ދެހާސް ހަވަނަ އަހަރުގެ ތެރޭގައި މަރާލި ގއ. ވިލިގިލި، ކަނޑުއޮޅި، މުހާއްމަދު ޝިހާބު މަރުގެ މައްސަލަ ތިންވަނަ ފަަހަރަށް ބެލުމުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މިއަދު ފަށައިފިއެވެ.

ދެހާސް ހަވަނަ އަހަރުގެ ޖުލައި މަހުގެ 14 ދުވަހު، މުހައްމަދު ގާސިމް، ފަރިޔާޝް އަހްމަދު، އަލީ މަސްއުދު ސައީދު އަދި މުހައްމަދު ޝަފްރާޒް ވަނީ ޝިހާބު ގައިގައި ލަކުޑި ފަތިބުރި ތަކަކުންނާއި އަތުންނާއި ފައިން ތަޅައި މާރާމާރީ ހިންގައިފައެވެ. އެ މާރާމާރީގައި ލިބުނު އަނިޔާތަކަށް ފަރުވާ ކުރަމުންދަނިކޮށް، އޭގެ ތިން ދުވަސް ފަހުން ޝިހާބު ވަނީ މަރުވެފައެވެ.

އެހެންވެ ދައުލަތުން ވަނީ އެ ހަތަރު މީހުންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކޮށްފައެވެ. ކުރިމިނަލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު 2008 ވަނަ އަހަރު ހުކުމްކުރީ އެ ހަތަރު މީހުންގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާތީ އެ މީހުން މެރުމަށެވެ.

އެ ހުކުމް އެ ހަތަރު މީހުންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައި ކޯޓުން އެ އިސްތިއުނާފީ މައްސަލަ ބެލުމަށްފަހު 2013 ވަނަ އަހަރުގެ ތެރެއިގައި ހުކުމްކުރީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، މަސްއޫދު އަދި ޝިފްރާޒްގެ ބައި އަލުން ބެލުމަށް ކުރިމިނަލް ކޯޓަށް އެންގުމަށެވެ. ހައި ކޯޓުގެ ހުކުމާ އެއްގޮތަށް އަލުން އެ މައްސަލަ ބެލި ނަމަވެސް މައުލޫއީ ގޮތެއްގައި މައްސަލަ ބަލާފައެއް ނުވެއެވެ. ކުރިިމިނަލް ކޯޓުން 2019 ވަނަ އަހަރުގެ ތެރެއިގައި އެ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ އިބްތިދާއީ މަރުހަލާގައި މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށެވެ.

ކުރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކުރުމުން ދައުލަތުން ވަނީ ހައި ކޯޓުގައި އެ ނިންމުން އިސްތިއުނާފުކޮށްފައެވެ. ހައި ކޯޓުން 2022 ނޮވެމްބަރު 02 ގައި އެ މައްސަލަ ބެލުމަށްފަހު ކުރި ހުކުމުގައި ވަނީ ކުރިން ފަހަރު ކުރިމިނަލް ކޯޓަށް އަންގައިފައިވަނީ މުޅި މައްސަލަ ބެލުމަށް ކަމަށެވެ. ނަމަވެސް ޝަރީއަތުގެ ކުރީގެ މަރުހަލާގައި ކުރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލައިފައިވާ ކަމަށާއި އެހެން އަލުން މައްސަލަ ބެލުމަށް ހުކުމް ކުރާ ކަމަށެވެ.

ކުރިމިނަލް ކޯޓުގައި މިއަދު އެ މައްސަލައިގެ ޝަރީއަތް އަލުން ފެށި އިރު، ޝަރީއަތަށް ހާޒިރުވީ ހަމައެކަނި ޝިފްރާޒެވެ. މަސްއޫދު އުޅޭތަނެއް ކޯޓަށް އެނގިފައިނުވާތީ ޗިޓު ރައްދު ރައްދުކުރެވިފައެއް ނުވެއެވެ.

މި މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް ޒިހުނީ ވިދާޅުވީ މި މައްސަލައިގައި ދެން ބާއްވާ އަޑުއެހުމަކަށް މަސްއޫދު ހާޒިރުކުރެވޭތޯ ބަލާނެ ކަމަށެވެ.

ގާޒީ ވަނީ ޝިފްޒާރަށް ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ ފުރުސަތެއް ދެއްވައިފައެވެ.