ލިވަޕޫލްގެ އިންގްލެންޑް ޑިފެންޑަރު ޓްރެންޓް އެލެކްސެންޑާ-އާނޯލްޑް ހޯދަން ރެއާލް މެޑްރިޑުން ކުރި ފުރަތަމަ ބިޑަށް ލިވަޕޫލުން ނޫނެކޭ ބުނެފިއެވެ.

ރެއާލުން ކުރި ފުރަތަމަ ބިޑަކީ މި ޖެނުއަރީ މަހުގެ ޓްރާންސްފާ ވިންޑޯގައި އާނޯލްޑް ގެންދަން ކުރި ބިޑެކެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ޓްރާންސްފާ މާކެޓް ހުޅުވުނު ވަގުތު ރެއާލުން ވަނީ ރަސްމީކޮށް އާނޯލްޑް ހޯދަން ބިޑުކޮށްފައެވެ. އެ ބިޑަކީ އަގުބޮޑު ބިޑެއް ނޫން ކަމަށްވެސް އިތުބާރު ނޫސްތަކުން ބުނެފައިވާ އިރު، އެ ބިޑަށް ލިވަޕޫލުން ވަނީ ވަގުތުން ނޫނެކޭ ބުނެފައެވެ.

ރެއާލުން އާނޯލްޑް ހޯދަން ފުރުތަމަ ކުރި ބިޑަށް ލިވަޕޫލުން ނޫނެކޭ ބުނި ނަމަވެސް، އޭނާ ހިފަހެއްޓޭނެ ކަމަށް ނުބެލެވޭ ކަމަށްވެސް މީޑިއާތައް ރިޕޯޓު ކޮށްފައިވެއެވެ. އެގޮތުން ސީޒަން ނިމުމުން ރެއާލުން އާނޯލްޑް ހޯދަން ބިޑު ކުރަން ތައްޔާރުވެފައިވާ ކަމަށާއި، އެ ބިޑަށް އާނޯލްޑް ރުހޭ ކަމަށްވެސް އިތުބާރު ނޫސްތައް ބުނެއެވެ.

ސްޕެއިންގެ ނޫހަކުން ބުނީ އާނޯލްޑް ހޯދަން ރެއާލުން ކުރީ 12.45 މިލިއަން ޕައުންޑްގެ ބިޑެއް ކަމަށާއި، އެ ބިޑު ހޫނު މޫސުމުގައި ކުރާނީ އާނޯލްޑާއެކު މުސާރައާއި އެހެނިހެން ބޯނަސްތަކަށް އެއްބަސްވުމަށް ފަހުގައި ކަމަށެވެ.

އާނޯލްޑް ރެއާލާ މަޝްވަރާ ކުރަމުންދާނެ ކަމަށް ބެލެވޭ އިރު، ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަހަރެއް އޮތުމުން، އެހެން ކްލަބުތަކާ މަޝްވަރާ ކުރަން މިހާރު އޭނާއަށް ފުރުސަތު އޮންނާނެއެވެ.