ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގެ ތެރޭގައި ހިމެނޭ ފްރާންސް ލީގަށްވުރެ ސައުދީ އަރަބިއާގެ އެއްވަނަ ޑިވިޝަނުގެ ވާދަވެރިކަން ބޮޑު ކަމަށާއި، އެ ލީގު މާ ވަރުގަދަ ކަމަށް ބްރެޒިލްގެ ނޭމާވެސް ބުނެފިއެވެ.

ނޭމާއަކީވެސް ޔޫރަޕްގެ ފުޓުބޯޅަ ދޫކޮށް ސައުދީއަށް ދިޔަ ސުޕަ ސްޓާރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ 2023 ވަނަ އަހަރު ޕީއެސްޖީ ދޫކޮށް ސައުދީގެ އަލް ހިލާލާ ގުޅުނީ ރެކޯޑު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ އެއްބަސްވުމެއްގައެވެ. ނޭމާ އެފަހަރު ސައުދީއަށް ބަދަލުވީ 77.6 ޕައުންޑްގެ ޓްރާންސްފާ ފީ އަކަށެވެ.

އޭރު ކްރިސްޓިއާނޯ ރޮނާލްޑޯ އަލް ނަސްރަށް ކުޅެމުން ދިޔަ އިރު، ނޭމާއަށް މިހާތަނަށް ހިލާލާއެކު މާ ގިނަ މެޗުތަކެއް ކުޅެވިފައެއް ނުވެއެވެ. އެއީ އަނިޔާގެ މައްސަލަ ބޮޑުކަމުންނެވެ. ބްރެޒިލާއެކު ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗެއްގައި 2023 ވަނަ އަހަރު އޮގަސްޓް މަހު ނޭމާއަށް އަނިޔާވުމުން، މިހާތަނަށް ހިލާލާއެކު އޭނާ ކުޅުނީ އެންމެ ހަތް މެޗެވެ.

ނޭމާ އަލުން ފިޓްވެ، ބްރެޒިލާއެކު 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފޯކަސް ކުރަން ތައްޔާރަށް ހުރި ކަމަށް ސީއެންއެންއަށް ބުނެފައިވާ އިރު، އޭނާ އެ އިންޓަވިއުގައި އިތުރަށް ބުނީ، ސައުދީ ލީގަކީ ފްރާންސް ލީގަށްވުރެ ވަރުގަދަ ލީގެއް ކަމަށް ރޮނާލްޑޯ ބުނި ބުނުމަށް ތާއީދުކުރާ ކަމަށެވެ.

"އަހަރެން ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއްބަސް. މިއަދު ސައުދީ ލީގަކީ ފްރާންސް ލީގަށްވުރެ ވަރުގަދަ ލީގެއް. ސައުދީ ލީގު ދަނީ މައްޗަށް ޖެހެމުން. ކުޅުންތެރިންގެ ފެންވަރުވެސް ދަނީ ރަނގަޅުވަމުން. އެހެންވިޔަސް، ފްރާންސް ލީގުގައިވެސް ވަރުގަދަ ކަންތައްތަކެއް ހުންނާނެ. އެހެންވީމަ އެކަމުގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެއްކިދާނެ،" ނޭމާ ބުންޏެވެ.

ސީއެންއެންއިން ކުރި އިތުރު ސުވާލުތަކަށް ބަލާއިރު، ނޭމާއާއެކު ކުރިން ބާސެލޯނާއަށް ކުޅުނު ލިއޮނަލް މެސީއާއި ލުއިސް ޝުއަރޭޒާއެކު ކުޅުމަށް އެމެރިކާގެ އިންޓަ މިއާމީއަށް ގޮސްދާނަންތޯވެސް އެހިއެވެ. ނޭމާ ބުނީ އެއީ ޝައުގުވެރި ނުވާ ކަމެއް ކަމަށް ނުބުނާނެ ކަމަށެވެ.

ނޭމާގެ ކުރިން ރޮނާލްޑޯ، ސައުދީ ލީގު މޮޅުކޮށްފައި ދެއްކި ވާހަކަތަކަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ. އެއީ ފްރާންސް ލީގުގެ ކްލަބުތަކަކީ ޗެމްޕިއަންސް ލީގުގައި މިވަގުތުވެސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޓީމުތަކެއް ކަމަށްވުމާއި، ފްރާންސް ލީގުގައި އަދިވެސް ވާދަވެރިކަން ބޮޑުވުމުންނެވެ. ރޮނާލްޑޯ އެފަހަރު ބުނީ ފްރާންސް ލީގުގައި ވަރުގަދައީ ޕީއެސްޖީ އެކަނި ކަމަށާއި، ދެން ހުރި ކްލަބުތައް އެވްރެޖް ކަމަށެވެ.