ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ގއ. އަތޮޅުގައި ރޭ ކުޅުނު މެޗުތައް ދެއްވަދޫ އާއި ދާންދޫގެ އިތުރުން ނިލަންދޫ އާއި ވިލިނގިލިން ކާމިޔާބު ކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗަކީ ގއ. އަތޮޅުގެ ދެ ގްރޫޕުގެ މެޗުތަކެވެ. އެ އަތޮޅުން އަށް ޓީމު، ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އިރު، ރޭ ކޮންމެ ޓީމަކުންވެސް ނުކުތީ ދެވަނަ މެޗަށެވެ.
ގްރޫޕް އޭގައި ދާންދޫން ރޭ ކަނޑުހުޅުދޫ ކައިރިން 3-2 އިން މޮޅުވި އިރު، އެ ގްރޫޕްގެ އަނެއް މެޗުގައި ނިލަންދޫ ވަނީ 2-0 އިން ގެމަނަފުށި ބަލިކޮށްފައެވެ.
ރޭގެ ނަތީޖާއާ އެކު އެ ގްރޫޕްގައި ދާންދޫން ދެ މޮޅާ އެކު ލީޑު ކުރަމުންދާ އިރު، ނިލަންދޫ އާއި ގެމަނަފުއްޓަށް ލިބިފައި ވަނީ ދެ މެޗުން އެއް މޮޅެވެ. އެހެންކަމުން ސެމީ ޖާގަތައް ސީދާ ޔަގީންވާނީ ދެން ކުޅޭ މެޗުތަކުންނެވެ.
ދާންދޫ އާއި ކަނޑުހުޅުދޫ ވާދަކުރި މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެ މެޗުގައި ފުރަތަމަ ލީޑު ކުރަމުންދިޔައީ ކަނޑުހުޅުދޫއެވެ. ރޭގެ މެޗުގައި ކަނޑުހުޅުދޫގެ ދެ ގޯލުވެސް އަހްނަފް ޒާހިރު ޖެހި އިރު، ދާންދޫގެ ގޯލުތައް ޖެހީ ޖާވިދު އަލީ އާއި އަހުމަދު ހަސަން އަދި މުހައްމަދު އަޒާން މައައްދުއެވެ. ރޭގެ މެޗު ފަހުވަގުތު ދާންދޫ ކޮޅަށް އެނބުރުނީ ކަނޑުހުޅުދޫގެ އަލީ އަޒްވާނަށް ދެއްކި ރަތް ކާޑާއެކުގައެވެ.
ނިލަންދޫން ގެމަނަފުށި ބަލިކޮށް، އެޓީމުގެ ފުރަތަމަ މޮޅު ހޯދި މެޗުގައި ނިލަންދޫގެ ދެ ގޯލުވެސް ޖެހީ މުހައްމަދު ޒާއިލް އަހުމަދެވެ.
އެ އަތޮޅު ގްރޫޕް ބީގެ އެއްވަނައިގައި އޮތް ދާންދޫން ދެވަނަ މޮޅެއް ރޭ ހޯދީ ކޮލަމާފުށި ކައިރިން 14-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މެޗުގައި ދެއްވަދޫގެ ހުޒައިފަތު ރަޝީދު (ހުޒޭ) ހަތަރު ގޯލު ޖެހި އިރު، އަހްނަފް ރަޝީދު (އަހުއްކޮ) ވެސް ވަނީ ހެޓްރިކް ހަދައިފައެވެ. އޭގެ އިތުރުން ޝިފާޒް އާދިލްވެސް ހެޓްރިކް ފުރިހަމަ ކުރި އިރު، މިގުދާދު ސައީދުވެސް ދެ ގޯލު ޖެހިއެވެ. ދެން އެ ޓީމުގެ އަނެއް ދެ ގޯލު ޖެހީ މުހައްމަދު އިމްރާން (އިއްމި) އާއި ނަސޫހު ސައީދެވެ.
މެޗުގައި ކޮލަމާފުށީގެ ހަމައެކަނި ގޯލު ޖެހީ އިސްމާއީލް މުއްސަބު ނަޖީބެވެ.
އެ ގްރޫޕްގައި ވިލިނގިލިން ރޭ ފުރަތަމަ މޮޅެއް ހޯދީ، ފުރަތަމަ މެޗު ކާމިޔާބުކޮށްފައި އޮތް މާމެންދޫ ކައިރިން 2-0 އިން މޮޅުވެގެންނެވެ. އެ މެޗުގައި ވިލިނގިލީގެ ދެ ގޯލުވެސް ޖެހީ ހުސައިން މިފްރާހް ވަހީދާއި މުހައްމަދު ޝުހާނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: ހދ. ނޮޅިވަރަންފަރު - ހދ. ހަނިމާދޫ
ގްރައުންޑް 2: ހދ. ފިނޭ - ހދ. ނޭކުރެންދޫ
21:00
ގްރައުންޑް 1: ހދ. ނެއްލައިދޫ - ހދ. ވައިކަރަދޫ
ގްރައުންޑް 2: ހދ. ނައިވާދޫ - ހދ. ނޮޅިވަރަން
22:00
ގްރައުންޑް 1: ހއ. ހޯރަފުށި - ހއ. މާރަންދޫ
ގްރައުންޑް 2: ހއ. ކެލާ - ހއ. ފިއްލަދޫ
23:00
ގްރައުންޑް 1: ހއ. މުރައިދޫ - ހއ. ވަށަފަރު
ގްރައުންޑް 2: ހއ. އުތީމު - ހއ. އިހަވަންދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް