ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން ފަހަތުންއަރައި ވިކްޓޯރިއާ ޕްލެޒެން ބަލިކުރި އިރު، ޓޮޓެންހަމް ހޮޓްސްޕާސްއިން ރޭންޖާސްއާ އެއްވަރުކޮށްފިއެވެ.
ޔޫރޮޕާ ލީގުވެސް މިއަހަރު އާ ފޯމެޓަކަށް ކުޅެމުން އަންނައިރު، ހުރިހާ ޓީމުތަކެއްވެސް ލީގު ބުރުގައި މިހާތަނަށް ވަނީ ހަ މެޗު ކުޅެފައެވެ. ތާވަލުގެ އެންމެ މަތީގައި އޮންނަ އަށްޓީމަކަށް ގަދަ 16ގެ ޖާގައެއް ޔަގީންވާ އިރު، ނުވަވަނައިން ފެށިގެން ގޮސް، 24 ވަނައާ ހަމައަށް އޮންނަ ޓީމުތަކަށް ލިބެނީ ޕްލޭ އޮފް ޖާގައެކެވެ.
ރޭ ޔުނައިޓެޑުން ރަށުން ބޭރުގައި 2-1 އިން ވިކްޓޯރިއާ ޕްލެޒެން ކައިިރިން މޮޅުވި އިރު، އެޓީމު ތާވަލުގެ ހަތްވަނައިގައި އޮތީ ހަ މެޗުން 12 ޕޮއިންޓާއެކުގައެވެ. ޓޮޓެންހަމްއާއި ރޭންޖާސްއާ 1-1 އިން އެއްވަރުކޮށްފައިވާ އިރު، ޓޮޓެންހަމް މިވަގުތު ނުވަވަނައިގައި އޮތީ ހަ މެޗުން 11 ޕޮއިންޓާއެކުގައެވެ. އެޓީމާ އެއްވަރުވި ރޭންޖާސް އޮތީ އަށްވަނައިގައެވެ. އެއީވެސް ހަމަ 11 ޕޮއިންޓާއެކުގައެވެ. ދެޓީމުގެ ފަރަގަކީ ފައިދާ ގޯލުގެ ފަރަގެވެ.
ރޭ ޔުނައިޓެޑުން ކުޅުނު މެޗުގެ ތިން ގޯލުވެސް ފެނުނީ ދެވަނަ ހާފުގައެވެ. ހަމަލާތައް މަދު ފުރަތަމަ ހާފަކަށްފަހު ދެވަނަ ހާފު ފެށިގެން އެންމެ ތިން މިނެޓް ހިނގިތަނާ ޕްލެޒެންއިން ވަނީ ލީޑު ނަގައިފައެވެ. އެއީ ޔުނައިޓެޑްގެ ގޯލްކީޕަރު އަންދްރޭ އޮނާނާއަށް ހެދުނު ގޯހަކުންނެވެ.
އޮނާނާ، އޭރިއާ ތެރެއިން ޑިފެންޑަރު މަތިއަސް ޑެ ލިޓަށް ދޭން ޖައްސާލި ބޯޅަ، ޕްލެޒެންގެ ޕަވެލް ސުލްކް ހޯދައި ޕާސްކޮށްލީ ހުސްކޮށް އޮތް މަޓޭޖް ވީދްރާއަށެވެ. ކުރިން ބާންލީއާއި ވޮޓްފޯޑަށް ކުޅުނު ވީދްރާ ބޯޅަ ގޯލަށް ވައްދާލީ ފަސޭހަކޮށެވެ.
ޔުނައިޓެޑަށް ދެ ގޯލުވެސް ރޭ ޖަހައިދިނީ ބެންޗުން ނުކުތް ރަސްމުސް ހޮއިލުންޑެވެ. އުމުރުން 21 އަހަރުގެ ފޯވަޑް ހޮއިލުންޑްގެ ފުރަތަމަ ގޯލަށް އަމަޑް ޑިއާލޯ ފުރުސަތު ތަނަވަސްކޮށްދިން އިރު، ދެވަނަ ގޯލަކީ ބްރޫނޯ ފެނާންޑޭޒް ދުއްވާލި ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ.
ޓޮޓެންހަމްއާއި ރޭންޖާސް ރޭ ކުޅުނު ފޯރިގަދަ މެޗުގެވެސް ދެ ގޯލު ފެނުނީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފު ފެށިގެން 81 ވަނަ މިނެޓުގައި ރޭންޖާސްއަށް ލީޑު ނަގައިދިނީ ހަމްޒާ އަގަމާނޭއެވެ. އެ ގޯލަކީ ޖޭމްސް ޓަވާނިއާގެ ހުރަހަކުން އޭނާ ޖެހި ގޯލެކެވެ.
މެޗުން ބަލިވާން ދަނިކޮށް، 75 ވަނަ މިނެޓުގައި ޓޮޓެންހަމްއަށް އެއްވަރު ކޮށްދިނީ ޑިޖާން ކްލުސޭވްސްކީއެވެ. އެ ގޯލަކީ ޑޮމެނިކް ސޮލާންކޭ ޖައްސާލި ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު