ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ އަތޮޅު ބުރުގައި ރޭ ކުޅުނު ތ. އަތޮޅުގެ މެޗުތައް އެންމެފަހުގެ ޗެމްޕިއަން ތިމަރަފުއްޓާއި ގާދިއްފުށީގެ އިތުރުން ހިރިލަންދޫ އަދި ކިނބިދޫން ކާމިޔާބު ކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ފޯރިއާއެކު ކުރިއަށްދާ އިރު، ރޭ ވަނީ ތ. އަތޮޅުގެ ދެ ގްރޫޕުގެ ހަތަރުގެ މެޗެއް ކުޅެފައެވެ. ރެހެންދި ފުޓްސަލް ދަނޑުގައި މެޗުތައް ކުރިއަށްދާ އިރު، އެ އަތޮޅުން ޖުމުލަ 10 ޓީމެއް މުބަރާތުގައި ބައިވެރިވެފައިވެއެވެ. އެހެންކަމުން ސެމީއަށް ޓީމުތައް ދަތުރުކުރާނީ ދެ ގްރޫޕުގައި މެޗުތައް ކުޅެގެންނެވެ.

އެ އަތޮޅު ކޮންމެ ގްރޫޕެއްގައި ފަސް ޓީމު ހިމެނޭ އިރު، ގްރޫޕް އޭގައި އެންމެފަހުގެ އަތޮޅު ޗެމްޕިއަން އަދި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ކާމިޔާބު ޓީމު، ތިމަރަފުށިން ރޭ ދެވަނަ މޮޅެއް ހޯދީ 9-1 އިން ދިޔަމިގިލި ބަލިކޮށްގެންނެވެ.

ތިމަރަފުށީގެ އަހުމަދު އަފްލާޒް މެޗުގައި މޮޅަށް ކުޅެ، ހެޓްރިކް ހެދި އިރު، އެޓީމުގެ އިބްރާހީމް ހަމްދާން (ހަމްދެ) ވަނީ ދެ ގޯލު ޖަހައިފައެވެ. އަނެއް ގޯލުތައް ޖަހައިދިނީ އިބްރާހީމް އަސްވަދު (ގަބޭ) އާއި އާދަމް ނާސިހު (އާދަންނާ) އަދި އިސްމާއީލް މުނީޒް (ޓްރީ)އެވެ. އޭގެ އިތުރުން އަހުމަދު އައުސަމް ހުސައިން ފައިގައި ޖެހި ބައިކޮޅަށްވެސް ގޯލެއް ވަނެވެ.

ދިޔަމިގިލީގެ ހަމައެކަނި ގޯލު މެޗުގައި ޖަހައިދިނީ މައިސަމް މުހައްމަދެވެ.

އެ ގްރޫޕުގައި ކިނބިދޫން ރޭ ނުކުތީ މޮޅުވާން މަޖުބޫރު މެޗަކަށެވެ. އެމެޗަށް ނުކުތް އިރު، ދެމޮޅު ހޯދާފައި އޮތް ވިލުފުށި ކައިރިން ރޭ ކިނބިދޫ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ކިނބިދޫގެ ގޯލުތައް ޖެހީ އިބްރާހީމް އިމްރާހް (އިއްމި) އާއި މުހައްމަދު ޝާފިއުގެ އިތުރުން އަހުމަދު ހަމްދޫން ހުސައިނެވެ.

މިވަގުތު ގްރޫޕް އޭގެ އެއްވަނައިގައި ތިމަރަފުށި، ދެމެޗުން ހަ ޕޮއިންޓާއެކު އޮތް އިރު، ދެވަނައިގައި ވިލުފުށި ވެސް އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ކިނބިދުއަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައި އޮތްއިރު، ހަތަރުވަނައިގައި އޮމަދޫ އޮތީ ދެމެޗުން ޕޮއިންޓަކާއެކުގައެވެ. ދިޔަމިގިލި ތާވަލުގެ ފުލުގައި އޮތީ ދެމެޗުން ޕޮއިންޓެއް ނުލިބިއެވެ.

އެ އަތޮޅު ގްރޫޕް ބީން ހިރިލަންދޫ ސެމީ ޔަގީންކުރީ ރޭ 7-1 އިން ބުރުނި ބަލިކޮށްގެންނެވެ.

އެ މެޗުގައި ހިރިލަންދޫގެ މުހައްމަދު ނިޝާހް ދެ ގޯލު ޖެހި އިރު، އަނެއް ގޯލުތައް ޖެހީ މުހައްމަދު ޝާނާއި އަބްދުﷲ އިޝާންގެ އިތުރުން ރީހާން މޫސާ، މުހައްމަދު ޝަމްހާން އަދި މުހައްމަދު މުނީފެވެ. ބުރުނީގެ ހަމައެކަނި ގޯލު ޖެހީ އުސްމާން ޝާނެވެ.

އެ ގްރޫޕުގައި ރޭ 4-3 އިން ކަނޑޫދޫ ބަލިކޮށް، ގާދިއްފުށިންވެސް ވަނީ ސެމީގެ އުންމީދެއް ހޯދައިފައެވެ. މެޗުގައި ގާދިއްފުށީގެ ހުސެން ޒާހިރު ދެ ގޯލު ޖެހި އިރު، އަނެއް ގޯލުތައް ޖެހީ އަހުމަދު އުނައިސްއާއި މުހައްމަދު އައިހަމެވެ. ކަނޑޫދޫގެ ގޯލުތައް ޖެހީ މުހައްމަދު މާއިސްއާއި ހުސައިން ސަނީ އަދި ނާހިޒް އަލީއެވެ.

ގްރޫޕް ބީގެ އެއްވަނައިގައި ހިރިލަންދޫ، ތިން މެޗުން ނުވަ ޕޮއިންޓާއެކު އޮތް އިރު، ބުރުނި ދެވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. ގާދިއްފުށި، ދެމެޗުން ތިން ޕޮއިންޓާއެކު ތިންވަނައަށް ޖެހިލި އިރު، ކަނޑޫދުއާއި ވޭމަންޑުއަށް އަދި ދެމެޗުން ޕޮއިންޓެއް ނުލިބެއެވެ.

ހިރިލަންދުއަށް މެޗެއް ބާކީ އޮއްވާ ސެމީ ޔަގީންވީ ބުރުންޏާއި ގާދިއްފުށި ގްރޫޕް ސްޓޭޖުގައި އަދި ވާދަކުރަން ޖެހޭތީއެވެ. އެމެޗު އޮތުމާއެކު ދެން ދެ ޓީމަކަށް ނުވަ ޕޮއިންޓް ހަމަކުރުމަށް ފުރުސަތެއް ނެތެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: ށ. ކަނޑިތީމު - ށ. މިލަންދޫ

ގްރައުންޑް 2: ށ. މަރޮށި - ށ. ފޭދޫ

21:00

ގްރައުންޑް 1: ށ. ނަރުދޫ - ށ. ގޮއިދޫ

ގްރައުންޑް 2: ށ. ބިލެއްފަހި - ށ. ޅައިމަގު

22:00

ގްރައުންޑް 1: އއ. ތޮއްޑޫ - އއ. އުކުޅަސް

ގްރައުންޑް 2: އއ. މަތިވެރި - އއ. ހިމަންދޫ

23:00

ގްރައުންޑް 1: އއ. ރަސްދޫ - އއ. ބޮޑުފޮޅުދޫ

ގްރައުންޑް 2: އއ. ފެރިދޫ - އއ. މާޅޮސް