި ނުވާ ކަމަށް ހަމްޒާ ވިދާޅުވިއެވެ.
އެހެންކަމުން ދިފާއުން އެދެނީ ދައުލަތުން އެދޭގޮތަށް ގާނޫނު ބޮލައިލައިޖަހައި މި މައްސަލައިގައި ދައުލަތުން އެދޭގޮތަށް ގޮތް ކަނޑައަޅައި ނުދެއްވުން ކަމަށް ހަމްޒާ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން އެވެ.
މިއަދުގެ ޝަރީއަތަގައި ދެފަރާތުން ދެއްކެވި ވާހަކަތާ ގުޅިގެން އެއްވެސް ސުވާލެއް ނެތް ކަމަށް ވިދާޅުވެ، ފަނޑިޔާރު ޝުޖޫން ވަނީ ޝަރީއަތް ނިންމަވާލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު