މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕް ފައިނަލުގެ ފުރަތަމަ ޖާގަ ކްލަބު އެޗްޑީސީން ހޯދި އިރު، ސެމީ ފައިނަލުގައި ސްޕޯޓްސް ކްލަބު ސިޓީ އާއި ދިވެހި ސިފައިންގެ ކްލަބު ވާދަކުރަން ޖެހިއްޖެއެވެ.

ގައުމީ ވޮލީ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕް ކުޅެމުންދާ އިރު، މި ފަހަރުގެ މުބާރާތުގެ ފޯމެޓް އޮތް ގޮތުން ފުރަތަމަ ކުޅޭނީ ލީގު ބުރެކެވެ. އެއްވަނަ ޓީމަށް ސީދާ ފައިނަލްގެ ޖާގަ ލިބޭއިރު، ދެވަނަ އަދި ތިންވަނަ ޓީމު ސެމީ މެޗެއް ކުޅޭނެއެވެ.

ސިޓީން ދެވަނައިގައި ލީގު ބުރު ނިންމާލީ ރޭ ބްލޫސް ފޯ ވޮލީބޯލް ކައިރިން 4-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އެ މެޗުގެ ފުރަތަމަ ސެޓު ބުލޫސް ފޯ ވޮލީބޯލްއިން 25-21 އިން ގެންގޮސްފައިވާ އިރު، ދެން ޖެހިގެން އައި ތިން ސެޓު ސިޓީން ގެންދިޔައީ 25-22، 25-16 އަދި 26-24 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކީ ސިޓީގެ ޔަނަގިސާވާ ކޮހެއީއެވެ.

އެޗްޑީސީން ރޭ ސިފައިން ކައިރިން ބަލިވި ނަމަވެސް، އޭގެ ކުރިން ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ސިފައިން ތިން ވަނައިގައި ނިންމާލި އިރު، ރޭ އެޗްޑީސީ ކައިރިން ސިފައިން މޮޅުވީ ފަސް ސެޓަށް ކުޅެ، 3-2 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ދެސެޓު އެޗްޑީސީން 25-13 އަދި 25-21 އިން ގެންގޮސްފައިވާ އިރު، ދެން ކުޅުނު ސެޓުތައް ސިފައިން ގެންދިޔައީ 25-20، 25-20 އަދި 15-12 އިންނެވެ.

މުބާރާތުގެ ސެމީ މެޗުގައި ސިފައިންނާއި ސިޓީ މިރޭ ނުކުންނާނީ 8:30 ގައެވެ. މެޗުތައް ކުރިއަށް ދަނީ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައެވެ.