ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ވާދަކުރާ އެންމެ ފާހަގަކޮށްލެވޭ ސަރަހައްދީ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ ފޯމެޓަށް ބޮޑު ބަދަލެއް ގެންނަން ސާފްގެ އެކްސްކޯއިން މިއަދު ފާސްކޮށްފިއެވެ.

ނާޕާލުގެ ކަތަމަންޑޫގައި ބޭއްވި އެކްސްކޯ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ގިނަ ގައުމުތަކެއްގައި ހޯސްޓް ކުރުމަށެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި ކުޅޭ ހުރިހާ ގައުމެއްގައިވެސް މެޗުތައް ހޯސްޓް ކުރަން ނިންމާފައިވާ އިރު، ކޮންމެ ގައުމަކަށްވެސް ހޯމްގައި މެޗުތައް ކުޅުމަށް ފުރުސަތު ލިބޭނެއެވެ. އަދި ބައެއް މެޗުތައް އަވޭގައި ވެސް ކުޅެން ޖެހޭނެ މެއެވެ. އެ ބަދަލަކީ ސީދާ ހޯމް އެންޑް އަވޭ އުސޫލަަށް ކުޅެން ގެނައި ބަދަލެއް ނޫންނަމަވެސް، ހޯމް އަދި އަވޭ މެޗުތަކެއް ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ ގޮތަށް ގެނައި ބަދަލެކެވެ.

އެ ފޯމެޓަށް ޔޫރަޕްގެ ބައެއް މުބާރާތްތައްވެސް މިހާރު ކުޅެމުން އަންނައިރު، އެންމެފަހުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރަށްވެސް ގެނެސްފައި ވަނީ އެކަހަލަ ބަދަލެކެވެ. އެ މުބާރާތުގެ ލީގު ބުރަކީވެސް ހޯމް އެންޑް އަވޭ އުސޫލުގެ ލީގު ބުރެއް ނޫނެވެ. އަވޭގައި ބައެއް މެޗު ކުޅެ، ހޯމް ގައިވެސް ބައެއް މެޗު ކުޅޭ އިރު، އެއް ޓީމަކާ ދެކޮޅަށް ހޯމް އަދި އަވޭގައި ދެމެޗެއް ނުކުޅޭނެ އެވެ.

ސާފް ޗެމްޕިއަންޝިޕް މިއަހަރު ބާއްވަން ތައްޔާރުވެފައިވާ އިރު، ބާއްވާނެ ސީދާ ގައުމެއް އަދި އިއުލާނު ކޮށްފައެއް ނުވެއެވެ. އެކްސްކޯގެ ބައްދަލުވުމުގައި މުބާރާތުގެ ތާރީހުވެސް ނިންމާފައިވާ ކަމަށް ސާފްގެ އިސް އޮފިޝަލަކު "ވަން ސްޕޯޓްސް"އަށް މައުލޫމާތު ދީފައިވެއެވެ. އެހެން ނަމަވެސް އެ ތާރީހު ސާފުން އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.

ސާފް ޗެމްޕިއަންޝިޕަކީ މި ސަރަހައްދުގެ އެންމެ ވާދަވެރި ފުޓުބޯޅަ މުބާރާތެވެ. ރާއްޖެއިން 2008 އަދި 2018 ވަނަ އަހަރު މުބާރާތް ކާމިޔާބުކޮށްފައިވާއިރު، އެންމެފަހުން 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި މުބާރާތް ކާމިޔާބުކުރީ އެންމެ ކާމިޔާބު ޓީމު އިންޑިއާ އެވެ. އެންމެފަހުން ސާފް ޗެމްޕިއަންޝިޕްގައި ކުވައިތާއި ލުބުނާނުންވެސް ވާދަކޮށްފައިވެއެވެ. އެއީވެސް މުޅިން އަލަށް ގެނައި ބަދަލެކެވެ.