ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ މެންބަރެއް ކަމަށް ތުހުމަތުކޮށް، ޓެރަރިޒަމާ ގުޅޭ ދައުވާތަކެއް ކޮށްފައިވާ ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް ބަންދުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.
ފުލުހުން ހޫދު ހައްޔަރުކޮށްފައިވަނީ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އަދި ޔޫރަޕްގެ ތަހުގީގީ އިދާރާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހުގައެވެ.
ދައުލަތުން ވަނީ ހޫދުގެ މައްޗަށް ފަސް ދައުވާއެއްކޮށްފައެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ 53 އަހަރުގެ ހުކުމެއް އަންނާނެ އެވެ.
- އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ - 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް.
- އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއާތެއްގެ ލިޔެކިޔުންތައް ފެތުރުން - 10 އަހަރާއި 15 އަހަރާ ދެމެދުގެ ހުކުމެއް.
- ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުން. - 10 އަހަރާއި 15 އަހަރާ ދެމެދުގެ ހުކުމެއް.
- ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން - ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ހުކުމެއް.
- ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން. - އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް.
ހޫދު ވަނީ ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިސް ވެރިންނާއި އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާ ދިނުމަށް ގޮވާލާއި 2015 އިން ފެށިގެން ޓެލްގްރާމް އަދި އެހެނިހެން އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި އައިއެސްގެ ޕްރޮޕެގެންޑާ ފަތުރައިިފައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާ ވަނީ ރާއްޖޭގައި ހުރެގެން ހަތް އަހަރު ވަންދެން އައިއެސްގެ ސެލްއެއް ހިންގައިފައި ކަމަށް ފުލުހުން ބުނެފައިވެއެވެ. ހޫދަކީ 2010 ވަނަ އަހަރު ވިލިމާލޭގައި ހަ މީހުންގެ ގްރޫޕަކުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ދައުވާ އުފުލުނު މީހެކެވެ. އެކަމަކު އެ ދައުވާ ލިބުނު އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ.
ކުރިމިނަލް ކޯޓުގައި ހޫދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިއަށްދަނިކޮށް 16 އޮކްޓޫބަރު 2024 ގައި ބޭއްވި ހެކިބަސް ނެގުމުގެ ޝަރީއަތުގައި ހޫދުގެ ފަރާތުން ވަނީ އޭނާގެ ބަންދު މުރާޖާކޮށްދިނުމަށް އެދި ސިޓީއެއް ހުށަހަޅައިފައެވެ. އެ އަޑުއެހުމުގައި ކުރިމިނަލް ކޯޓުން ވަނީ ހޫދުު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކަނޑައެޅި އަމުރު 60 ދުވަހަށް ސަސްޕެންޑް ކުރުމަށް ފަހ،ު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފައެވެ. ކުރިމިނަލް ކޯޓުން މިފަދައިން ގޮތް ކަނޑައަޅާފައިވަނީ ހޫދަށް ގާނޫނީގޮތުން ލިބިގެން ނުވާ އިހުތިޔާރެއްގެ ތެރެއިން ދަށު ކޯޓަށް ހުށަހެޅި ހުށަހެޅުމަކަށް ބިނާކޮށް ކަމަށް ބަޔާންކޮށް ދައުލަތުން ވަނީ ކުރިމިނަލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ދައުލަތުން އިސްތިއުނާފުގައި ފާހަގަކޮށްފައިވަނީ ހޫދަށް، އޭނާގެ ބަންދު މުރާޖާއާކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ލިބިފައި ނުވާތީ، ކުރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށް ދިނުމަށެވެ.
ހައި ކޯޓުގެ މި އިސްތިއުނާފީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި ހުންނެވި ފަނޑިޔާރު ހުސައިން މަޒީދު މައްސަލައިގެ ރައުޔުގައި ވިދާޅުވީ މި މައްސަލައިގައި އުފެދިފައިވާ ގާނޫނޫ ސުވާލުތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ ކުށެއްގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުންނަ މީހާއަށް އެ މީހާގެ ބަންދު މުރާޖާއާ ކުރުމަށް އެދުމުގެ ހައްގު ހިފެހެއްޓޭ ގޮތަށް މާނަކުރެވިދާނެތޯއެވެ. އަދި ބަންދަށް ލުޔެއް ދިނުމަށް އެދިއްޖެނަމަ އެފަދައިން ގޮތެއް ނިންމައި ބަންދުން ދޫކޮށްލެވިދާނެތޯއެވެ.
ފަނޑިޔާރު ވިދާޅުވީ ޓެރަރިޒަމް މާނަކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ "އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު ނެތް ކަމަށް، މައްސަލައިގެ އެންމެހައި ކަންކަމަށް ރިއާޔަތްކުރާއިރު، ޕްރޮސިކިއުޓާ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު ބާތިލުކުރުމަށް އެދި ކޯޓަށް ހުށަހެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ." ކަމަށެވެ. އެހެންކަމުން ބަންދުގައި ހުންނަ މީހާއަށް އިންސާފުގެ ދޮރުގައި ޓަކި ޖެހުމުގެ ފުރުސަތު އެކީ އެއްކޮށް ހިފެހެއްޓިގެން ނުދާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ގާނޫނުއަސާސީގެ 16 ވަނަ މާއްދާއަށް ބެލުމުން މީހެއްގެ މައްޗަށް ކުށެއް ސާބިތުވެ، ޝަރީއަތުން ކޮށްފައިވާ ހުކުމެއް ނެތި ބަންދުގައި ހުންނަ ކޮންމެ މީހަކަށް ވެސް އެ މީހަކު ބަންދުން ދޫކޮށްލުމަށް އެދި ބަންދުކުރި ފަރާތުގެ ކިބައިން އެދުމުގެ ހައްގު ލިބިގެންވާކަން އެނގިގެންދާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން ބަންދުގައި ހުންނަ މީހާ ބަންދުން ދޫކޮށްދިނުމަށް އެދިއްޖެނަމަ އެކަމަށް ގޮތެއް ކަނޑައަޅަންވާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ގާނޫނީ ނަސްލުތަކުން އެނގޭ ގޮތުގައި ދައުލަތުން އެ ވިދާޅުވި ގޮތަށް ޓެރަރިޒަމްގެ މައްސަލަތަކުގައި ބަންދު މުރާޖާކޮށްދިނުމަށް އެދި ހުށަހެޅޭނީ ހަމައެކަނި ދައުލަތުގެ ފަރާތުން ނޫންކަން އެނގޭ ކަމަށެވެ.
ދައުލަތުން މި މައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަށް ބިނާކޮށް ދަށު ކޯޓުގެ ކޯޓު އަމުރު ބާތިލްކުރަން ޖެހޭ ގާނޫނީ ހަމައެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މި މައްސަލައިގެ ރައުޔުގައި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ އިސްތިއުނާފީ ނުކުތާގެ ތަފުސީލު ހުށަހަޅަމުން ދައުލަތުން ފާހަގަކޮށްފައިވަނީ ބަންދު އަމުރު މުރާޖައާކުރުމަށް ހޫދަށް ހުށަނޭޅޭނެ ކަމަށް ބުނެ ދަށުކޯޓުގައި އިއުތިރާޒުކުރިކަމަށެވެ. ނަމަވެސް ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގެ ވީޑިއޯ ރެކޯޑިން ހޯދައިގެން ބެލިބެލުމުން، އެފަދަ އިއުތިރާޒެއް ދައުލަތުން ދަށުކޯޓުގައި ފާހަގަކޮށްފައި ނުވާކަން އެނގެން އޮންނަ ކަމަށް ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވިއެވެ.
އިސްތިއުނާފީ މައްސަލަތައް ބެލުމުގެ މައިގަނޑު އާންމު އުސޫލަކ،ީ ދަށުމަރުހަލާގައި ހުށަހަޅާފައި ނުވާ ކަންކަން އިސްތިއުނާފުގައި ބަލައި ނުގަތުން ކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ. ދަށު ކޯޓުގައި ފާހަގަ ނުކުރާ ކަމަކަށް ބިނާކޮށް ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކޮށް އެ މައްސަލަ ކުރިއަށް ގެންދިޔުމުގެ ފުރުސަތު ކޯޓުތަކުގެ ގާނޫނުން ދަށުން ލިބިގެން ނުވާ ކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ.
އެހެންވެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ. ފަނޑިޔާރުގެ ޝަފީއުގެ އެ ރައުޔަށް ފަނޑިޔާރު ހުޒައިފާ މުހައްމަދު ވަނީ ތާއީދުކުރައްވައިފައެވެ.
ޖުމުލަ ގޮތެއްގައި ރައުޔު އެކިއެކި ގޮތްގޮތަށް ހުރިނަމަވެސް ތިން ފަނޑިޔާރުން އިއްތިފާގުވާ ކަމަކީ ދައުލަތުން ހުށަހަޅައިފައިވާ ކަންކަމަށް ރިއާޔަތްކޮށް މި އިސްތިއުނާފީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ފަނޑިޔާރު މަޒީދު ވިދާޅުވީ ކުރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްދިނުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހަޅައިފައިވާ އިސްތިއުނާފީ ނުކުތާގެ މައްޗަށް ބިނާކޮށް މި އިސްތިއުނާފު ކުރިއަށް ގެންދާނެތަނެއް ނެތް ކަމަށް މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު