އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲ ވަޒީފާއިން ވަކިކޮށްފައި ވަނީ ގޯސްކޮށް ކަމަށްވާތީ، އެކަމުގެ ބަދަލު ހޯދަން ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމައިފިއެވެ.

މި މައްސަލައަކީ 25 ޖުލައި 2017 އިން ފެށިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު އަދާ ކުރަމުން ދަނިކޮށް މުސްއަބާ ބެހޭގޮތުން ސީއެސްސީއަށް ހުށަހެޅި ވަޒީފާގެ ޒިންމާތަކާ ގުޅޭ ހަތަރު މައްސަލައެއް ތަހުގީގު ކުރަމުންދިޔަ ދުވަސްތަކުގައި، 29 މެއި 2019 އިން ފެށިގެން ތަފާތު ހަތަރު ފަހަރެއްގެ މަތިން މުސާރަ ނުލިބޭ ގޮތަށް އޮފީހަށް ނުކުތުން މަނާކޮށް، އޭގެ ފަހުން އޭނާ ވަޒީފާއިން ވަކި ކުރުމާ ގުޅިގެން ހުށަހެޅި މައްސަލައެވެ.

މުސްއަބުގެ މައްޗަށް ތަހުގީގު ކުރީ، އެސްއޭޕީ ސޮފްޓްވެއާގައި ރަޖިސްޓްރީކޮށް މިނިސްޓްރީގައި ނެތް މުވައްޒަފަކަށް ގަވާއިދާ ހިލާފަށް މުސާރަ ދިނުމާއި ވަޒީފާއާ ގުޅުންހުރި ކަންކަމުގައި އިހުމާލުވުމާއި ނުފޫޒު ބޭނުންކުރުމާއި 17 މެއި 2019 ގައި ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް ޓުވީޓާގައި އާއްމުކުރި މައްސަލައެކެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްފަހު، ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުރެ މާލިއްޔަތުގެ ގަވާއިދާއި ސީއެސްސީގެ ގަވާއިދާއި ކޯޑް އޮފް ކޮންޓެކްޓާ މުސްއަބު ހިލާފުވެފައިވާކަން މައްސަލަ ދިރާސާ ކުރި ކޮމިޓީން ނިންމިއެވެ. އެހެންކަމުން އެކަމަކީ ސީއެސްސީގެ ގާނޫނާއި ގަވާއިދާއި ކޯޑްއޮފް ކޮންޑަކްޓާ ހިލާފް ވެފައިވާ ކަމަށް ކަނޑައަޅައި 10 ސެޕްޓެމްބަރު 2019 ގައި އޭނާ ވަޒީފާއިން ވަކި ކުރިއެވެ.

އެކަމާ ގުޅިގެން މުސްއަބުގެ ފަރާތުން މީގެކުރިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. ކޯޓުގައި އޭނާ އެދުނީ ވަޒީފާއިން ވަކިކުރީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ނިންމުން ބާތިލުކޮށްދިނުމުގެ އިތުރުން، އޭނާ ސަސްޕެންޑް ކުރީ ގާނޫނާ ހިލާފަށް ކަމަށާއި ވަޒީފާ އަނބުރާ އިޔާދަކޮށްދިނުމަށާއި މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑް ކުރި ދުވަހުން ފެށިގެން ވަޒީފާ އިޔާދަކުރުމާ ހަމައަށް ވަޒީފާގައި ދެމިހުރި ނަމަ ލިބޭނެ މުސާރަ އާއި އިނާޔަތްތައް ހޯދުމަށާއި ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި ގާނޫނީ ވަކީލެއްގެ އެހީތެރިކަމާ އެކު މައްސަލައިގައި ކުރިއަށްދާން ޖެހުމުން ހަރަދު ކުރަން ޖެހުނު އެންމެހާ ފައިސާ ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން ނަގައި ދިނުމަށް އަމުރު ކޮށްދިނުމަށެވެ.

އޮކްޓޯބަރު 2019 ގައި ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ އެ ކޯޓުން ބަލައި، ޑިސެމްބަރު 2020 ގައި ކުރި ހުކުމުގައި ވަނީ އެގޮތަށް ސިވިލް ސާވިސް ކޮމިޝަނަށް އަންގާ އަމުރު ކުރާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް މުސްއަބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގައި ހައިކޯޓުން 2022 އޯގަސްޓް މަހުގެ 28 ގައި ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވެފައި ވަނީ، މުއްސަބުގެ މައްޗަށް ގިނަ މައްސަލަަތަކެއް ތަހުގީގު ކުރި ކަމަށް އޮތް ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރި ޗިޓުގައި ހަވާލާދީފައި ވަނީ ސިއްރު ލިޔުން ޓުވީޓާގައި އާއްމުކުރި މައްސަލައަށް އެކަނި ކަމަށެވެ.

ޓުވީޓާގައި ހާމަކޮށްފައިވަނީ ސިއްރު މައުލޫމާތު ކަމަށް ދައުލަތުން ބުނާ ލިޔުމަކީ އިސްލާމިކް މިނިސްޓްރީން 13 ނޮވެމްބަރު 2018 ގައި އޭސީސީއަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އެ ކޮމިޝަނުން މިނިސްޓްރީއަށް ފޮނުވި މައްސަލަ ނިންމި ގޮތް ކަމަށާއި އެ ލިޔުމަކީ އެއް ސިޓީއެއްގެ ގޮތުގައި މުސްއަބަށާއި އިސްލާމިކް މިނިސްޓްރީއަށް ފޮނުވުމަށްފަހު އޭސީސީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ސިޓީއެއް ކަމަށްވެސް ވިދާޅުވިއެވެ.

"އެ ސިޓީގެ ސްކްރީން ޝޮޓަށް ބަލާ އިރު، އޭގައި ފެންނަން އޮތީ ހަމައެކަނި މައްސަލަ ނިންމި ގޮތުގެ ކޮންޓެންޓް. އެއީ އޭސީސީން އިސްލާމިކު މިނިސްޓްރީއަށް ފޮނުވި ސިޓީއެއްކަން އެނގޭނެ އެއްވެސް ކަމެއް ފެންނާކަށް ނެތް. އަދި އެކަން ސާބިތުކޮށްދެވޭނެ ހެއްކެއް ގަރީނާއެއްވެސް ދައުލަތުން ހުށަހަޅާފައިވާކަން އެނގޭކަށް ނެތް. އެހެންކަމުން އެ މައްޗަށް ބިނާކޮށް މުސްއަބު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ސިއްރު މައުލޫމާތަކީ ކޮބައިކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވޭ،" ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވީ ސަރުކާރުގެ އިދާރާއަކުން އަނެއް އިދާރާއަކަށް ފޮނުވާފައިވާ ލިޔުމެއް މުސްއަބު އަމިއްލަ ހައިސިއްޔަތުން ހާމަކޮށްފައިވާ ކަމަަށް ނުދެކޭ ކަމަށެވެ. އެހެންކަމުން ގާނޫނާއި ގަވާއިދާ ހިލާފަށް އޭނާ ދައުލަތުގެ ސިއްރު މައުލޫމާތެއް ހާމަކޮށްފައިވާ ކަމަށް ބުނެ، އެ މައްޗަށް ބިނާކޮށް އޭނާ ވަޒީފާއިން ވަކިކުރި ކަމަށް ބުނާ ސަބަބު ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާތީ، އޭނާ ވަޒީފާއިން ވަކި ކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ބަލާނެ ގާނޫނީ ހަމައެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް ހައިކޯޓުން އަމުރު ކުރީ މުސާރަ ނުލިބޭ ގޮތަށް މުސްއަބް ވަޒީފާއިން ސަސްޕެންޑް ކޮށްފައި ހުރި މުއްދަތުގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި 86،333 ރުފިޔާ އަދި އޭނާ ވަޒީފާއިން ވަކިކުރި ތާރީހު ކަމަށްވާ 10 ސެޕްޓެމްބަރު 2019 އިން ފެށިގެން މުއްސަބާއި ސިވިލް ސާވިސް ކޮމިޝަނާ ދެމެދު ހަދާފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރިހު ކަމަށްވާ 24 ޖުލައި 2022 އާ ހަމައަށް މުސާރައިގެ ގޮތުގައި ލިބެންޖެހޭ 1,101,333 އާއެކު ޖުމުލަ 1,187,666 ރުފިޔާ 14 ދުވަހުގެ ތެރޭގައި މުސްއަބް އަށް ދެއްކުމަށެވެ.

މި ހުކުމް ސީއެސްސީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މިއީ މަދަނީ އިޖުރާއަތުގެ ގާނޫނުގައި އިސްތިއުނާފީ މައްސަލަ ހުށަހަޅަން އޮތް މުއްދަތު ހަމަވެފައިވަނިކޮށް ހުށަހެޅި މައްސަލައެއް ކަމަށް ބުނެ މި މައްސަލަ ބާތިލުކުރުމަށް މުސްއަބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދުނެވެ.

ނަމަވެސް މުއްދަތު ފަހަނަ އަޅައި ދިއުމުން ވެސް މައްސަލަ ބަލައިގެންފައި ވަނީ ސުޕްރީމް ކޯޓުން މުއްދަތު ގުނުމުގައި މިހާތަނަށް ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި މުއްދަތު ގުނަމުން ގޮސްފައިވާތީ ކަމަށް ވެފައި، މިއީ މިހާތަނަށް ސުޕްރީމް ކޯޓުން އަމަލުކުރަމުން އައި ގޮތް ކަމަށްވުމުގެ ސަބަބުން މައްސަލަ ކޯޓަށް ބަލައިގަތެވެ.

މި މައްސަލަ ބަލައި ސުޕްރީމް ކޯޓުން މިއަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ކުރި ހުކުމުގައި ވަނީ، ބަދަލުގެ މިންވަރު ކަނޑައެޅުމުގައި މުސްއަބު ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ސީއެސްސީ އާއި މުސްއަބާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސް ވުމުގެ މުއްދަތު ހަމަވި ތާރީހާ ހަމައަށް ލިބެންޖެހޭ އެންމެހާ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ނަގައި ދިނުމަށް ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ ޖުމުލަ 1,187,666 ރުފިޔާގެ ބައި އެ ހުކުމުން ބާތިލް ކުރާ ކަމަށެވެ.

އަދި މުސްއަބު ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވި ތާރީހާ ހަމައަށް ލިބެންޖެހޭ އެންމެހާ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށް ހައިކޯޓުގެ ހުކުމުގައި ކަނޑައެޅި ކަނޑައެޅުން ފިޔަވައި އެ ނިންމުމުގެ އެހެނިހެން ބައިތަކަށް ތާއީދު ކުރާ ކަމަށްވެސް ހުކުމުގައިވެއެވެ.

އެހެންކަމުން މުސްއަބުގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދަން އެދޭނަމަ، އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުގެ ހައްގު އޭނާއަށް ލިބިގެންވާ ކަމަށް ކަނޑައަޅާ ކަމަށްވެސް ފަނޑިޔާރު އާއިޝާ ޝުޖޫން އާއި ފަނޑީޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ހިމެނިވަޑައިގަންނަވާ ބެންޗުން ކުރި މި ހުކުމުގައިވެއެވެ.

ސިވިލް ކޯޓަށް މުސްއަބު މިހާރު ހުށަހަޅާފައިވާ މައްސަލައަކީ، ވަކި މައްސަލައެއްގެ ގޮތުގައި ބަދަލު ހޯދުމުގެ މައްސަލަ ހުށަހެޅޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވާގޮތަށް ހުށަހެޅި މައްސަލައެކެވެ.

ނަމަވެސް އިޖުރާއީ ނުކުތާއެއް ފާހަގަކޮށް އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ސީއެސްސީން ވަނީ ބުނެފައެވެ.

ސީއެސްސީ ހުށަހެޅި އިޖުރާއީ މައްސަލަ ބެލުމަށްފަހު، ސިވިލްކޯޓުން އިއްޔެ ހުކުމް ކޮށްފައިވަނީ، އެ ދައުވާ ކުރިއަށް ގެންދިއުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެންވާ ކަމަށެވެ.