އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ ހަލީމަތު ލަމްހާ، ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓާ ނިންމާފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމައިފައިވާތީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ ޝަފީއު އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވަނީ މިއަދު ކަމަށެވެ.

"މިއަދު އަޅުގަނޑުމެންވާނެ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅައިފައި،" ޝަފީއު ވިދާޅުވިއެވެ.

ކުރިމިނަލް ކޯޓުން ޝަރުތުތަކަކާ އެކު ލަމްހާ ބަންދުން ދޫކޮށްލުމަށް އަމުރު ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 12 ގައެވެ. ކުރިމިނަލް ކޯޓުގެ އެ އަމުރު ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ ނޮވެމްބަރު މަހުގެ 14 ގައެވެ. އެ އިސްތިއުނާފީ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ ނޮވެމްބަރު މަހުގެ 21 ގައެވެ. ހައިކޯޓުގެ ރަޖިސްޓާގެ އެ ނިންމުން މުރާޖައާ ކޮށްދިނުމަށް ދައުލަތުން ވަނީ މި މަހުގެ ނުވައެއްގައި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެ މައްސަލަ ބެލުމަށްފަހު ނިންމި ނިންމުމުގައިވަނީ މައްސަލަ ބަލާ ފަނޑިޔާރު ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ނުވަތަ ރިއާޔަތް ކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށާއި އިސްތިއުނާފު ކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށް އަދި ހައްގުތަކެއް ގެއްލި އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާ ބުނުމަކުން އެ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ގާނޫނު ހުއްދަކުރާ މިންގަނޑަށް ވާސިލު ނުވެވޭނެ ކަމަށެވެ. އެފަދައިން ބުނާ ކަމުގައިވަނީ ނަމަ އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފު ކުރާ ފަރާތުން ސާފުކޮށް ބަޔާން ކުރަން ޖެހޭނެ ކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ.

ދައުލަތުގެ ފަރާތުން ހުށަހަޅައިފައިވާ އިސްތިއުނާފީ މައްސަލައިގައި އެކަން ސާފުކޮށް ބަޔާންކޮށްދީފައިނުވާ ކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ. އެހެންވެ މައްސަލަ ކޯޓަށް ބަލައިގަންނަންޖެހޭ ސަބަބެއް ނެތް ކަމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމެވިއެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުހައްމަދު ސަލީމެވެ. ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ފައިސަލެވެ.

މި މައްސަލައިގައި ރައުޔު ތަފާތުވީ ފަނޑިޔާރު ނިޔާޒުގެއެވެ. ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވިދާޅުވީ ޝަރީއަތް ލަސްވުމަކީ ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން ކަމަށާއި ޝަރީއަތް ލަސްވާ އެތައް ސަބަބުތަކެއް ހިމެނޭއިރު އެކަންކަމަށް ފަރުވާއެއް ދިނުމުގެ ބަދަލުގައި ބަންދުގައި ހުންނަ މީހެއް ދޫކޮށްލުމަކީ ކުރެވޭނެ ކަމެއްތޯ ބަލަންޖެހޭ ކަމަށެވެ. އެހެންކަމުން ރަޖިސްޓްރާގެ ނިންމުން ރަނގަޅު ނޫން ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ.

މޭރީ ގްރޭސްގެ މަރުގެ މައްސަލައާ ގުޅިގެން ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކުރެއެވެ. އެއީ އެނގިހުރެ މީހަކު މެރުގައި ބައިވެރިވުމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާއެވެ.