ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމުން، އިންޑިއާއާ ދެކޮޅަށް އެކުވެރިކަމުގެ ދެމެޗު ކުޅެން ތައްޔާރުވެއްޖެއެވެ.
އިންޑިއާ ފުޓުބޯޅަ ފެޑެރޭޝަނުން އިއުލާނުކޮށްފައިވާ ގޮތުގައި ރާއްޖެ އާއި އެގައުމުގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމާ ދެމެދު ކުޅޭ އެކުވެރިކަމުގެ ދެ މެޗު ކުޅޭނީ މިމަހުގެ 30 އަދި އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. އެ ދެ މެޗުވެސް ކުޅެން ނިންމާފައި ވަނީ ބެންގަލޫރުގެ ޕަޑުކޯން-ޑްރާވިޑް ސެންޓާ ފޯ އެކްސެލެންސްގައެވެ.
މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޯޗުކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ތަމްރީނުތައް ފުރިހަމަ ކުރުމަށްފަހު، ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމުން ވަނީ ދާދިފަހުން ސާފް އަންހެން މުބާރާތުގައި ވާދަކޮށްފައެވެ. އެ މެބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާ ކައިރިން 1-0 އިން ބަލިވި އިރު، އެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. އެހެން ނަމަވެސް އޭގެފަހުން ބޫޓާނާއި ނޭޕާލް ކައިރިންވެސް ރާއްޖެ ބަލިވީ ތަފާތު ބޮޑު ކޮށެވެ.
އިންޑިއާ ގައުމީ އަންހެން ޓީމުވެސް މިހާރު އޮތީ އެންމެ ރަނގަޅު ހާލަތެއްގައެއް ނޫނެވެ. މިހާތަނަށް މިއަހަރު 10 މެޗެއް އެގައުމުން ކުޅެފައިވާ އިރު، މޮޅުވީ ތިން މެޗުންނެވެ. އަދި ހަތަރު މެޗުން ބަލިވިއެވެ. ސާފް އަންހެން މުބާރާތުން އިންޑިއާ ކެޓީ ނޭޕާލް ކައިރިން 4-2 އިން ބަލިވެގެންނެވެ.
އޭގެ އިތުރުން ޓާކިޝް ވުމަންސް ކަޕް 2024 ގެ ފައިނަލަށް އިންޑިއާ ދަތުރުކުރި އިރު، ފައިނަލުގައި ބަލިވީ މާ ބޮޑަށްވެސް ރޭންކިން ދަށް ޓީމެއް ކަމަށްވާ ކޮސޯވޯ ކައިރިންނެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު