2024 ވަނަ އަހަރު ޝަރުއީ ދާއިރާގައި ނިންމި ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ފެންވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު އެ ރަށު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު (57އ) ގެ ގާތިލު، ޝާހް އަލޮމް މިއާ (ސާލިމް) މެރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ސައްހަ ކަމަށް ހައިކޯޓުން ކަނޑައެޅުން ހިމެނެއެވެ.
މަހުމޫދު މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ ސާލިމްގެ މައްޗަށް ދައުލަތުން ކުރިއެވެ. މަހުމޫދަކީ އުމުރުން ދުވެސްފައިވާ މީހަކަށް ވުމުން ސާލިމްއަކީ، މަހުމޫދު ބެލެހެއްޓުމަށް ގެނެސްފައިވާ މީހެކެވެ.
ދައުވާގައި ބަޔާންކޮށްފައި ވަނީ ސާލިމް، މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދެ ދަގަނޑުބުރިން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށެވެ. މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލާފައިވެއެވެ. ސާލިމް ވަނީ ދައުވާގައި ބަޔާންކޮށްފައިވާ ގޮތަށް މަހުމޫދު މަރައިލައިފައިވާ ކަމަށް އިއުތިރާފު ވެފައެވެ. އޭނާ ބުނެފައިވަނީ މަހުމޫދު މަރާލީ ޝައިތާނާ ބޮލަށް ވަނުމުގެ ސަބަބުން ކަމަށެވެ. މަހުމާދު މަރާލެވުނީތީ އާއިލާގެ ކިބައިން މާފަށް އެދޭ ކަމަށެވެ. ނަމަވެސް މަހުމޫދުގެ ވާރިސުން ބޭނުންވީ ގިސާސް ނުވަތަ މަރަށް މަރު ހިފުމަށެވެ. އެހެންވެ ކުރިމިނަލް ކޯޓުން ވަނީ ސާލިމް މެރުމަށް 2022 ފެބްރުއަރީ 27 ގައި ހުކުމް ކޮށްފައެވެ.
ކުރިމިނަލް ކޯޓުގެ އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރުމުގެ ގޮތުން ދައުލަތުން ވަނީ ހައިކޯޓަށް ހުށަހަޅައިފައެވެ. ހައިކޯޓުގެ އައުލަބިއްޔަތުން އެ މައްސަލަ 2024 ޖުލައި 25 ގައި ނިންމައިފައިވަނީ ކުރިމިނަލް ކޯޓުގެ ނިންމުން ދެމެހެއްޓުމަށެވެ. މި މައްސަލަ ބައްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔަށް ފަނޑިޔާރު ފާތުމަތު ފަރުހީޒާ ތާއީދު ކުރައްވައި ބެންޗުގެ އައުލަބިއްޔަތުން ހުކުމް ކުރީ، ސާލިމް މެރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަކީ، ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ސައްހަ ހުކުމެއް ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔު ތަފާތެވެ. ފަނޑިޔާރު ޝަފީއު ވިދާޅުވެފައިވަނީ، ދަށު ކޯޓުގައި އެ މައްސަލަ ކުރިއަށް ދިޔައިރު، ލިބިދޭން ޖެހޭ ބައެއް ހައްގުތައް ސާލިމަށް ލިބިފައި ނުވާކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެކަންތައްތައް ފާހަގަ ކުރައްވައި، އެ ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވެފައި ވަނީ، ސާލިމް މެރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލު ކަމަށް ކަނޑައަޅަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ގާނޫނާ އެއްގޮތަށް ހައްގުތައް ކަށަވަރު ކުރުމަށްފަހު ދައުވާއަށް ޖަވާބުދާރީވުމަށް ސާލިމްއަށް އަންގައި ގާނޫނީ މަރުހަލާ ފުރިހަމަކޮށް، އެ މައްސަލައަށް ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް މައްސަލަ ތަހުވީލުކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ.
މިއީ މިދިޔަ އަހަރު މަރުގެ މައްސަލައެއްގައި ކުށް ސާބިތުވެ މަރުގެ ހުކުމެއް ދެމެހެއްޓެވި ހަމައެކަނި މައްސަލައެކެވެ. މަރުގެ އެހެން މައްސަލައެއްގައި ވެސް މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފައެއްް ނުވެއެވެ.
މަހުމޫދު މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި، ފަޅުގެއެއްގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނީ 2021 އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު އޭނާ ގެއިން ނުކުމެގެންދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށެވެ. މަހުމޫދުގެ ހަށިގަނޑު ފެނުނުއިރު 30 ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާ ފެނިފައިވަނީ ފަޅު ގެއެއްގެ ތެރެއިގައިހުރި ފެންވަޅެއްގެ ތެރެއިންނެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ސާލިމް ހައްޔަރުކުރީ 2021 އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:30 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ފުލުހުން ބުނެފައިވަނީ މަހުމޫދު މަރާލާފައިވަނީ ފައިސާގެ ބޭނުމުގައި ކަމަށް ސާލީމް ވަނީ ތަހުގީގަށް ކިޔައިދީފައި ކަމަށެވެ. ފުލުހުން ބުނެފައިވަނީ ސާލިމު ދިރިއުޅުނު ދަނގެތީ ނެދުންގެ ބަލައި ފާސްކުރުމުގައި ވެސް ފައިސާތަކެއް ފެނިފައިވާ ކަމަށާއި އޭގެ ތެރޭގައި 500 ރުފިޔާގެ ވިއްސަށްވުރެ ގިނަ ނޫޓު ހިމެނޭ ކަމަށެވެ. މަހުމޫދަކީ އަބަދުވެސް ގިނަ އަދަދެއްގެ ފައިސާ ގެންގުޅޭ މީހެއްކަމަށް ރަށު މީހުންވެސް ބުނާ ކަމަށާއި، މަހުމޫދަށް ސާލިމު ހަމަލާދިނުމުގެ ސަބަބަކީ އެއީކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ސާލިމާއި މަހުމޫދަކީ ދެ އެކުވެރީން ނޫން ކަމަށާއި ނަމަވެސް މަހުމޫދު މަރާލަން ހިންގި އަމަލަކީ ދުރާލައި ރާވައިގެން ހިންގި އަމަލެއްކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި އެކަމުގައި ސާލިމު ފިޔަވައި އިތުރު މީހަކު ބައިވެރިވެފައިވާކަން އެނގެން ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ. މަހުމޫދު، މަރާލިރޭ ސާލިމު ދިރިއުޅޭ ގެއަށް މަހުމޫދު ގެންދިޔައީ ފޯނު ކޮށްގެން ކަމަށާއި އެ ދެމީހުންނަކީ އެކުވެރިން ނޫން ނަމަވެސް ފޯނުކޮށްގެން މަހުމޫދު އެގެއަށް ގެންދިއުމުގައި ގަބޫލުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
"މަހުމޫދުބެ އަކީ ކާޑު ގުދަނެއް ގެންގުޅޭ މީހެއް. އެހެންކަމުން ކޮންމެ މީހަކުވެސް އެތަނުން އެއްޗެހި ނެރެންވީމަ، ގުޅަނީ މަހުމޫދުބެއާ އެގޮތަށް ގުޅޭނެ. އެގޮތަށް މަހުމޫދުބޭގެ ނަންބަރު ބޭނުންކޮށްގެން ޝާ އަލޮމް މިއާ (ސާލިމް) ވެސް ގުޅައިގެން ގެންދިޔައީ،" ފުލުހުން ބުނެފައިވެއެވެ.
މަހުމޫދު މަރާލަން ދިން ހަމަލާއަކީ ފައިސާގެ ބޭނުމުގައި ޓާގެޓުކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށާއި އިތުރު ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް