ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ހދ. އަތޮޅުގައި ރޭ ކުޅުނު މެޗުތައް، ނޮޅިވަރަންފަރާއި ނޭކުރެންދޫގެ އިތުރުން ވައިކަރަދޫއާއި އަތޮޅު ޗެމްޕިއަން ނައިވާދޫން ކާމިޔާބުކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ކުޅުނު 8 މެޗުގެ ތެރެއިން ހަތަރު މެޗަކީ ހދ. އަތޮޅުގެ ދެ ގްރޫޕްގެ މެޗުތަކެވެ. ހދ. އަތޮޅުން 10 ޓީމު ވާދަކުރަމުން އަންނަ އިރު، ދެ ގްރޫޕް ސްޓޭޖު ކުރިއަށް ދަނީ ދެ ގްރޫޕަކަށް ޓީމުތައް ބަހާލައިގެންނެވެ.

ކޮންމެ ޓީމަކަށް ހަތަރު މެޗު ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ އިރު، ރޭ ބައެއް ޓީމުތަކުން ނުކުތީ އެޓީމުތަކުގެ ތިންވަނަ މެޗަށެވެ. އެހެންކަމުން ގްރޫޕް އޮތީ މިހާރު އެންމެ ފޯރިގަދަ ހިސާބުގައެވެ.

ރޭ އެއަތޮޅު ގްރޫޕް އެކެއްގެ އެއްވަނައިގައި މިވަގުތު އޮތް ނޭކުރެންދޫން ފިނޭ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެ ގްރޫޕުގައި ދެން ކުޅުނު ނޮޅިވަރަންފަރުން އެޓީމުގެ ފުރަތަމަ މޮޅު ހޯދީ ރޭ ހަނިމާދޫ 1-0 އިން ބަލިކޮށްގެންނެވެ.

ނޭކުރެންދޫން މޮޅުވި މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ފަރުހާން (ފަރުއްކޮ) އާއި މުހައްމަދު ވިލްފެވެ. ފަރުއްކޮށް މެޗުގައި ދެ ގޯލު ޖެހިއެވެ.

ނޮޅިވަރަންފަރުން ރޭ މޮޅުވި މެޗުގައި އެޓީމުގެ ގޯލު ޖަހައިދިނީ އާދަމް ސައީދެވެ.

ގްރޫޕް އޭގެ އެއްވަނައިގައި މިވަގުތު ނޭކުރެންދޫ އޮތީ ދެމެޗުން ހަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މަކުނުދޫ، ދެމެޗުން ހަތަރު ޕޮއިންޓާއެކު އޮތް އިރު، ނޮޅިވަރަންފަރު ތިންވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ.

އެ ގްރޫޕުގެ ހަތަރު ވަނައިގައި އޮތް ހަނިމާދުއާއި ފިނޭއަށް އެއް ޕޮއިންޓް ލިބިފައިވާ އިރު، ހަނިމާދޫން މިހާތަނަށް ވަނީ ތިން މެޗު ކުޅެފައެވެ. ފިނޭ ކުޅުނީ ދެމެޗެވެ.

އެއަތޮޅު ގްރޫޕް ބީގެ އެއްވަނައިގައި ދެމެޗުން ދެ މޮޅާއެކު ނައިވާދޫ އޮތް އިރު، އެޓީމުން ރޭ ދެވަނަ މޮޅެއް ހޯދީ ނޮޅިވަރަން ކައިރިން 5-1 އިން މޮޅުވެގެންނެވެ. އެ މެޗުގައި ނައިވާދޫގެ ގޯލުތައް ޖަހައިދިނީ އިސްމާއީލް ވަހީދު (އިއްސެ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަހުމަދު ހަމީދު (އައްމަޑޭ) އަދި އަބްދުﷲ ވިސާމެވެ. އިއްސެ މެޗުގައި ދެ ގޯލު ޖެހިއެވެ.

ނޮޅިވަރަންގެ ހަމައެކަނި ގޯލު މެޗުގައި ޖެހީ ޝާފިއު މުހައްމަދެވެ.

ގްރޫޕް ބީގައި ރޭ އިތުރު މެޗެއް ކުޅުނު އިރު، ވައިކަރަދޫން ފުރަތަމަ މޮޅެއް ހޯދީ 2-1 އިން ނެއްލައިދޫ ބަލިކޮށްގެންނެވެ. ވައިކަރަދުއަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ދެމެޗުން ހަތަރު ޕޮއިންޓާއެކު ދެވަނައިގައި އޮތް ކުމުންދޫގެ ފަހަތުން ތިންވަނައިގައެވެ.

ރޭގެ މެޗުގައި ވަކައިރަދޫގެ އަލީ އަބްދުﷲ އާއި އަހްމަދުﷲ މުހައްމަދު ސަދަތު ގޯލުތައް ޖެހި އިރު، ނެއްލައިދޫގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ރީހާނެވެ.

ގްރޫޕް ބީގެ ހަތަރު ވަނައިގައި ނޮޅިރަން، ދެމެޗުން ތިން ޕޮއިންޓާއެކު އޮތް އިރު، ނެއްލައިދޫ ތިން މެޗު ކުޅުނު އިރު ޕޮއިންޓެއް ނުލިބި ވަނީ ކަޓައިފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

16:00

ގްރައުންޑް 1: އދ. ދަނގެތި - އދ. ހަންޏާމީދޫ

ގްރައުންޑް 2: އދ. މަންދޫ - އދ. މަހިބަދޫ

17:00

ގްރައުންޑް 1: ރ. އަލިފުށި - ރ. ރަސްގަތީމު

ގްރައުންޑް 2: ރ. އިނގުރައިދޫ - ރ. ދުފާވަރު

20:00

ގްރައުންޑް 1: ކ. ހިންމަފުށި - ކ. ދިއްފުށި

ގްރައުންޑް 2: ކ. މާފުށި - ކ. ގާފަރު

21:00

ގްރައުންޑް 1: ކ. ތުލުސްދޫ - ކ. ގުޅި

ގްރައުންޑް 2: ކ. ގުރައިދޫ - ކ. ކާށިދޫ

22:00

ގްރައުންޑް 1: ތ. ވިލުފުށި - ތ. ކިނބިދޫ

ގްރައުންޑް 2: ތ. ތިމަރަފުށި - ތ. ދިޔަމިގިލި

23:00

ގްރައުންޑް 1: ތ. ހިރިލަންދޫ - ތ. ބުރުނި

ގްރައުންޑް 2: ތ. ކަނޑޫދޫ - ތ. ގާދިއްފުށި