ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ވާދަކުރާ އެންމެ ފާހަގަކޮށްލެވޭ ސަރަހައްދީ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ ފޯމެޓަށް ބޮޑު ބަދަލެއް ގެނެސް، އަންނަ ޖުލައި މަހު ބާއްވަން ތާވަލުކޮށްފިއެވެ.
ނާޕާލުގެ ކަތަމަންޑޫގައި މިއަދު ބޭއްވި އެކްސްކޯ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ގިނަ ގައުމުތަކެއްގައި ހޯސްޓް ކުރުމަށެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި ކުޅޭ ހުރިހާ ގައުމެއްގައިވެސް މެޗުތައް ހޯސްޓް ކުރަން ނިންމާފައިވާ އިރު، ކޮންމެ ގައުމަކަށްވެސް ހޯމް އަދި އަވޭ މެޗުތަކެއް ކުޅެން ޖެހޭނެއެވެ.
އެ ނިންމުމާއެކު އެކްސްކޯއިން އިތުރަށް ނިންމީ މިއަހަރު މުބާރާތް ބާއްވާ ތާރީހެވެ. އެއީ ޖުލައި 15 އިން 25 އަށެވެ. މުބާރާތުގެ މެޗުތައް އެކި ގައުމުތަކުގައި ހޯސްޓް ކުރާ އިރު، ފައިނަލް އަދި ސެމީ މެޗުތައް ހޯސްޓް ކުރާނެ ގައުމެއް، އަދި ސީދާ ފޯމެޓެއް ސާފުން އަދި ނިންމާފައެއް ނުވެއެވެ.
ސާފްގެ އެކްސްކޯ ބައްދަލުވުމުގައި އިތުރު ބައެއް ނިންމުންތައްވެސް ނިންމާފައިވާ އިރު، މިއަހަރު އަންހެން ކްލަބު މުބާރާތެއް ވެސް ބާއްވަން މަޝްވަރާ ކޮށްފައިވެއެވެ. އަދި 2026 ވަނަ އަހަރުން ފެށިގެން 23 އަހަރުން ދަށުގެ މުބާރާތެއްވެސް ބާއްވަން ނިންމާފައިވާ އިރު، އެ އަހަރު މުޅިން އަލަށް ސާފް ފިރިހެން ކްލަބު މުބާރާތެއްވެސް ބާއްވަން ވަނީ ނިންމާފައެވެ.
އެއީ 8 ކްލަބަކުން ވާދަކުރާ މުބާރާތެކެވެ. މުބާރާތަށް ސްލޮޓްތައް ދިނުމަށް ހަމަޖެހިފައި ވަނީ އޭއެފްސީ ކްލަބު ރޭންކިންނަށް ބަލައި، މި ސަރަހައްދުގެ އެންމެ ރޭންކިން ރަނގަޅު ހަތަރު ގައުމަކަށެވެ. އޭގެ ތެރެއިން ކޮންމެ ގައުމެއްގެ ދެ ކްލަބުން މުބާރާތުގައި ވާދަކުރާނެ އެވެ.
އޭއެފްސީ ކްލަބު ރޭންކިންނަށް ބަލާއިރު، މި ސަރަހައްދުން އެންމެ ކުރީގައި އޮތް ގައުމަކީ އިންޑިއާއެވެ. އެއީ 16 ވަނައިގައެވެ. އޭގެ ދަށުން 27 ވަނައިގައި މިވަގުތު ބަންގްލަދޭޝް އޮތް އިރު، ރާއްޖެ އޮތީ 33 ވަނައިގައެވެ. 2023-24 ވަނަ އަހަރުގެ ސީޒަނަށް ރާއްޖެ 31 ވަނައިގައި އޮތް ނަމަވެސް، ކްލަބު ފުޓުބޯޅަ ދަށްވެ، ރާއްޖެ މިހާރު ވަނީ މަޑުމަޑުން ކްލަބު ރޭންކިންގައި ދަށަށް ވެއްޓެން ފަށައިފައެވެ.
ރާއްޖެއާ އެންމެ ގާތުން ހަތަރު ވަނައިގައި މިވަގުތު ބޫޓާން އޮތް އިރު، އެގައުމުގެ އޭއެފްސީ ރޭންކިންނަކީ 36 އެކެވެ. މިވަގުތު މިސަރަހައްދުން ބޫޓާނަށްވުރެ ފަހަތުގައި ރޭންކް ކުރެވިފައިވާ ގައުމުތަކަކީ 39 ވަނައިގައި އޮތް ނޭޕާލާއި 41 ވަނައިގައި އޮތް ސްރީ ލަންކާ އަދި 43 ވަނައިގައި އޮތް ޕާކިސްތާނެވެ.
ސާފުން މިއަދު ވަނީ ޖޫނިއާ މުބާރާތްތަކަށްވެސް ތާރީހު ފައިނަލް ކޮށްފައެވެ. އެގޮތުން ސާފް 19 އަހަރުން ދަށުގެ މުބާރާތް މިއަހަރު މޭ މަހު އޮންނަ އިރު، ސާފް 20 އަހަރުން ދަށުގެ އަންހެން މުބާރާތް އޮންނާނީ ޖުލައިގައެވެ. އަދި 17 އަހަރުން ދަށުގެ ފިރިހެން މުބާރާތް އޮކްޓޯބަރަށް ތާވަލުކޮށްފައިވާ އިރު، ސެޕްޓެމްބަރު މަހު އަންހެން 17 އަހަރުން ދަށުގެ މުބާރާތް އޮންނާނެއެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް