ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ތ. އަތޮޅު ގްރޫޕް ސްޓޭޖުގައި މިއަދު ކުޅުނު މެޗުތައް، އެންމެފަހުގެ ޗެމްޕިއަން ތިމަރަފުއްޓާއި ހިރިލަންދޫގެ އިތުރުން ވޭމަންޑޫ އަދި އޮމަދޫން ކާމިޔާބު ކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، މިއަދު ހަވީރު ކުޅުނީ ތ. އަތޮޅު ގްރޫޕް އޭގެ ދެމެޗާއި ގްރޫޕް ބީގެ ދެމެޗެވެ. މިއަދުގެ ނަތީޖާތަކާއެކު ދެ ގްރޫޕުގެވެސް އެއްވަނަ ޔަގީންވި އިރު، ސެމީގެ ދެވަނަ ޖާގަތައް ޔަގީންވާނީ އެންމެފަހު މެޗުތަކުންނެވެ.

ގްރޫޕް އޭގައި މިއަދު އެންމެފަހުގެ ޗެމްޕިއަން ތިމަރަފުށިން ތިންވަނަ މެޗުގައި ވިލުފުށި ކައިރިން ކުރި ހޯދީ 6-0 ގެ ނަތީޖާއަކުންނެވެ. އޭގެ އިތުރުން ދެން އެ ގްރޫޕްގައި އޮމަދޫން 6-1 އިން ދިޔަމިގިލި ބަލިކުރި އިރު، ތިމަރަފުއްޓަށް އެއްވަނަ ޔަގީންވީ ތިން މެޗުން ނުވަ ޕޮއިންޓާއެކުގައެވެ.

ދެވަނައިގައި އޮތް ވިލުފުށިން ހަތަރު މެޗު ކުޅެ، ހަ ޕޮއިންޓް ލިބިފައިވާ އިރު، އޮމަދޫން ތިންވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. ކިނބިދުއަށްވެސް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ފުލުގައި އޮތް ދިޔަމިގިއްޔަށް ތިން މެޗުން ޕޮއިންޓެއް ނުލިބެއެވެ.

އެ ގްރޫޕްގެ ދެވަނަ ހޯދަން އޮމަދުއާއި ކިނބިދުއަށްވެސް ފުރުސަތު އޮތް އިރު، އޮމަދޫން ދެން ކުޅޭނީ ތިމަރަފުއްޓާ ދެކޮޅަށެވެ. ކިނބިދޫ ނުކުންނާނީ ދިޔަމިގިއްޔާ ދެކޮޅަށެވެ.

މިއަދު ތިމަރަފުއްޓަށް ގޯލުތައް ޖެހީ އަލީ ސަޖަންގެ އިތުރުން އިބްރާހީމް އަސްވަދު (ގަބޭ) އަހުމަދު އަފްލާޒްގެ އިތުރުން އާދަމް ނާސިހު (އާދަންނާ) އަދި އިސްމާއީލް މުނީޒް (ޓްރީ)އެވެ.

އޮމަދޫގެ ހަތަރު ގޯލު މުހައްމަދު ނަޝްވާން ޖެހި އިރު، ދެން އެޓީމުގެ އަނެއް ދެގޯލު ޖެހީ ހަސަން ކިއާން ސިނާނާއި މުހައްމަދު ނާބިތު ހުސައިނެވެ. ދިޔަމިގިލީގެ ގޯލު ޖެހީ ޝާން މުހައްމަދެވެ.

ތ. އަތޮޅު ގްރޫޕް ބީގައި ހިރިލަންދޫން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، ސައްތައިން ސައްތަ ރެކޯޑަކާއެކު ގްރޫޕްގެ އެއްވަނަ ޔަގީންކުރީ ހަތަރު މެޗުން 12 ޕޮއިންޓާއެކުގައެވެ. މިއަދު ހިރިލަންދޫން ކަނޑޫދޫ ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ހިރިލަންދޫގެ ގޯލުތައް އަހުމަދު މުފީދާއި މުހައްމަދު މިންވާލްގެ އިތުރުން މުހައްމަދު ނިޝާހާއި މުހައްމަދު ޝާމް ޖެހި އިރު، ކަނޑޫދޫގެ ގޯލުތައް ޖެހީ މުހައްމަދު މާއިސް އަދި މުހައްމަދު ޒިދާން އީސާއެވެ.

އެ ގްރޫޕުގައި ދެން ކުޅުނު މެޗުގައި ވޭމަންޑޫން ގާދިއްފުށި ކައިރިން 2-0 އިން މޮޅުވެ، އުންމީދެއް ހޯދިއެވެ. ވޭމަންޑޫގެ ދެ ގޯލުވެސް މުހައްމަދު މައުމޫން ހުސައިން ޖެހި އިރު، ވޭމަންޑޫން ފަހު މެޗުގައި ނުކުންނާނީ ކަނޑޫދުއާ ދެކޮޅަށެވެ.

އެ އަތޮޅު ގްރޫޕް ބީގެ ދެވަނައިގައި ބުރުނި، ތިން މެޗުން ހަ ޕޮއިންޓާއެކު އޮތް އިރު، ބުރުންޏަށް ސެމީއަށް ދެވެން އޮތީ ގާދިއްފުށި ބަލިކޮށްގެން، ނޫނީ އެމެޗު އެއްވަރުކޮށްގެންނެވެ. އަމިއްލަ ބާރުގައި ބުރުންޏަށް ސެމީއަށް ދެވެން އޮތް އިރު، ވޭމަންޑުއާއި ގާދިއްފުއްޓަށްވެސް އަދި ހަނި ފުރުސަތެއް އެބައޮތެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: ހއ. ކެލާ - ހއ. ހޯރަފުށި

ގްރައުންޑް 2: ހއ. ފިއްލަދޫ - ހއ. ބާރަށް

21:00

ގްރައުންޑް 1: ހއ. އުތީމު - ހއ. މުރައިދޫ

ގްރައުންޑް 2: ހއ. އިހަވަންދޫ - ހއ. ދިއްދޫ

22:00

ގްރައުންޑް 1: ހދ. ނޭކުރެންދޫ - ހދ. ނޮޅިވަރަންފަރު

ގްރައުންޑް 2: ހދ. ފިނޭ - ހދ. މަކުނުދޫ

23:00

ގްރައުންޑް 1: ހދ. ނައިވާދޫ - ހދ. ނެއްލައިދޫ

ގްރައުންޑް 2: ހދ. ނޮޅިވަރަން ހދ. ކުމުންދޫ