ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ރ. އަތޮޅު ސެމީ ފައިނަލްގެ ފަހު ޖާގަތައް ދުވާފަރާއި މަޑުއްވަރިން ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ ރ. އަތޮޅު ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅެފައެވެ. ހަ ޓީމު ވާދަކުރަމުންދާ ރ. އަތޮޅުގެ ކޮންމެ ގްރޫޕެއްގައިވެސް ތިން ޓީމު ހިމެނޭ އިރު، ރޭގެ މެޗުތަކަށް ދިޔަ އިރު، އިނގުރައިދުއާއި އަލިފުށި އޮތީ ގްރޫޕްގެ އެއްވަނަ ޔަގީންކޮށް ސެމީއަށް ގޮސްފައެވެ.

އެ ދެޓީމު ރޭ ކުޅެފައި ނުވާ އިރު، ފަހު މެޗުތައް ވެގެންދިޔައީ ފޯރިގަދަ މެޗުތަކަކަށެވެ. ގްރޫޕް އޭއިން އަލިފުއްޓާއެކު ދެން ސެމީއަށް ދިޔަ މަޑުއްވަރިން ރަސްގަތީމާ 0-0 އިން އެއްވަރުކުރި އިރު، އެޓީމަށް ދެމެޗުން ވަނީ ދެ ޕޮއިންޓް ލިބިފައެވެ. ރަސްގަތީމަށް ލިބުނީ ޕޮއިންޓެކެވެ.

އެ އަތޮޅު ގްރޫޕް ބީގެ ސެމީ ފަހު ޖާގަ ދުވާފަރުން ހޯދީ މީދޫ ކޮޅަށް ހަތް ގޯލު ޖަހައި، 7-1 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. ދުވާފަރުގެ ގޯލުތައް ޖެހީ ހަސަން އަޒޫމާއި މުސްލިމް މުހައްމަދު، މުހައްމަދު ޖުމާން އަހުމަދު، އަބްދުﷲ ލޫތު އިބްރާހީމްގެ އިތުރުން އިސްމާއީލް އަހުމަދެވެ. އަޒޫމް މެޗުގައި ދެ ގޯލު ޖެހި އިރު، މީދޫގެ މުހައްމަދު އަނާން އަތުން ބައިކޮޅަށްވެސް ގޯލެއް ވަނެވެ.

މީދޫގެ ހަމައެކަނި ގޯލު މެޗުގައި ޖެހީ އަހުމަދު ނާއިމެވެ.

ރ. އަތޮޅު ގްރޫޕް ބީގެ އެއްވަނަ ޓީމަކީ އިނގުރައިދުއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މާދަމާ ރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

16:00

ގްރައުންޑް 1: ކ. ދިއްފުށި - ކ. މާފުށި

ގްރައުންޑް 2: ކ. ގާފަރު - ކ. ހިންމަފުށި

17:00

ގްރައުންޑް 1: ކ. ގުޅި - ކ. ގުރައިދޫ

ގްރައުންޑް 2: ކ. ކާށިދޫ - ކ. ތުލުސްދޫ

20:00

ގްރައުންޑް 1: އއ. މަތިވެރި - އއ. ރަސްދޫ (ސެމީ ފައިނަލް)

ގްރައުންޑް 2: އއ. ބޮޑުފޮޅުދޫ - އއ. ތޮއްޑޫ (ސެމީ ފައިނަލް)

21:00

ގްރައުންޑް 1: އދ. ހަންޏާމީދޫ - އދ. ކުނބުރުދޫ

ގްރައުންޑް 2: އދ. މަހިބަދޫ - އދ. އޮމަދޫ

22:00

ގްރައުންޑް 1: ޅ. ނައިފަރު - ޅ. ހިންނަވަރު

ގްރައުންޑް 2: ޅ. އޮޅުވެލިފުށި - ޅ. ކުރެންދޫ

23:00

ގްރައުންޑް 1: ވ. ފުލިދޫ - ވ. ކެޔޮދޫ