ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު، ލ. ގަމުން ކާމިޔާބުކޮށްފިއެވެ.
މިރޭ ހުޅުމާލޭގެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި ލ. ގަމުން، މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ބ. އޭދަފުށި ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މިއީ ގަމުން ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެންމެފަހުން މިދިޔަ އަހަރު އެޓީމުން ތ. ތިމަރަފުއްޓާ ދެކޮޅަށް ކުޅުނު ޝީލްޑް މެޗު ކާމިޔާބުކުރި އިރު، އެޓީމަކީ ޖެހިޖެހިގެން ޝީލްޑް މެޗު ކާމިޔާބުކުރި ފުރަތަމަ ޓީމުވެސް މެއެވެ.
ގަމާއި އޭދަފުށިން މިދިޔަ އަހަރުގެ ފޯރިގަދަ ފައިނަލުގައި ވާދަކޮށް އޭދަފުށިން ޗެމްޕިއަންކަން ހޯދި އިރު، މިރޭގެ މެޗަށް ދެޓީމުންވެސް ނުކުތީ މުހިންމު ބައެއް ކުޅުންތެރިން ނުލައެވެ. އެގޮތުން ލ. ގަމުން މިފަހަރުގެ މުބާރާތަށް ނުކުތީ އެޓީމުގެ އިތުބާރު ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) ނުލައެވެ. އޭގެ އިތުރުން މިރޭގެ މެޗަށް އެޓީމުގެ އަލީ ސާމިސް (ތޮއްޕެ)ވެސް ނުކުމެފައެއް ނުވެއެވެ.
އަނެއްކޮޅުން އޭދަފުށިން ނުކުތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުންދާ އެޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު)ގެ އިތުރުން ހައިސަމް ހަސަން (ބިޑި)ވެސް ސްކޮޑުގައި ނުހިމަނައެވެ. އެ ކުޅުންތެރިން ވަނީ ތަށި ނެގި ޓީމުގައި ކުޅެފައެވެ.
މިރޭގެ މެޗު ފެށުމުގެ ކުރިން ކުލަގަދަ ފެށުމުގެ ރަސްމިއްޔާތުގައި ރަސްމީ ލަވަ ހުށަހަޅައިދިނުމުގެ އިތުރުން ރަސްމީ ބޯޅަ ތަފާތު ގޮތަކަށް ދައްކާލައިފައިވެއެވެ. އެއާއެކު މެޗު ފެށިގެން ދިޔަ އިރު، ފުރަތަމަ ހާފުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ.
ދެ ޓީމުގެ ފަރާތުންވެސް ހަމަލާތައް ފެނިގެން ދިޔަ އިރު، އޭދަފުށީގެ މުހައްމަދު ފާސިރާއި އިޝާން އިބްރާހީމް (ސައްޓު)ގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ. ގަމުން ސެޓް ޕީސްތަކުގައި ނުރައްކާ ކުރި އިރު، އަހުމަދު ހަލީމް (އަންމަޑޭ) އާއި ހުސައިން ނާޝިދު (ނާއްޓޯ)ގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި އޭދަފުށިން ކުރިއަށް ޖެހި ކުޅެމުން ދަނިކޮށް، މެޗު ނިމެން ދަނިކޮށް ގަމުން ގޯލު ޖެހީ ސެޓް ޕީސްއެއްގައި ތަނަވަސްކުރި ފުރުސަތެއްގައެވެ. އެ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި، އަބްދުﷲ ޖުނައިދު (ޖޭއްނެ) އެވެ.
މެޗަށްފަހު ޗެރިޓީ ޝީލްޑް ރަސްމީކޮށް ގަމާ ހަވާލުކޮށްދެއްވީ ސޮނީ ސްޕޯޓްސްގެ ޑިރެކްޓަރު މުހައްމަދު ކަލީމެވެ. މިރޭގެ މެޗަށްފަހު ގޯލްޑަން އެސޯސިއޭޝަންގެ ފަރާތުން 25،000 ރުފިޔާ އަދި ގަމު ޓީމުގެ ފަރާތުން 25،000 ރުފިޔާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާ ކޮށްފައިވެއެވެ.
ފުޓްސަލްގެ އެންމެ ބޮޑު ޕްލެޓްފޯމް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިއަހަރުގެ މުބާރާތުގައިވެސް 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް