މި ސަރުކާރަށް ކުރާ ތުހުމަތުތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށާއި ކުރީ ސަރުކާރުގެ ކޮރަޕްޝަން މައްސަލަތަކަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ސަރުކާރު ހިންގާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޮރަޕްޝަންގެ މައްސަލަތަކުގައި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކުރާ ތަހުގީގުތަކުން ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އެ އިދާރާތަކުން ކުރީ ސަރުކާރުގެ ވެރިންނަށް ތުހުމަތުތަކެއް ކުރާ ކަމަށެވެ. އަދި ސިޔާސީ މީހެއް ވިޔަސް، ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގައި މި ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ޕީއެންސީން ބުންޏެވެ.

އެފަދަ ތަހުގީގުތަކަށް ވަގުތާއި ވަސީލަތްތައް ބޭނުންވާނެ ކަމަށާއި އަވަސްމިނެއްގައި ތަހުގީގުތައް ކުރިއަށްގެންގޮސް، ހެކި ހޯދުމަށް މިނިވަން މުއައްސަސާތަކުން ކުރާ މަސައްކަތްތައް ބަލައިގަންނަ ކަމަށެވެ. އަދި ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ހިންގާފައިވާ ކޮރަޕްޝަންތަކާ ދެކޮޅަށް މި ސަރުކާރުން ކުރާ މަސައްކަތްތައް ވެސް ފާހަގަކުރާ ކަމަށް ޕީއެންސީން ބުންޏެވެ.

"މި މައްސަލަތަކުގައި ޝާމިލުވެފައިވާ ފަރާތްތަކަށް އަވަސް ފިޔަވަޅު އަޅައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާބެހޭ އިދާރާތަކަށް މި ޕާޓީން ގޮވާލަމެވެ. މިއީ ގައުމުގެ ކުރިމަގާއި ރައްޔިތުންނާ ސީދާ ގުޅިފައިވާ މައްސަލަތަކެކެވެ. އަދި އެއްވެސް ލަސްވުމެއް ނެތި، މައްސަލަތަކުގައި ފުލުހުންނަށް ހޯދިފައިވާ ހޯދުންތައް ރައްޔިތުންނާ ހިއްސާކުރުމަށް މި ޕާޓީން އެދެމެވެ..،" ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.

ޕީއެންސީން ބުނީ އިދިކޮޅު ފަރާތްތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުތައް އަމާޒުކުރަނީ ސިޔާސީ މަގުސަދެއްގައި ކަމަށާއި 2023 ގައި ހިންގި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މީގެ ކުރިން އަމިއްލަ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ގޮވާލުމުން އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މި ސަރުކާރަށް ތުހުމަތުތައް ކުރަނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ފަތުރައިގެން ކަމަށް އެ ޕާޓީން ބުންޏެވެ.

ސިޔާސީ ޕްރެޝަރުތައް ކުރިމަތިކުރުވިޔަސް، މި ސަރުކާރުން ކޮރަޕްޝަންގެ މައްސަލަތަކުގައި މަޑުން ނުތިބޭނެ ކަމަށާއި އެފަދަ މައްސަލަތައް ބެލުމުގައި ސަރުކާރުން ކުރާ މަސައްކަތްތަކަށް ޕީއެންސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ފުލުހުން އަންނަނީ ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ މައްސަލަތައް ތަހުގީގުކުރަމުންނެވެ. އޭގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.