އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ރޭ ކުޅުނު މެޗުގައި އެންމެފަހުން ހަތަރު ސީޒަނުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށްފިއެވެ.
ލިވަޕޫލުން އަމިއްލަ ދަނޑުގައި ރޭ ސިޓީ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ލިވަޕޫލަށް ވަނީ ތާވަލުގެ އެއްވަނައިގައި ނުވަ ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެއީ 13 މެޗުން 34 ޕޮއިންޓާއެކުގައެވެ. އެޓީމާ އެންމެ ގާތުން ވާދަކުރަމުންދަނީ އާސެނަލާއި ޗެލްސީ އެވެ.
އާސެނަލާއި ޗެލްސީއަށްވެސް 13 މެޗުން 25 ޕޮއިންޓް ލިބިފައިވާ އިރު، ދެޓީމުގެ ދެމެޗުގައި ފައިދާ ގޯލުގެ އިތުރުން ޖެހި ގޯލާއި ކޮޅަށް ވަން ގޯލުގެ ފަރަގެއްވެސް ނެތެވެ. އާސެނަލް މިވަގުތު ދެވަނައިގައި އޮތީ އިނގިރޭސި އަކުރުތަކުގެ ތަރުތީބަށް ބަލައިގެންނެވެ. ޗެލްސީ އޮތީ ތިންވަނައިގައެވެ.
އެންމެފަހުން ކުޅުނު ހަތް މެޗުންވެސް މޮޅެއް ހޯދިފައި ނުވާ ސިޓީ މިވަގުތު ތާވަލުގެ ފަސްވަނައިގައި އޮތީ 13 މެޗުން 23 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗަށް ސިޓީން ނުކުތީ އާއްމުކޮށް އެޓީމުގެ ފުރަތަމަ 11 ގައި ފެނިގެންދާ ގޯލްކީޕަރު އެޑަސަންގެ ބަދަލުގައި ސްޓެފަން އޮރްޓޭގާ ފުރަތަމަ 11 ގައި ހިމަނައިގެންނެވެ. އޭނާއަށް މެޗުގެ ކުރީކޮޅުގައި ވެސް ބޮޑެތި ޗެލެންޖްތަކަކާ ކުރިމަތިވިއެވެ. ފުރަތަމަ މިނެޓުން ފެށިގެންވެސް ލިވަޕޫލުން ކުރިއަށް ޖެހި ސިޓީ ހާސްކަމަށް ވައްޓާލާފައިވާ އިރު، އޮރްޓޭގާ ވަނީ ކުރީކޮޅުގައި ޑޮމިނިކް ޒޮބޮސްލާއީއާއި ކޯޑީ ގަކްޕޯގެ ހަމަލާތައް މަތަކޮށްފައެވެ.
އޭގެފަހުން ވާޖިލް ވެން ޑައިކަށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅަ ދަނޑިއަށްވެސް އަމާޒުވެފައިވާ އިރު، 12 ވަނަ މިނެޓުގައި ލިވަޕޫލުން ލީޑު ނެގީ ގަކްޕޯ ޖެހި ގޯލަކުންނެވެ. އެ ގޯލަކީ މުހައްމަދު ސަލާހް އަރިމަތިން ހުރަސްކޮށްދިން ބޯޅައިގައި އޭނާ ޖެހި ގޯލެކެވެ.
ދެވަނަ ހާފުގައިވެސް ސިޓީގެ ފަރާތުން މާ ބޮޑު ނުރައްކަލެއް ފެނިގެން ގޮސްފައި ނުވާ އިރު، 78 ވަނަ މިނެޓުގައި ލިވަޕޫލުން ދެވަނަ ގޯލެއް ޖަހައި މެޗުން ތިން ޕޮއިންޓް ޔަގީންކުރިއެވެ. އެއީ ސަލާހް ޖެހި ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ.
ޑަވިން ނުނިއޭޒް، ރުބެން ޑިއާޒް އަތުން ހޯދި ބޯޅައިގެ ފައިދާ ނަގައި ލުއިސް ޑިއާޒް އޭރިއާ ތެރެއަށް ވަނުމުން އޮރްޓޭގާ ކުރި ފައުލަށް ލިބުނު ޕެނަލްޓީ ސަލާހް ގޯލަށް ވައްދާލީ ހަމަޖެހިލައިފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު