ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ އަތޮޅު ބުރުގައި ހދ. އަތޮޅުގެ ފުރަތަމަ މެޗުތައް މަކުނުދުއާއި ނޭކުރެންދޫގެ އިތުރުން ކުމުންދޫ އަދި ޗެމްޕިއަން ނައިވާދޫން ކާމިޔާބު ކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ކުޅުން ރޭ ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ފަށާފައިވާ އިރު، ހއ. އަތޮޅުގެ ދެ ގްރޫޕްގެ މެޗުތަކަށްފަހު ދެން ކުޅުނީ ހދ. އަތޮޅު އަތޮޅު ބުރުގެ ދެ ގްރޫޕްގެ މެޗުތަކެވެ. އެ އަތޮޅުން ޖުމުލަ 10 ޓީމު ބައިވެރިވެފައިވާ އިރު، ޓީމުތައް ކުޅެމުންދަނީ ދެ ގްރޫޕެއްގައެވެ.
ރޭ ގްރޫޕް އެކެއްގައި މަކުނުދޫން ނޮޅިވަރަންފަރު ކައިރިން 3-2 އިން މޮޅުވި އިރު، އެ ގްރޫޕްގައި ދެން ކުޅުނު މެޗުގައި ނޭކުރެންދޫން ހަނިމާދޫ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މަކުނުދޫން ނޮޅިވަރަންފަރު ބަލިކުރި މެޗުގައި މަކުނުދޫގެ ތިން ގޯލުވެސް ޖަހައި، މުބާރާތުގެ ފުރަތަމަ ހެޓްރިކް ހެދީ ނުހާދު ފައުޒީ އެވެ. ނޮޅިވަރަންފަރުގެ ގޯލުތައް ޖަހައިދިނީ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އާއި އަކްރަމް އަބްދުލް ރަޝީދެވެ.
ނޭކުރެންދުއާއި ހަނިމާދޫ ވާދަކުރި މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެ މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ މުހައްމަދު ވިލްފެވެ.
ހދ އަތޮޅުގެ ގްރޫޕް ދޭއްގައި ރޭ، އެއަތޮޅުގެ އެންމެ ވަރުގަދަ ޓީމް، ޗެމްޕިއަން ނައިވާދޫން ވައިކަރަދޫ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އަބްދުﷲ ވިސާމް ހެޓްރިކް ހެދި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ އިސްމާއީލް ވަހީދެވެ.
ކުމުންދުއާއި ނެއްލައިދޫ ރޭ ގްރޫޕް ދޭއްގައި ކުޅުނު މެޗު، ކުމުންދޫން 4-3 އިން ކާމިޔާބުކުރި އިރު، ކުމުންދޫގެ މުޝްރިފް މުހައްމަދު ވަނީ ދެ ގޯލު ޖަހައިފައެވެ. އެޓީމުގެ އަނެއް ގޯލުތައް ޖެހީ ފަހުމާން އަބްދުލް ހަމީދާއި އަހުމަދު ޝަރީފެވެ.
ނެއްލައިދޫންވެސް ވާދަކޮށް ކުޅެފައިވާ އިރު، އެޓީމުގެ ގޯލުތައް މެޗުގައި ޖެހީ އަލީ ހަސަނާއި މުހައްމަދު ފާރިސް އަދި މުހައްމަދު ސާވިންއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުންދާ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ.
20:00
ގްރައުންޑް 1: ށ. މަރޮށި - ށ. ކަނޑިތީމު
ގްރައުންޑް 2: ށ. ފޭދޫ - ށ. މިލަންދޫ
21:00
ގްރައުންޑް 1: ށ. ގޮއިދޫ - ށ. ބިލެއްފަހި
ގްރައުންޑް 2: ށ. ނަރުދޫ - ށ. ޅައިމަގު
22:00
ގްރައުންޑް 1: ތ. ވިލުފުށި - ތ. އޮމަދޫ
ގްރައުންޑް 2: ތ. ކިނބިދޫ - ތ. ތިމަރަފުށި
23:00
ގްރައުންޑް 1: ތ. ހިރިލަންދޫ - ތ. ވޭމަންޑޫ
ގްރައުންޑް 2: ތ. ބުރުނި - ތ. ކަނޑޫދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް