ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ކޮށްފައިވާ ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލައިގައި އޭނާ އައްޔަންކުރެއްވި ދެވަނަ ވަކީލު ވެސް މައްސަލައިން ތަނާޒުލްވެވަޑައިގެންފިއެވެ.
ބައްސާމުގެ މައްޗަށް ފަހުން ވަނީ ދައުލަތަށް ހިޔަނާތްތެރިވުމާއި މަނީލޯންޑަރިންގެ އިތުރު ދައުވާއެއް އުފުލައިފައެވެ. އެހެންކަމުން ދައުލަތުން ބައްސާމުގެ މައްޗަށް އުފުލާފައިވަނީ ހިޔާނަތްތެރިވުމުގެ ދެ ދައުވާއާއި މަނީ ލޯންޑަރިންގެ ދެ ދައުވާއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު އެ ދައުވާތައް ތާވަލުކޮށްފައިވަނީ އެއް އަޑުއެހުމެއްގެ ގޮތުގައެވެ.
އެ ކޯޓުގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ މިއަދުގެ ޝަރީއަތުގައި ބައްސާމުގެ ވަކީލު އިބްރާހިމް ޝަމީލް މައްސަލައިން ތަނާޒުލްވެވަޑައިގެންފައިވާ ކަމަށެވެ. ވަކީލު މައްސަލައިން ތަނާޒުލްވެވަޑައިގަތުމާ ގުޅިގެން ބައްސާމު އާ ވަކީލަކު އައްޔަން ކުރެއްވުމަށް ޝަރީއަތުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައި ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
މި މައްސައިގެ އިތުރު އަޑުއެހުމެއް މިމަހުގެ 30 ވަނަ ދުވަހަށް ތާވަލުކުރަން ޝަރީއަތުން ވަނީ ނިންމައިފައެވެ. އެ ދުވަހުގެ ނިޔަލަށް ވަކީލު އައްޔަން ނުކުރެވުނު ނަމަވެސް ބައްސާމް އަމިއްލައަށް ނަމަވެސް ދައުވާއަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ. މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއީލް ޝަފީއުއެވެ.
ބައްސާމުގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާ އެންމެ ފުރަތަމަ ދައުވާ އުފުލާފައިވަނީ މިދިޔަ މިއަހަރުގެ ފެބްރުއަރީ މަހުގެ އެކެއްގައެވެ. ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ ދުވަހު ބުނެފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެ އެސޯސިއޭޝަނުގެ ބޭނުމަށް ފެޑަރޭޝަން އިންޓަނޭޝަނަލް ޑި ފުޓްބޯލް އެސޮސިއޭޝަން (ފީފާ) ގެ ފަރާތުން އެމެރިކާ ޑޮލަރުން ދެމުންދިޔަ ފައިސާގެ ތެރެއިން އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާ ބައްސާމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް 10،000 އެމެރިކާ ޑޯލަރު ޖަމާކުރުމަށްޓަކައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި 10،004 ގެ ޓްރާންސްފާ ކުރުމަށް ލިޔެ، 26 އޮގަސްޓް 2018 ވަނަ ދުވަހު ލިޔުންތައް ހުށަހަޅައި، ބޭންކް ޗާޖުގެ ގޮތުގައި ފަސް ޑޮލަރު އުނިކުރުމަށް ފަހު 9،999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
"އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކަށް ހުށަހެޅި ލިޔުންތަކުގައި 'sales of dollar' ލިޔެފައިވީ ނަމަވެސް، 9,999.00 (ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އެމެރިކާ ޑޮލަރު) އަށް ވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނޯންނާތީ އާއި، ބައްސާމް އަދީލް ޖަލީލް އެފްއޭއެމް އަށް ޖަމާކޮށްފައިވާކަންވެސް އެނގެން ނޯންނާތީ އާއި، މި ފައިސާ މީނާގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާތީ" ބައްސާމްއަށް ހިޔާނާތުގެ ކުށުގެ ދައުވާ ކުރާ ސަބަބެއްގެ ގޮތުގައި ޕީޖީން ބުނެފައިވެއެވެ.
އެ ކުށް ސާބިތުވެއްޖެ ނަމަ ބައްސާމްގެ މައްޗަށް އެއް އަހަރާއި ހަތްމަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރަނީ ޕީފާއިން ދިން ޑޮލަރު އޭނާގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރުމަށް ފަހު އޭގެ ތެރެއިން 1،910 ޑޮލަރު 2 ސެޕްޓެމްބަރު 2018 ވަނަ ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، ބައްސާމްގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ގްލޭސިއާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ކަންކަމަށް ބޭނުންކޮށްފައިވާތީ އާއި އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު 5 ސެޕްޓެމްބަރު 2018 ބަނަ ދުވަހު ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓުގެ ކުލި ދެއްކުމަށް ބޭނުންކޮށްފައިވާތީ އާއި އެފްއޭއެމުން އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާ އެކި އަދަދުތަކުން އެކި މީހުންނަށް ފޮނުވައި، އެފްއޭމްއެމްއާ ގުޅުމެއް ނެތް ކަންކަމަށް އެ ފައިސާ ހަރަދުކޮށް އެ ފައިސާ އޭނާގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާތީ ކަމަށް ޕީޖީން ބުނެފައިވެއެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ, ކުރާނެ ހުކުމަކީ 100،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ފަސް އަހަރާއި 15 އަރަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ބައްސާމްގެ މައްޗަށް ކުރާ ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ފަށައިފައިވާ އިރު، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އެޕާޓްމެންޓެއް ގަނެފައިވާ ކަމަށް ބުނާ މައްސަލައެއްގައި ވެސް ބައްސާމުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ވަނީ ޕީޖީއަށް ފޮނުވައިފައެވެ.
އޭނާގެ މައްޗަށް ހިޔާންތްތެރިވުމާއި މަނީލޯންޑަރިންގެ އިތުރު ދައުވާއެއް ކޮށްފައިވަނީ 2024 ޑިސެމްބަރު 22 ގަ އެވެ. ޕީޖީ އޮފީހުން އެ ދުވަހު ބުނެފައިވަނީ އެ ދެ ދައުވާ އުފުލާފައިވަނީ ބައްސާމް، އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުންނެވި އިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ހިޔާނާތްތެރިވެ، އެފްއޭއެމަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި އެމެރިކާ ޑޮލަރުން ދޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
އެގޮތުން ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އުފުލީ ބައްސާމް، އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެފައިވާތީއެވެ. އެ ކުށުގެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލީ އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން އަމީން ކޮންސްޓްރަކްޝަނަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަން ޖެހޭ ޖުމުލަ 23 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކިއެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީއެވެ.
އެ ކުށުގެ އަދަބަކީ އެއް ލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ އެ ދައުވާތަކާ ގުޅިގެން އެ ހިޔާނާތުގެ ސަބަބުން އެފްއޭއެމަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު ބައްސާމްގެ އަތުން ނަގައިދިނުމަށާއި ލޯންޑާ ކޮށްފައިވާ ފައިސާ ބޭނުންކޮށްގެން ބައްސާމް ހޯދި އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައިވާނެ ކަމަށެވެ.
ފަހުންކުރި ދައުވާތަކުގެ އަޑުއެހުންތައް އަދި ކޯޓުގައި ފަށައިފައެއްނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު