ރައްޔިތުންގެ މަޖިލީހުގެ މި ދައުރުން ބޭރުގައި ބާއްވާ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހަށް އެޖެންޑާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުން ބޭރުގައި ބާއްވާ ފުރަތަމަ ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައެވެ.
ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ގޮތުން ޖަލްސާގެ އެޖެންޑާގައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށް ދެ މެންބަރުން އައްޔަން ކުރުމާ މެދު ކޮމިޓީން ނިންމާފައިވާ ގޮތާއި އިލެކްޝަންސް ކޮމިޝަނަށް ދެ މެންބަރުން އައްޔަން ކުރުމާ މެދު ކޮމިޓީން ނިންމާފައިވާގޮތާ މެދު ވޯޓަށް އެހުމަށެވެ.
މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ނައިބު ރައީސާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ހުސްވެފައިވާ ދެ މަގާމަށް އައްޔަން ކުރާ ދެ މެންބަރުންނަށް ރުހުން ހޯދުމަށް ކޮމިޓީއަށް ފޮނުވުން ވެސް ހިމެނެއެވެ.
މީގެ އިތުރުން ވަޒީރުންގެ މަޖިލީހަށް ގެނެސްފައިވާ ބަދަލުތަކަށް ރުހުން ހޯދުމަށް ކޮމިޓީއަށް ފޮނުވުމަށް ވެސް އެޖެންޑާގައި ހިމެނެއެވެ.
ދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވަން ނިންމާފައިވަނީ ބައެއް މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރަން ގާނޫނުގައި ބުނާ 60 ދުވަހުގެ މުއްދަތު ހަމަވާތީއެވެ.
މީގެ އިތުރުން ދައުރުން ބޭރުން ދެވަނަ ޖަލްސާ ބާއްވަން ނިންމާފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.
އީސީގައި ހިމެނޭ ފަސް މެންބަރުންގެ ތެރެއިން ދެ މެންބަރުންގެ މަގާމު ހުސްވީ، މިދިޔަ ނިވެމްބަރު މަހުގެ 25 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށް، އެ ކޮމިޝަންގެ އޭރުގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް ކޮމިޝަންގެ މެންބަރުކަމުން ވަކި ކުރުމާ ގުޅިގެންނެވެ.
އެ ދެ ބޭފުޅުންގެ ބަދަލުގައި، އީސީގެ މެންބަރުކަމަށް އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ދެ ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ. އެއީ މުހައްމަދު ޒާހިދު އާއި އަބްދުއްރަހްމާން ސަލާހް ރަޝީދުއެވެ.
ބްރޯޑްކޮމްގެ ދެ މެންބަރުންގެ މަގާމު ހުސްވެފައިވަނީ، އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި، މަރިޔަމް ވަހީދާ އާއި އަލީ ޔޫސުފްގެ މެންބަރުކަމުގެ މުއްދަތު ހަމަވެފައިވާތީއެވެ. ބްރޯޑްކޮމްއަށް ދެ މެންބަރުން އައްޔަންކުރަން ރައީސް، މަޖިލީހަށް ވަނީ 12 ބޭފުޅެއްގެ ނަން ފޮނުއްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފަށަން ހަމަޖެހިފައިވަނީ ފެބްރުއަރީ ވަނަ ދުވަހުއެވެ. އެ ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު