ހުޅުމާލެ ވިނަރެސް ފްލެޓް ކައިރިން މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު މީހެއްގެ ގައިގައި ކާރަކުން ޖެހި ހިނގި އެކްސިޑެންޓްގެ މައްސަލައިގައި، ދައުވާކޮށްފައިވާ މ. ލޭންޑްއޮފްގާޑަންގެ އިބްރާހީމް އިކްރާމް ދައުވާތަކަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ތިން މަހުގެ ޖަލު ހުކުމަކާއި 70،000 ރުފިޔާގެ ޖޫރިމަނާގެ އަދަބެއް ކުރިމިނަލް ކޯޓުން މިއަދު ކޮށްފިއެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ، ކާރު ދުއްވަން އިން މ. ލޭންޑްއޮފްގާޑަންގެ އިބްރާހީމް އިކްރާމާއި ކާރުގައި ދެން ތިބި ދެ މީހުން ކަމަށްވާ ހ. ނޫރަންމާގެއާގެ އިކްރާމުއްރަހުމާން އާއި ގއ.ކަނޑުހުޅުދޫ/އާޒާދުގެ ޖިނާހު އިސްމާއީލްގެ މައްޗަށެވެ.

ކާރު ދުއްވަން އިން އިކްރާމްގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ކުށުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދެ ދައުވާއަކާއި އެކްސިޑެންޓްވުމުން އެ ކަމުގެ ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާ އާއި އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި އެންމެފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 2024 ނޮވެމްބަރު 27 ގަ އެވެ. އެ އަޑުއެހުމުގައި އިބްރާހިމް އިކްރާމް ވަނީ ދައުވާތަކަށް އިއުތިރާފު ވެ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ.

އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުން އަނިޔާއެއް ދިނުމުގެ ދައުވާއަށް އިކުރާމް އިއުތިރާފުވެފައިވާތީ އެ ކުށުގެ ޖަލު އަދަބު ވަނީ 44،800 ރުފިޔާގެ ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްފައެވެ. އަދި މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް، އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުވުމުގެ ދައުވާގެ އަދަބަކަށް ވަނީ ތިން މަހަށް ޖަލައި 19،200 ރުފިޔާގެ ޖޫރިމަނާގެ އަދަބެއް ދިނުމަށް ނިންމައިފައެވެ.

މީގެ އިތުރުން އެކްސިޑެންޓް ވުމުން އެކަމުގެ ރިޕޯޓް ނުކުރުމުގެ ދައުވާގެ ޖަލު ހުކުމް ވެސް ވަނީ 5،400 ރުފިޔާގެ ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްފައެވެ. އަދި ވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާގެ ޖަލު އަދަބު 600 ރުފިޔާގެ ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްފައެވެ.

ދައުލަތުން ވަނީ އިކްރާމްގެ މައްޗަށް ކޮށްފައިވާ މުދަލަށް ގެއްލުން ދިނުމުގެ ދެ ދައުވާ އަނބުރާ ގެންގޮސްފައެވެ. ދައުލަތުން އެ ދައުވާތައް އަނބުރާ ގެންދިޔައީ އެކްސިޑެންޓުގައި އަނިޔާ ލިބުނު ފަރާތް އިން ސައިކަލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 90،000 ރުފިޔާ އަދި ގެއްލުން ލިބުނު ދެވަނަ ސައިކަލަށް އިކްރާމްގެ ފަރާތުން 5،000 ރުފިޔާ ދީފައިވާތީ ކަމަށް އިއުތިރާފުގެ އެއްބަސްވުމުގައި ދައުލަތުން ވަނީ ބަޔާންކޮށްފައެވެ.

މި އިއުތިރާފުގެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ކަނޑައަޅުއްވައިފައެވެ.

އެހެންވެ މި މި މައްސަލައިގައި ގާޒީ ހުކުމްކުރެއްވީ ދައުލަތުން، އިކްރާމްގެ މައްޗަށްކުރި ހަތަރު ދައުވާ އޭނާގެ އިއުތިރާފުން ސާބިތުވެފައިވާތީ 70،000 ރުފިޔާއިން އިކްރާމް ޖޫރިމަނާކޮށް، އެ ފައިސާ އަށްމަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށެވެ.

މިއަދު ޝަރީއަތުގައި ދައުލަތުން ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި ފަރާތް ބޭސް ފަރުވާއަށް، ރާއްޖެއިން ބޭރަށް ދިއުމަށް ހަރަދުވި 4،004 ރުފިޔާ އަދި އަނިޔާ ލިބުނު ފަރާތަށް ނަފްސާނީ ގެއްލުން ލިބިފައިވާތީއާއި އެހެނިހެން ގެއްލުންވެފައިވާތީ 20،000 ރުފިޔާ ދައްކައިފައިވާ ކަމަށެވެ.

އިކްރާމަށް ވާހަކަދައްކަން ލިބުނު ފުރުސަތުގައި އޭނާ ބުނީ އެކްސިޑެންޓުގެ ހާދިސާއާ ގުޅިގެން ހިނގައިދިޔަ ކަންތަކާ ގުޅިގެން ދެރަވާ ކަމަށާއި އެކްސިޑެންޓުގައި އަނިޔާ ލިބުނު ފަރާތުގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އެކްސިޑެންޓުގެ ސީން ދޫކޮޑް އެތަނުން ގޮސްފައިވަނީ ހާސްވެ ބިރުގަތުމުގެ ސަބަބުން ކަމަށް އިކްރާމް ބުންޏެވެ.

އިކްރާމް ބުނީ ރޭސް ކާރު ދުއްވައިފައި ދިޔައީ 40 މޭލުގައި ކަމަށާއި ގޯޅި އެޅި ވަގުތު ކާރުގެ ފަހަތު ފުރުޅު ޕޭވްމަންޓްގެ މައްޗަށް އެރުމުން ބުރަކި ޖެއްސުމުގެ ބަދަލުގައި އޮޅިގެން ކާރު ރޭސް ކޮށްލެވުނީ ކަމަށް އިކްރާމް ބުންޏެވެ.

އެކްސިޑެންޓާ ގުޅިގެން ދެން ދައުވާކޮށްފައިވާ އިކްރާމްރަހުމާން އާއި ޖިނާހު ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ.