ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ރ. އަތޮޅުގެ ފުރަތަމަ މެޗުތަކުގައި އިނގުރައިދޫ ބޮޑު މޮޅެއް ހޯދި އިރު، މަޑުއްވަރިއާއި އަލިފުށި އެއްވަރުވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ހަތަރު މެޗު މިއަދު ހަވީރު ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުޅެފައިވެއެވެ. އޭގެ ތެރެއިން ދެމެޗަކީ ރ. އަތޮޅުގެ ދެމެޗެވެ. އަނެއް ދެމެޗަކީ އދ. އަތޮޅުގެ ދެމެޗެވެ.

ރ. އަތޮޅުން ޖުމުލަ ހަ ޓީމު މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، އެއަތޮޅުގެ އަތޮޅު ބުރު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމެނޭ އިރު، ގްރޫޕް އޭގައި މަޑުއްވަރިއާއި އަލިފުށި އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.

މެޗުގައި އަލިފުށީގެ ތިން ގޯލުވެސް ޖަހައި، އަހުމަދު ހުސާމް (ހުޝާންޓެ) ހެޓްރިކް ފުރިހަމަ ކުރި އިރު، މަޑުއްވަރީގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ހުސައިން އިރުފާހެވެ. އަނެއް ގޯލު ޖެހީ އަހުމަދު މަހާސިންނެވެ. މެޗު ތަފާތު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ހުޝާންޓެގެ ތިންވަނަ ގޯލު ފެނުނީ ފަހު ވަގުތުގައެވެ.

ރ. އަތޮޅު ގްރޫޕް ބީގައި އިނގުރައިދޫން މީދޫ ކައިރިން 5-0 އިން މޮޅުވި އިރު، އެ މެޗުގައި އިނގުރައިދޫގެ އަލީ ހާފިޒް (ހާއްޕެ) އާއި މުހައްމަދު މަމްދޫހު، މީގެން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހިއެވެ. އެޓީމުގެ އަނެއް ގޯލު ޖެހީ އަހުމަދު އައިހަމެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން އިނގުރައިދޫން ކުރިއަށް ޖެހި، ތަފާތު ފޯމެއްގައި ކުޅެފައިވާ އިރު، މެޗުގެ ގިނަ ގޯލުތަކެއް އެޓީމުން ޖެހީވެސް ފުރަތަމަ ހާފުގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުންދާ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށް ދާނެއެވެ.

މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ ވަން ސްޕޯޓްސްއެވެ.

20:00

ގްރައުންޑް 1: ތ. ދިޔަމިގިލި - ތ. ވިލުފުށި

ގްރައުންޑް 2: ތ. އޮމަދޫ - ތ. ކިނބިދޫ

21:00

ގްރައުންޑް 1: ތ. ގާދިއްފުށި - ތ. ހިިރިލަންދޫ

ގްރައުންޑް 2: ތ. ވޭމަންޑޫ - ތ. ބުރުނި

22:00

ގްރައުންޑް 1: ށ. ކަނޑިތީމު - ށ. ފޭދޫ

ގްރައުންޑް 2: ށ. މިލަންދޫ - ށ. މަރޮށި

23:00

ގްރައުންޑް 1: ށ. ބިލެއްފަހި - ށ. ނަރުދޫ

ގްރައުންޑް 2: ށ. ޅައިމަގު - ށ. ގޮއިދޫ