އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުގައި ބޮޑެތި މޮޅުތަކެއް ހޯދައި، ލިވަޕޫލާއި ޗެލްސީ އަދި މެންޗެސްޓާ ސިޓީވެސް މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި އިނގިރޭސި ތިންވަނަ ޑިވިޝަނުގެ އެކްރިންޓަން ސްޓޭލީ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އޭގެފަހުން ޗެލްސީން އަމިއްލަ ދަނޑުގައި ތިންވަނަ ޑިވިޝަނުގެ މޯކާމްބޭ ކައިރިން 5-0 ގެ ނަތީޖާއަކުން މޮޅުވި އިރު، ސިޓީން އަމިއްލަ ދަނޑުގައި ތިންވަނަ ޑިވިޝަނުގެ ސަލްފޯޑު ކައިރިން މޮޅުވީ 8-0 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނުކުތީ މިދިޔަ ހަފުތާ ތެރޭގައި ކުޅުނު ލީގު ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގުގައި ޓޮޓެންހަމް ކައިރިން ބަލިވެފައި އޮވެގެންނެވެ. އެއީ މި ސީޒަނުގައި ލިވަޕޫލް ވި ދެވަނަ ބައްޔެވެ.

ފުރަތަމަކޮޅުގައި ލިވަޕޫލަށް އެކްރިންޓަންގެ ޑިފެންސް ފޫއަޅުވައިލަން އުނދަގޫވި ނަމަވެސް، ޑިއޭގޯ ޖޮޓާ، 29 ވަނަ މިނެޓުގައި ޖެހި ގޯލާއެކު މެޗު ހުޅުވިގެން ދިޔައެވެ. ހާފު ނިމުމުގެ ކުރިން ޓްރެންޓް އެލެކްސެންޑާ-އާނޯލްޑް އިތުރު ގޯލެއް ޖެހިއެވެ.

ދެވަނަ ހާފުގައި ލިވަޕޫލްގެ ތިންވަނަ ގޯލު ޖޭޑެން ޑެންސް ޖެހި އިރު، އެޓީމުގެ ފަހު ގޯލު ޖެހީ ފެޑެރީކޯ ޗިއޭސާއެވެ. އެއީ ކިއޭސާ ލިވަޕޫލް ޖާޒީގައި ޖެހި ފުރަތަމަ ގޯލެވެ. އޭނާ މި ސީޒަނަށް ލިވަޕޫލަށް ދިޔަފަހުން އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރި އިރު، ރޭ ނުކުތީ ސީނިއާ ޓީމުގެ ބޭރުން ބައެއް މެޗުތައް ކުޅުމަށްފަހުއެވެ.

ރޭ ޗެލްސީން ކުޅުނު މެޗުގެ ކުރީކޮޅުގައި މޯކަމްބޭގެ ގޯލްކީޕަރު ހެރީ ބާގޯންޏޭ މޮޅަށް ކުޅުނު އިރު، ކްރިސްޓޮފާ އެންކުންކޫގެ ޕެނަލްޓީވެސް އޭނާ މަތަކުރިއެވެ. ކީޕަރު މޮޅަށް ކުޅެމުންދިޔަ ނަމަވެސް ޗެލްސީން ފުރަތަމަ ހާފުގައި ފުރަތަމަ ގޯލު ޖެހި އިރު، އެގޯލު ޖެހީ ޓޮސިން އަޑަރަބިއޯ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު އެންކުންކޫ ޗެލްސީގެ ދެވަނަ ގޯލެއް ޖެހި އިރު، އެޓީމުގެ ތިންވަނަ ގޯލު ޖެހީވެސް އަޑަރަބިއޯ އެވެ. މެޗުގެ 75 ވަނަ މިނެޓާއި 77 ވަނަ މިނެޓުގައިވެސް ޗެލްސީގެ ގޯލުތައް ފެނިގެން ދިޔަ އިރު، އެ ދެ ގޯލުވެސް ޖެހީ ޖާއޯ ފެލިކްސް އެވެ.

ސިޓީން 2019 ވަނަ އަހަރަށްފަހު އެންމެ ބޮޑު މޮޅު ރޭ ހޯދި އިރު، އެޓީމުގެ ޒުވާން ތަރި ޖޭމްސް މެކަޓީ ވަނީ ހެޓްރިކް ހަދައިފައެވެ. އޭގެ އިތުރުން ޖެރަމީ ޑޮކޫ ޖެހި ގޯލު ޖެހި އިރު، ޒުވާން ކުޅުންތެރިޔާ ޑިވިން މުބާމާ ވަނީ ސިޓީއަށް ކުޅުނު ފުރަތަމަ މެޗުގައި ގޯލު ޖަހައިފައެވެ.

އޭގެ އިތުރުން ނިކޯ އޮރެއިލީވެސް ކްލަބަށް ފުރަތަމަ ގޯލު ޖަހައިދިން އިރު، ޖެކް ގްރީލިޝްވެސް ވަނީ މެޗުގައި ޕެނަލްޓީއަކުން ގޯލު ޖަހައިފައެވެ. އެ ގޯލަކީ 2023 ވަނަ އަހަރު ޑިސެމްބަރު މަހަށްފަހު އޭނާ ޖެހި ފުރަތަމަ ގޯލެވެ.

ސިޓީއާ ދެކޮޅަށް ރޭ ނުކުތް ސަލްފޯޑް ސިޓީއަކީ މެންޗެސްޓާ ޔުނައިޓެޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ރަޔަން ގިގްސްއާއި ނިކީ ބަޓްގެ އިތުރުން ޕައުލް ސްކޯލްސް އަދި ގެރީ ނެވިލްއާއި ފިލް ނެވިލް އަދި ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ ކްލަބެކެވެ.

އެޓީމުގެ ކޯޗިން އެސިސްޓެންޓެއްގެ އިތުރުން ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ގިގްސް ފެނިގެން ގޮސްފައިވާ އިރު، ރޭގެ މެޗު ބެލުމަށް ސްކޯލްސްއާއި ބަޓް ގޮސް ތިއްބެވެ.