ސްޕެނިޝް ލީގުގެ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ސެވިއްޔާ ކައިރިން މޮޅުވެއްޖެއެވެ.
ރޭ އަމިއްލަ ދަނޑުގައި ރެއާލް މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު ރެއާލް މިވަގުތު ތާވަލުގެ ދެވަނައިގައި އޮތީ 18 މެޗުން 40 ޕޮއިންޓާއެކުގައެވެ. ސީޒަނުގެ ފެށުން ރެއާލަށް ގޯސްކޮށް ދިޔަ ނަމަވެސް، އެޓީމުން މިހާރު ވަނީ ފޯމު ރަނގަޅުކޮށްފައެވެ. އެގޮތުން އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުންވެސް ރެއާލް މޮޅުވެފައިވާ އިރު، އެޓީމަށްވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެން އެއްވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ.
މި ހަފުތާގައި ކުޅުނު މެޗުގައި ބާސެލޯނާ ބަލިކުރި އެތުލެޓިކޯ މިވަގުތު އެއްވަނައިގައި އޮތީ 18 މެޗުން 41 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗު ވަރުގަދަކޮށް ފެށި ރެއާލުން ފުރަތަމަ 35 ވަރަކަށް މިނެޓް ތެރޭގައި ތިން ގޯލު ޖެހިއެވެ. އެ ގޯލުތައް ޖެހީ ކިލިއަން އެމްބާޕޭއާއި ފެޑެރީކޯ ވަލްވާޑޭގެ އިތުރުން ރޮޑްރީގޯއެވެ. އޭގެ ތެރެއިން ވަލްވާޑޭ ޖެހި ގޯލަކީ ދުރުން ޖެހި ރީތި ގޯލެކެވެ.
ރެއާލުން ފުރަތަމަ ހާފު ކޮންޓްރޯލް ކުރަމުން ދަނިކޮށް، ހާފު ނިމުމުގެ ކުރިން ސެވިއްޔާއިން ވަނީ ގޯލެއް ޖަހައި، މެޗަށް އަނބުރާ ވަނުމަށް މަސައްކަތް ފަށައިފައެވެ. އެޓީމުގެ ގޯލު ކާމިޔާބުކޮށްދިނީ އިސާކް ރޮމޭރޯއެވެ.
ރެއާލުން ދެވަނަ ހާފުގެ ކުރީކޮޅުގައި އިތުރު ގޯލެއް ޖެހި އިރު، އެ ގޯލަކީ ބްރަހީމް ޑިއާޒް ޖެހި ގޯލެކެވެ. ސެވިއްޔާގެ ދެވަނަ ގޯލު މެޗު ނިމިނިމި އޮއްވާ، ޑޮޑީ ލުކެބާކިއޯ ޖެހި އިރު، ސެވިއްޔާއިން ރެއާލާ ދެކޮޅަށް އެންމެފަހުން ކުޅުނު 20 މެޗުގެ ތެރެއިން 19 މެޗުން މޮޅުވީ ރެއާލެވެ.
ރޭގެ މެޗަކީ ސެވިއްޔާގެ ސްޕެއިން ލެޖެންޑް ޖީސަސް ނަވާސް ކެރިއަރުގައި ކުޅުނު ފަހު މެޗެވެ. ސްޕެއިނާއެކު ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށްފައިވާ ނަވާސް، ސެވިއްޔާއަށް 705 މެޗު ކުޅެ ނިންމާލީ ރޭގެ މެޗުގެ ދެވަނަ ހާފަށް ނުކުތުމަށްފަހުއެވެ. ނަވާސްއަށް އަލްވަދާއު ކިޔަން ދެ ކްލަބުގެ ސަޕޯޓަރުންވެސް ވަނީ ކޮޅަށް ތެދުވެ، ތަރުހީބު ދީފައެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ