ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ނ. އަތޮޅުގެ ފެށުން ހޮޅުދޫން ރަނގަޅުކުރި އިރު، ސ. އަތޮޅުގައި ކުޅުނު ދެމެޗުވެސް އެއްވަރުވެގެން ނިމިއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ނ. އަތޮޅުގެ ފުރަތަމަ މެޗުގައި ހޮޅުދޫން ވެލިދޫ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ވެލިދޫގެ ގޯލު އަބްދުﷲ އިބްރާހީމް ޖެހި އިރު، ހޮޅުދޫގެ އަބްދުލް ވަދޫދު ވަނީ ހަތަރު ގޯލު ޖަހައިފައެވެ. މި މެޗުގައި ހޮޅުދޫން މޮޅަށް ކުޅެފައިވާ އިރު، އެ އަތޮޅުގެ އަތޮޅު ބުރުގައި ދެން ވާދަކުރަނީ މިލަދޫ އެވެ. ތިން ޓީމު ލީގު ބުރެއްގައި ކުޅެ، ފައިނަލަށް ދާނީ އެންމެ މޮޅު ދެޓީމެވެ.

ސ. އަތޮޅުގެ ދެމެޗު ރޭ ކުޅުނު އިރު، އެއީ ދެ ގްރޫޕްގެ ދެމެވެ. ސ. އަތޮޅުގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުޅެމުން އަންނަނީ ގްރޫޕެއްގައި ތިން ޓީމު ވާދަކުރާ ގޮތަށެވެ.

ގްރޫޕް އޭގައި އަލަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ވާދަކުރާ ހޮޅުދޫން މަރަދޫފޭދޫ ކައިރީ 1-1 އިން އެއްވަރުވި އިރު، މެޗުގައި ފުރަތަމަ ގޯލު ޖެހީ މަރަދޫފޭދޫންނެވެ. އެ ގޯލު ޖެހީ މުހައްމަދު ސަނީމެވެ. ހުޅުދޫން އެއްވަރުކުރި ގޯލު ޖެހީ އަހުމަދު އަޒާން ޝަމްވީލެވެ.

އެ ގްރޫޕުގައި މަރަދޫފޭދޫ ދެމެޗު ކުޅެ، ދެ ޕޮއިންޓް ހޯދި އިރު، ދެން ބާކީ އޮތީ ފޭދޫއާއި ހުޅުދޫ ވާދަކުރާ މެޗެވެ. ގްރޫޕުން ސެމީއަށް ދާ ޓީމުތައް އެނގޭނީ އެމެޗަށްފަހުއެވެ.

އެއަތޮޅު ގްރޫޕް ބީގައި މަރަދުއާއި މީދޫ ރޭ 2-2 އިން އެއްވަރުވި އިރު، މަރަދޫގެ ގޯލުތައް ޖެހީ އިބްރާހީމް ހޫދު އައްބާސާއި އަހުމަދު ތޮލާލެވެ. މީދޫގެ ގޯލުތައް ޖެހީ އަހުމަދު ސޮބާހާއި މުހައްމަދު ޒާއިފް ޒާހިރެވެ.

އެ ގްރޫޕްގައި ދެން ހިމެނެނީ ހިތަދުއެވެ. ހިތަދޫން މޮޅެއް ހޯދާފައި އޮތުމުން އެޓީމަށް ސެމީ ޔަގީންވެފައިވާ އިރު، ދެން އޮންނާނީ ހިތަދުއާއި މީދޫ ވާދަކުރާ މެޗެވެ. އެމެޗު އެއްވަރުކޮށްލުމުންވެސް ހިތަދުއާއެކު ސެމީއަށް ދާނީ މީދުއެވެ. މަރަދޫއަށް އޮތީ ސެމީއަށް ދިޔުމުގެ އަމިއްލަ ބާރު ގެއްލިފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

16:00

ގްރައުންޑް 1: ބ. އޭދަފުށި - ބ. ތުޅާދޫ

17:00

ގްރައުންޑް 1: ދ. ބަނޑިދޫ - ދ. މާއެނބޫދޫ

20:00

ގްރައުންޑް 1: ހއ. ކެލާ - ހއ. ހޯރަފުށި

ގްރައުންޑް 2: ހއ. ފިއްލަދޫ - ހއ. ބާރަށް

21:00

ގްރައުންޑް 1: ހއ. އުތީމު - ހއ. މުރައިދޫ

ގްރައުންޑް 2: ހއ. އިހަވަންދޫ - ހއ. ދިއްދޫ

22:00

ގްރައުންޑް 1: ހދ. ނޭކުރެންދޫ - ހދ. ނޮޅިވަރަންފަރު

ގްރައުންޑް 2: ހދ. ފިނޭ - ހދ. މަކުނުދޫ

23:00

ގްރައުންޑް 1: ހދ. ނައިވާދޫ - ހދ. ނެއްލައިދޫ

ގްރައުންޑް 2: ހދ. ނޮޅިވަރަން ހދ. ކުމުންދޫ